މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމްޕީއެލް) ގެ އިންޓާންޝިޕް ޕްރޮގްރާމް ފަށައިފިއެވެ.
އެ ކުންފުނިން އިއްޔެ ބުނީ އެ ޕްރޮގްރާމްގެ ތެރެއިން އެކި ހުނަރުތައް ދަސްކޮށްދީ، އެމްޕީއެލްގެ ޕޯޓް މަސައްކަތު މާހައުލުގައި ތަޖުރިބާކާރުންނާ އެކީ އަމަލީ ގޮތުން ޕްރޮގްރާމްގެ ބައިވެރިންނަށް ތަޖުރިބާ ހޯދުމުގެ ފުރުސަތު ދޭނެ ކަމަށެވެ. އަދި ގްރޭޑް 9، 10. 11 އަދި 12 ގައި ތައުލީމު ހާސިލުކުރާ ދަރިވަރުންނަށް މަސައްކަތުގެ މާހައުލުން އަމަލީ ގޮތަށް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
އެމްޕީއެލްގެ ލާނިން އެންޑް ޑިވެލޮޕްމަންޓް ޑިޕާޓްމަންޓް (އެލްޑީޑީ) އިން އިސްނަގައިގެން ހިންގާ އެ އިންޓާންޝިޕް ޕްރޮގްރާމްގައި ކުރިއަށް ދާނީ އަންނަ މަހުގެ ހަތަރު ވަނަ ދުވަހުގެ ނިޔަލަށެވެ. އިންޓާންޝިޕްގައި 13 ކުދިން ބައިވެރިވެފައިވެއެވެ.
އެ އިންޓާންޝިޕް ޕްރޮގްރާމްގައި މަސައްކަތުގެ މާހައުލުގައި ދަރިވަރުންނަށް މަސައްކަތާ ގުޅުންހުރި ހުނަރާއި މައުލޫމާތު ދިނުމަށް ހަމަޖެހިފައިވަނީ އެކަމަށް ހާއްސަ މީހުންގެ ފަރާތުން ކަމަށް އެމްޕީއެލުން ބުންޏެވެ.
އެ ޕްރޮގްރާމްގެ އެންމެ ބޮޑު އެއް ބޭނުމަކީ އެމްޕީއެލްގައި ހުރި ވަޒީފާގެ ފުރުސަތުތަކާއި ދާއިރާތަކަށް ދަރިވަރުން އަހުލުވެރިކޮށް، މެރިޓައިމްއާ ގުޅުން ހުރި ދާއިރާތަކަށް އެކުދިން ޝައުގުވެރިކުރުމާއި ޕޯޓުގައި ކުރާ މަސައްކަތްތަކާމެދު ދަރިވަރުން އަހުލުވެރިކުރުވުން ކަމަށް ވެސް އެމްޕީއެލް އިން ބުންޏެވެ.