އިބްރާހިމް ޒަކީ
މިހާރު އޮތް 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ އުމުރު ހަމަވާންދާއިރު، މި މަޖިލީހުގެ މެންބަރުން ވިދާޅުވި ގޮތަށް ތަފާތު ކަންތައްތަކެއް މަޖިލީހުން ފެނިގެންދިޔައެވެ. ހަމަ އެއާއެކު މީގެ ކުރީން އޮތް 18 ވަނަ މަޖިލީހާ އެއްގޮތް ކަންތައްތަކެއްވެސް ފެނިގެންދިޔައެވެ.
އޭގެ ތެރޭގައި މަޝްހޫރު 12 މެންބަރުންގެ މައްސަލަ އާއި މަޖިލިސް ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅުމާއެކު މަޖިލިސް ކުރިއަށް ނުގެންދަން ތަޅު އެޅުވުން ފަދަ ބައެއް ކަންކަން ފާހަގަ ކޮށްލެވެއެވެ.
މިހާރު އޮތް 19 ވަނަ މަޖިލީހުގެ ސުޕަ މެޖޯރިޓީ އެމްޑީޕީއަށް ލިބުނުގޮތަށް، 85 މެންބަރުން ތިއްބެވި 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ އޭރު އޮތް ޕީޕީއެމްގެ ސަރުކާރަށް ލިބުނެވެ. އެއީ ޕީޕީއެމްގެ 48 މެންބަރުންނާއި، ކޯލީޝަން ޕާޓްނަރު ކަމަށްވާ މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް (އެމްޑީއޭ) ގެ ހަތް މެންބަރުންނާއެކު ޖުމުލަ 55 މެންބަރުން ހިމެނޭގޮތަށެވެ.
ނަމަވެސް ޕީޕީއެމްގެ އެތެރޭގައި އުފެދުނު މައްސަލަގަނޑުގައި އިދިކޮޅު ފަރާތްތަކާ ގުޅިގެން ޕީޕީއެމްގެ 12 މެންބަރަކު އިސްވެ ތިބެ، އިތުރު 48 މެންބަރުންގެ ސޮޔާއެކު މަޖިލީހުގެ އޭރުގެ ރައީސް އަބުދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދިއެވެ. އެ ކަންތައްގަނޑާ ގުޅިގެން ސޮއި ކުރި މެންބަރުން ވަނަނުދިނުމަށް މަޖިލީހުގައި ތަޅުއަޅުވައި، މަޖިލީހަށް ވަންނަން އުޅުމުން މެންބަރުންވެސް، ސިފައިން ބޭނުން ކޮށްގެން މަޖިލީހުން ނެރުމުގެ އިތުރުން، އެ 12 މެންބަރުން މަޖިލީހުގެ މެންބަރުކަމުން ވެސް ވަކި ކުރިއެވެ. އެކަން ކުރީ ޝަރުއީ ނިޒާމުގެ ބޭނުންކޮށްގެންނާއި، ޕާޓީން ވަކިކުރާ މެންބަރުންނާއި ޕާޓީން ވަކިވާ މެންބަރުންނާއި ޕާޓީ ބަދަލު ކުރާ މެންބަރުންނަށް މަޖިލީހުގެ ގޮނޑި ގެއްލޭގޮތަށް ހެދި މަޝްހޫރު (އެންޓި ޑިފެކްޝަން) ގާނޫނުގެ ބޭނުން ކޮށްގެންނެވެ.
ރައްޔިތުންގެ މަޖިލީހުގެ އޭރުގެ މެޖޯރިޓީ ޕާޓީ، ޕީޕީއެމްގެ ޕީޖީ ލީޑަރު ވިލިމާލޭ ދާއިރާގެ މަޖިލިސް މެންބަރު އަހުމަދު ނިހާން ހުސެން މަނިކު މަޖިލީހަށް ހުށަހަޅުއްވައިގެން ފާސްކުރި މިބިލު 14 މާޗް 2018 ގައި އޭރުގެ ރައީސް އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމު ތަސްދީގު ކުރައްވައި އަމަލު ކުރަން ފެއްޓެވި ނަމަވެސް އޭގެ ނުވަ މަސްފަހުން، ހަމަ އެ ޕާޓީގެ ޑެޕިއުޓީ ޕީޖީ ލީޑަރު ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒު ރަޝީދު މަޖިލީހަށް ހުށަހަޅުއްވައިގެން، އެ ގާނޫނު އުވާލަން ފާސްކުރި ބިލު ހަމަ އެ ރައީސް، 13 ނޮވެމްބަރު 2018 ގައި ތަސްދީގު ކުރައްވައި އަމަލުކުރަން ފެށިއެވެ.
އަށާރަ ވަނަ މަޖިލީހުގައި އެކަންތައް ދިޔަ ގޮތާ ތަފާތު ތަކެއް ހުރި ނަމަވެސް މި ފާއިތުވި އަހަރު 19 ވަނަ މަޖިލީގުގައި ވެސް ހަމަ އެ މައްސަލަތައް އެފަދަ ގޮތަކަށް ވަނީ ހިނގައިފައެވެ. އޭގައި ހިމެނެނީ މަޖިލިސް ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ އެވެ. މަޖިލީހުގައި މަރު ތަޅު އެޅުވުމެވެ. ޝަރުއީ ނިޒާމުގެ ބޭނުން ހިފަން ޖެހުމެވެ. އަދި ހަމަ 12 މެންބަރަކު މެޖޯރީ ޕާޓީން ވަކިވެގެން ދިއުމެވެ.
އަށާރަވަނަ ރައްޔިތުންގެ މަޖިލީހެކޭ އެއްގޮތަށް، 65 މެންބަރުންނާއެކު، 87 މެންބަރުން ހިމެނޭ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ އެމްޑީޕީގެ ސަރުކާރަށް ލިބުނެވެ.
ނަމަވެސް އަހަރު ތެރޭގައި އިސްދޫ ދާއިރާގެ މެންބަރު އަލީ ހަމީދު ޖުމްހޫރީ ޕާޓީ (ޖޭޕީ)ން ވަކިވެ އެމްޑީޕީއާ ގުޅިވަޑައިގަތުމާއި، އަމިއްލަ މެންބަރު، ނިލަންދޫ ދާއިރާގެ އަބްދުލް މުހުސިން ހަމީދު (ޖޭފޯ) އެމްޑީޕީއަށް ސޮއި ކުރެއްވުމުގެ އިތުރުން، ގުރައިދޫ ދާއިރާގެ ޕީޕީއެމް މެންބަރު އިބްރާހިމް ރިޒާ އަވަހާރަ ވުމާ ގުޅިގެން ބޭއްވި ބައި އިލެކްޝަން އިބްރާހިމް ޝާޒު ކާމިޔާބު ކުރައްވައިގެން ފުރަތަމަ ފަހަރަށް އެމްޑީޕީއަށް ލިބުނު ގުރައިދޫ ދާއިރާގެ ގޮނޑިއާއެކު 2023 ވަނަ އަހަރު މަޖިލީހުގައި އެމްޑީޕީގެ 68 މެންބަރުން ތިއްބެވިއެވެ. އޭގެ ތެރޭގައި "ފިކުރެއްގެ ދިރުން" ނަމުގައި ރައީސް ނަޝީދު ހިމެނޭހެން އެ މަނިކުފާނުގެ ފެކްޝަނުގައި 14 މެންބަރުން ހިމެނިވަޑައިގަންނަވައެވެ.
އެހެންކަމުން އަހަރުތެރޭގައި އެމްޑީޕީގެ ގިނަ މަޖިލިސް މެންބަރުންތަކެއް އެ ޕާޓީން ވަކިވެވަޑައިގެން އާ ޕާޓީއެއް އުފެއްދުމާއި، އެހެން ބައެއް ޕާޓީތަކުގެ މެންބަރުންނަށް އައި ބަދަލާ އެކު އަހަރު ނިމުނު އިރު މަޖިލިސް ތަޅުމުގައި ހިމެނޭ މެންބަރުންގެ ނިސްބަތަށް ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ.
އެތެރޭގެ ކޯޅުން ބޮޑުވެ، އެމްޑީޕީތެރޭގައި ހުޅުރޯވީ އެ ޕާޓީގެ ކުރީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރުގެ ގޮތުގައި ހުންނެވި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ޕާޓީން ވަކި ކުރުމުންނެވެ. އޭނާ ވަކިކުރީ އަމިއްލަ ޕާޓީ ނިސްބަތްވާ ސަރުކާރުގެ އެޓާނީ ޖެނެރަލް އިބްރާހީމް ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި އިދިކޮޅު މެންބަރުންނާއެކު ސޮއި ކުރެއްވުމުންނެވެ.
2023 ވަނަ އަހަރުގެ މެއި މަހުގެ 17 ވަނަ ދުވަހު މަޖިލީހުގެ ނާއިބު ރައީސް އީވާ އަބުދުﷲ ހިމެނޭގޮތަށް ނަޝީދު ފެކްޝަނުގެ 12 މެންބަރުން އެމްޑީޕީން ވަކިވިއެވެ.
އޭގެ ފަހުން ޖޫން މަހުގެ ތެރޭގައި މައްޗަންގޮޅީ މެދު ދާއިރާގެ މެންބަދު ރައީސް މުހައްމަދު ނަޝީދާއި ހިތަދޫ މެދު ދާއިރާގެ މެންބަރު އަހްމަދު ރަޝީދު އެމްޑީޕީން ވަކިވެވަޑައިގެން ޑިމޮކްރެޓްސްއާ ގުޅިވަޑައިގަތުމާއި، ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު އެމްޑީޕީން ވަކިވެވަޑައިގެން ޕީއެންސީއާ ގުޅިވަޑައިގަތުމުގެ އިތުރުން، އޯގަސްޓްމަހުގެ ތެރޭގައި ތޮއްޑޫ ދާއިރާގެ މެންބަރު ހަސަން ޝިޔާން އާއި ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބްދުއްލަތީފު ދަ ޑިމޮކްރެޓްސް އިން ވަކިވެވަޑައިގެން، އަލުން އެމްޑީޕީއާ ގުޅިވަޑައިގެންނެވި ނަމަވެސް އެމްޑީޕީ މެންބަރުންގެ އަދަދު 56 އަށްވުރެ މައްޗަކަށް ނުދިޔައެވެ. އެކަމާ ގުޅިގެން އެމްޑީޕީއަށް ސުޕަ މެޖީރިޓީ ގެއްލުނެވެ. ނަމަވެސް މެޖޯރިޓީ އަދިވެސް އޮތީ އެމްޑީޕީއަށެވެ.
މިދިޔަ އަހަރު މަޖިލިސް ތަޅުމަށް ދެވަނައަށް އެންމެ ބޮޑު ބަދަލެއް އައީ، އެމްޑީޕީން ވަކިވެވަޑައިގެންނެވި މެންބަރުން ދަ ޑިމޮކްރެޓްސްގެ ނަމުގައި، އާ ސިޔާސީ ޕާޓީއެއް އުފެއްދެވުމާ ގުޅިގެންނެވެ.
އެކަމުގެ ސަބަބުން ރައްޔިތުންގެ މަޖިލީހުގައި އޮތް މައިނޯރިޓީ ޕާޓީގެ މަގާމު އޭރުގެ އިދިކޮޅު ޕީޕީއެމަށް ގެއްލުނެވެ. އޭރު މަޖިލީހުގައި ތިއްބެވީ ޕީޕީއެމްގެ ފަސް މެންބަރުންނެވެ. ދަ ޑިމޮކްރެޓްސް ރަޖިސްޓްރީ ކުރީ 13 މަޖިލިސް މެންބަރުންނާއެކުގައެވެ. ފަހުން ރައީސް ނަޝީދާއި އަހުމަދު ރަޝީދު ސޮއިކުރެއްވުމުން އެ ޕާޓީގެ މަޖިލިސް މެންބަރުންގެ އަދަދު 15 އަށް އެރިއެވެ.
ދެން މަޖިލިސް ތަޅުމަށް އެންމެ ބޮޑު ބަދަލެއް އައީ އަލަށް އައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ނާއިބު ރައީސްގެ ގޮތުގައި ފަރެސް މާތޮޑާ ދާއިރާގެ މެންބަރު ހުސެއިން މުހައްމަދު ލަތީފް ހަމަޖެހިގެން ދިއުމާއި، އެ ސަރުކާރުގެ ސިޔާސީ މަގާމުތަކަށް މަޖިލީހުގެ ބައެއް މެންބަރުން އައްޔަން ކުރެއްވުމުން އެ މެންބަރުން މަޖިލިސް މެންބަރުކަމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
އެ ބަދަލާ ގުޅިގެން މަޖިލީހުގެ އިތުރު ގޮނޑިތަކެއް ހުސްވިއެވެ.
އަހަރު ނިމިގެންދިޔައީ ވެސް ސިޔާސީ ބޮޑު ނިންމުމަކުންނެވެ. އެމްޑީޕީގެ 13 މެންބަރަކު ވެރިކަން ކުރާ މައި ޕާޓީ، ޕީއެންސީއާ ގުޅުން ވެގެން ދިޔައީ ބޮޑު "ޝޮކް" އަކަށެވެ. އޭގެ ތެރޭގައި ހިމެނުނު މެންބަރުންނަކީ މިދިޔަ ރިޔާސީ އިންތިހާބުގެ ކެމްޕޭންގައި އެމްޑީޕީގެ ކެންޑިޑޭޓް، ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ވަރަށް ބޮޑަށް ތައުރީފުކުރެއްވި މެންބަރުންނެވެ. އެ މެންބަރުން ކެމްޕޭންގައި ވާދަވެރި ކެންޑިޑޭޓް، ރައީސް ޑރ. މުހައްމަދު މުއިއްޒަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ގެންދެވިއެވެ.
އެ މެންބަރުންގެ ތެރެއިން އެންމެ ބޮޑަށް ފާހަގަކޮށްލެވުނު ނަމަކީ މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް (މަވޯޓާ) އާއި ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދުގެ ނަމެވެ. އެ ބޭފުޅުންނަކީ މަޖިލިސް ތެރޭގައި ރައީސް ސޯލިހުގެ ދިފާއުގައި އެންމެ ބޮޑަށް ވާހަކަދެއްކެވި މެންބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ މެންބަރުންނެވެ.
އެ މެންބަރުން ޕީއެންސީއާ ގުޅިވަޑައިގަތުމުން މިހާރު މަޖިލީހުގައި ހިމެނިވަޑައިގަންނަވަނީ އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ 43 މެންބަރުންނެވެ. އަދި ޕީއެންސީގައި ހިމެނިވަޑައިގަންނަވަނީ 15 މެންބަރުންނެވެ. މަޖިލީހުގައި މެޖޯރިޓީ ޕާޓީގެ ގޮތުގައި އަދިވެސް އެމްޑީޕީ އޮތް އިރު، މިހާރު މައިނޯރިޓީ ޕާޓީއަކީ ޕީއެންސީ އެވެ. ކުރީން މައިނޯރިޓީ ޕާޓީއެއްގެ ގޮތުގައި އޮތް ދަ ޑިމޮކްރެޓްސްގައި މިހާރު ހިމެނިވަޑައިގަންނަވަނީ 13 މެންބަރުންނެވެ.
މަޖިލީހުގެ މި ދާއިރާތަކުގެ ގޮނޑި ހުސްވެފައިވީނަމަވެސް އިލެކްޝަންސް ކޮމިޝަނުން ބުނެފައިވަނީ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބީ ދައުރު ނިމެން ގާތްވެފައިވާތީ ދެން އެ ގޮނޑިތަކުގެ ބައި އިލެކްޝަން ނުބާއްވާނެ ކަމަށެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ، މަޖިލީހުގެ ގޮނޑިއެއް ހުސްވާތާ 60 ދުވަހުގެ ތެރޭގައި ބައި އިލެކްޝަން ބާއްވަން ޖެހޭނެ ކަމަށް ގާނޫނުގައި ބުނެފައިވާ ކަމަށެވެ. ނަމަވެސް މަޖިލީހުގެ ދައުރު ހަމަވާން ހަ މަސް ދުވަހަށްވުރެ ކުރު މުއްދަތެއް އޮތް ކަމަށް ވަނީނަމަ ބައި އިލެކްޝަން ބާއްވައިގެން ނުވާނެ ކަމަށް ގާނޫނުގައި ބަޔާންކޮށްފައިވާ ކަމަށްވެސް ބުނެފައިވެއެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ ދެން އިންތިހާބު ކުރަން ޖެހޭ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު މިއަހަރުގެ މާޗު މަހުގެ ފަހުކޮޅު ނުވަތަ އޭޕްރީލް މަހުގެ ކުރީކޮޅަށް ތާވަލު ކުރަމުން އަންނައިރު، އެ އިންތިހާބާ ދޭތެރޭގައި ހަ މަސް ދުވަސް ނެތް ކަމަށެވެ. އެހެންކަމުން ގާނޫނު ބުނާ ގޮތުން ހުސްވި ގޮނޑިތަކުގެ ބައި އިލެކްޝަންތައް ނުބާއްވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައެވެ.
މި ބަދަލުތަކާއެކު މިދިޔަ އަހަރަކީ މަޖިލިސް ތަޅުމަށް ބޮޑު ބަދަލުތަކެއް އައި އަހަރެކެވެ. މެންބަރުންގެ އަދަދުތަކަށް ގިނަ ބަދަލުތަކެއް އައުމުގެ އިތުރުން 19 ވަނަ މަޖިލީހަކީ އެހެން ގޮތްގޮތުން ވެސް ތަފާތު މަޖިލީހެކެވެ. އެ ގޮތުން އެންމެ ބޮޑު އެއް ތަފާތަކީ މަޖިލިސް ތަޅުމުގައި ޑްރާމާ ބޮޑުކަމެވެ. ރައްޔިތުންގެ މަސްލަހަތަށްވުރެ އަމިއްލަ މަސްލަހަތު އިސްކުރެއްވިތަން އެތައް ފަހަރަކު ފެނިފައިވެއެވެ. ވޯޓުގެ ބޮކިތައް ގިނަ ފަހަރު ދިއްލެވީ ތިމާ ނިސްބަތްވެވަޑައިގަންނަވާ ސިޔާސީ ޕާޓީން އަންގާ ގޮތް، އެއީ އެންމެ މޮޅުގޮތް ކަމަށް ބައްލަވައިގެންނެވެ. ރުހޭ ކަމެއް ނަމަ މަދު މިނެޓުކޮޅަކުން މައްސަލަތައް ނިމޭތަން ފެނުނެވެ. ހަމަ އެގޮތަށް ނުރުހިއްޖެ ނަމަ، އެއީ ބޮޑު ޑްރާމާއަކަށްވެ، ގޮނޑިއާއި އެކު މަޖިލީހުގައިވެސް ތަޅު އަޅުވައި، ސުޕްރީމް ކޯޓުން ނޫނީ ގޮތެއް ނުނިމޭ ހިސާބަށް ދިޔަތަންވެސް ފެނުނެވެ.