ޚަބަރު

ގައުމެއްގެ މިސާލަކީ އާއިލާއެއްގެ މިސާލު، ދެކެން ބޭނުންވަނީ މާޒީން ފެނުނު ގުޅުންތެރިކަން: ރައީސް

މުހައްމަދު އިޝާން

އެ މަނިކުފާނު ދެކެން ބޭނުންވަނީ މާޒީން ފެނުނު އެކުވެރިކަމާއި ގުޅުންތެރިކަމުގެ ދުވަސްތައް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ދަރުބާރުގޭގައި މިރޭ ބޭއްވި ގައުމީ އެއްބައިވަންތަކަމުގެ ދުވަހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖޭގެ މިހާރުގެ ހާލަތަށް ވިސްނާލާއިރު، އާއިލީ ގުޅުންތައް ހަރުދަނާ ކުރަން ޖެހިފައިވާ ކަމަށެވެ. އަދި އެކަކު އަނެކަކުގެ އަބުރަށާއި އިއްޒަތަށް ހުރުމަތްތެރިކޮށް ހިތައި، އެކަމަށް މަގުދައްކާ ބަޔަކަށްވާންޖެހޭ ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑު ދެކެން ބޭނުންވަނީ އެ ދުވަސް. މާޒީން އަޅުގަނޑުމެން ދެކެފައިވި އެކުވެރިކަމުގެ ދުވަސް، ގުޅުންތެރިކަމުގެ ދުވަސް. މިއަދު އަޅުގަނޑުމެން ފާހަގަކުރަމުން މިދާ ގައުމީ އެއްބައިވަންތަކަމުގެ ދުވަސް އަޅުގަނޑުމެންނަށް ދޭ ފިލާވަޅަކީ އެއީ" ރައީސް ވިދާޅުވިއެވެ.

ދިވެހިންގެ މެދުގައި އޮތް އެއްބައިވަންތަކަމުގެ ނަސީބާއި ނިއުމަތް ދަމަހައްޓަންޖެހޭކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، ކުރިއެރުމާއި ކާމިޔާބީގެ އަސްލަކީ އެކުވެރިކަން ކަމަށެވެ. ދިވެހިން މިއަދު ބޭނުންވަނީ އެކުވެރިކަމާއި އަވަސް މިނުގައި ތަރައްގީ ކަމަށާއި އެހެންކަމުން އެއްބައިވަންތަކަމުގެ ދުވަހު ލިބިގަންނަންވި ފިލާވަޅަކީ އެކުވެރިވެ، ދެބަސްވުންތަކުންނާއި ބައިބައިވުންތަކުން ދުރުހެލިވުން ކަމަށް ވިދާޅުވިއެވެ.