ޚަބަރު

އުރީދޫގެ 2024ގެ ކަލަންޑަރު، ދިވެހިންގެ އުފެއްދުންތެރި "އަތޮޅު ދުވުން" ގޭމާއެކު ތަފާތު!

ފާތިމަތު ލިޔުޝާ

ދިވެހިންގެ އުފެންދުންތެރި، ރާއްޖޭގެ އުތުރުން ދެކުނަށް ދުވާ ގޭމަކުން، އަންނަ އަހަރުގެ އުރީދޫ ކަލަންޑަރު ހާއްސަކޮށްފިއެވެ.

މިފަހަރު އުރީދޫ މޯލްޑިވްސް އިން އިފްތިތާހު ކުރި އަންނަ އަހަރުގެ ކަލަންޑަރާއެކު ތައާރަފުކުރި "އަތޮޅު ދުވުން" ގޭމަކީ، ހުރިހާ އުމުރުފުރާއަކަށް ބައިވެރިވެވޭ ގޮތަށް ރާއްޖޭގައި ތައްޔާރުކުރި ފުރަތަމަ އެންޑްލަސް ރަނާ ޖޯންރާގެ ގޭމެވެ.

ކުރީގެ "ޓެމްޕަލް ރަން" ގޮތަށް ފަރުމާކޮށަށްފައިވާ އެ ގޭމްގައި 12 ރަށެއްގެ އެކި މަގުތަކުގައި ދުވަންޖެހެއެވެ. އަދި ގިނަ "ކޮއިންސް" ހޯދައި ރާއްޖޭގެ އެކި ރަށްތަކުގެ މަގުތަކުގައި ގޭމްއެއްގެ ޒަރިއްޔާއިން ދުވުމުގެ ފުރުސަތު ލިބެއެވެ.

އުރީދޫން ބުނީ ގިނަ އަތޮޅު ނިންމާ ވަރަކަށް ލިބޭ ކޮއިންސް އިތުރުވުމުން ގޮސް، މަސް ނިމުމުން އެންމެ ގިނަ ކޮއިންސް ހޯދާ ފަރާތަކަށް ހަދިޔާ ދޭ ގޮތަށް ހަމަޖައްސަން މަސައްކަތް ކުރާ ކަމަށެވެ.

އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒް ވިދާޅުވީ އެ ގޭމްގައި އުޅޭ ކުޑަކުއްޖާ އަކީ އުރީދޫން ގެނެސްދެމުންގެންދިޔަ އިސްތިހާރު، "ހަސަނަށް ފޯނެއް"ގައި އުޅޭ ރާއިދުގެ ކެރެކްޓާ ކަމަށެވެ.

އެ ގޭމްގެ ތެރެއިން ސިނަމާލެ ބުރިޖުގެ އިތުރުން ރާއްޖޭގެ ސަގާފަތާއި މިސްކިތްތައް އަދި ރޯދަ މަހަށް ވެސް ތަފާތު ދުވުމެއް ގޭމުން ފެނިގެންދާގޮތަށް ފަރުމާ ކުރެވޭތޯ މަސައްކަތް ކުރަމުންގެންދާ ކަމަށާއި ގޭމް ހަދާފައިވަނީ ދިވެހި ޒުވާން ހުނަރުވެރިން ކަމަށެވެ. ރާއްޖޭގެ އުތުރުން ފަށައި ދެކުނުން ނިންމަން ޖެހޭ އެ ގޭމްގައި ކޮންމެ މަހަކުވެސް އާ އިތުރު ދޮރުތައް ހުޅިވިގެންދާނެ ކަމަށް އުރީދޫން ބުންޏެވެ.

އެ ގޭމް ފަރުމާކުރި "ލޫޕް ކްރާފްޓް ގޭމިން"ގެ ސީއީއޯ، މުހައްމަދު ޝަމްހީލް ވިދާޅުވީ އެ ގޭމްގެ ތެރޭގައި ދުވުމުގެ އެކި މަރުހަލާތައް ކަޑައްތު ކުރަން ޖެހޭގޮތަށް ފަރުމާކުރެވިފައިވާ ކަމަށެވެ.

"އަޅުގަނޑުމެން އަބަދުވެސް މަސައްކަތް ކުރަނީ އަޅުގަނޑުމެންނާއި އަޅުގަނޑުމެންގެ އޯޑިއަންސް ޝައުގުވެރިވާ ކަހަލަ މަސައްކަތެއް ކުރުމަށް. މި ގޭމުގެ ޒަރީއާއިން އުރީދޫ މޯލްޑިވްސްގެ އުފާވެރިކަމާއި އެކުވެރިކަން ރަމްޒުކޮށްދެވޭނެ ކަމަށް އުއްމީދުކުރަން. މި ފުރުސަތު ދެއްވީތީ، އުރީދޫ މޯލްޑިވްސްގެ ޓީމަށް ވަރަށް ބޮޑަށް ޝުކުރިއްޔާ،" ޝަމްހީލް ވިދާޅުވިއެވެ.

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން، އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ހާލިދް އަލް ހަމާދީ ވިދާޅުވީ، "މިހާރުގެ ޖީލަކީ ކޮންމެ ކަމެއްވެސް ފޯނުގެ ޒަރިއްޔާއިން އެނގެން ބޭނުންވާ ކުދިން. އެއީ ގަޑި ބަލައިލުން ކަމަށް ވިޔަސް، ތާރީހު ބަލަން ވިޔަސް ރޯދަމަސް އަންނަ ދުވަސް ބަލައިލުން ކަމަށްވިޔަސް ފޯނަކީ އެ ހުރިހާ ކަމެއް އޮޅުފިލުވައިދޭ ވަސީލަތެއް،" ކަމަށެވެ.

ސީއީއޯ ހާލިދް އަލް ހަމާދީ ވިދާޅުވީ އަހަރުގެ ކަލަންޑަރު ތަފާތު ގޮތަކަށް ކޮންމެ އަހަރަކުވެސް ނެރުން ވަނީ ގޮންޖެހުމަކަށް ކަމަށާއި ނަމަވެސް 2024 ވަނަ އަހަރުގެ އުރީދޫ ކަލަންޑަރު ފަރުމާކުރުމަށް ވިސްނީ ރާއްޖޭގެ ރަށްތަކުގެ މާހައުލާއި އެމީހުންގެ ދިރިއުޅުމާއި އަދި ރާއްޖޭގެ ރައްޔިތުންނަށް ކަމަށެވެ. ކުޑަކުދިންގެ އިތުރުން ބޮޑެތި މިހުންނަށްވެސް ޝައުގުވެރިވާ ގޮތަކަށް ހަދާފައިވާ ގޭމާއެކު ތައްޔާރުކުރެވިފައިވާ ކަލަންޑަރަކީ ރާއްޖޭގެ ފެނުން ދިރިގެން ފަރުމާވެގެން އައި ކަލަނޑަރެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

އުރީދޫގެ ކަލަންޑަރު އިފްތިތާހުކޮށްދެއްވައި ސަގާފަތާ ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހީމް ވިދާޅުވީ، އުރީދު ކަލަންޑަރު 2024 ފަރުމާކުރީ ދިވެހިންގެ އަތްތަކުން ދިވެހިންގެ ސިކުނޑިންކަން އެނގުމުން، ވިސްނުންދިޔައީ މާ ދުރު ހިސާބަކަށްކަން އެނގޭ ކަމަށާއި އެއީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ކަލަންޑަރެއް އިންޓަރެކްޓިވްކޮށް ފަރުމާކުރެވިގެން ދިއުމުން ކަމަށެވެ.

"މި ކަލަންޑަރު އަދި ގޭމަކީ ޒުވާނުންނަށާއި ދިވެހިން ކުރިއެރުވުމަށް އަދި އީޖާދީ ޓެކްނޮލޮޖީ ކުރިއެރުވުމަށް އުރީދޫ މޯލްޑިވްސްއިން ދޭ އަހައްމިއްޔަތުކަން ވަރުގަދަކުރުމުގެ ހެއްކެއް. މިއީ ސުމޭ ދުނިޔެ (ޓެކްނޮލިޖީގެ ދުނިޔެ) ދިވެހިވަންތަ ގޮތަކަށް ފަރުމާ ކުރެވިގެން ނެރުނު ފުރިހަމަ ދިވެހިންގެ ވިސްނުމާއި ސިކުނޑިވެސް ތަރައްގީވެފައިވާ މިންވަރު ދައްކުވައިދޭ ގޭމެއް،" ވަޒީރު ވިދާޅުވިއެވެ.

ވަޒީރު އިތުރަށް ވިދާޅުވީ، މިއީ ދިވެހިންގެ ފަރާތުން ދިވެހިންނަށް ތައްޔާރުކޮށް ދިވެހިންގެ ހުނަރުވެރިކަން ފެނިގެންދާނެ ގޭމެއް ކަމަށެވެ. އަދި އުރީދޫގެ އަންނަ އަހަރުގެ ކަލަންޑަރު ގޭމްގެ ސަބަބުން އެކަކު އަނެކަކާއި އޮންނަ ގުޅުން ބަދަހިވެ، ގޭމެއްގެ ތެރެއިން ރާއްޖޭގެ ރަށްތައް ބަލައިލެވި، އިތުރު ރަށްތަކެއްގެ މައުލޫމާތު ފެތުރިގެންދާނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ.