ޚަބަރު

އަންނަ ހަފުތާގައި ވެސް މޫސޫން ގޯސްވެ ކަނޑު ގަދަވާނެ، ސަމާލުވޭ!

ފާތިމަތު ލިޔުޝާ

އަންނަ ހަފުތާގައި ވެސް މޫސުން ގޯސްވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް، އެކަމަށް ސަމާލުވުމަށް ރާއްޖޭގެ މޫސުމާ ބެހޭ އިދާރާ، މެޓް އޮފިހުން އިލްތިމާސްކޮށްފިއެވެ. .

މެޓް އޮފީހުން މިއަދު ބުނީ، ސްކޫލުތައް ބަންދުވުމާއެކު ގިނަ ބަޔަކު ކަނޑުމަގުން ދަތުުރުތައް ކުރާ އިރު، މޫސުމަށް ބަލައިގެން ދަތުރު ކުރުމަށް އެދޭ ކަމަށާއި ކުރިއަށް އޮތް ހަފުތާގެ ތެރޭގައި ރާއްޖޭގެ ގިނަ އަތޮޅުތަކެއްގެ ކަނޑުތައް އިތުރަށް ގަދަވެ ވައިބާރުވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

އެހެންކަމުން، ކަނޑުމަގުން ދަތުރުކުރާ ފަރާތްތަކުން ސަލާމަތާއި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށާއި، ފުރުމުގެ ކުރިން މޫސުމަށް ބެލުމަށްފަހު ދަތުރުތައް ރޭވުމަށް އިލްމާސްކުރާ ކަމަށެވެ. އަދި މެދުރާއްޖެތެރެއާއި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށާއި އުތުރުގެ ރަށްތަކަށް ވިއްސާރައިގެ އަސަރު ކުޑަވާނެ ކަމަށް މެޓް އޮފީހުން ލަފާކުރެއެވެ.

މި ދުވަސްވަރަކީ ވިއްސާރަވެ ވައިގަދަވާނެ ދުވަސްވަރަކަށް ވުމުން، ކޮންމެހެން ކުރަންޖެހިގެން ނޫނީ ކަނޑުދަތުރުތައް ނުކުރުމަށް މެޓް އޮފީހުން އިލްތިމާސްކުރެއެވެ.

ރާއްޖެއަށް މިހާރު ކުރަމުންދާ މޫސުމީ ވިއްސާރައިގައި، ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެންމެ ބޯކޮށް ވާރޭ ވެހިފައިވަނީ އައްޑޫ ސިޓީ ހިތަދޫ އާއި މާލެ ސިޓީއަށެވެ. އުތުރުގެ އެކި ހިސާބުތަކަށްވެސް ވިއްސާރައިގެ އަސަރުކޮށްފައިވާ ކަމަށް މެޓް އޮފީހުން ބުނެއެވެ.