ޚަބަރު

"ފުރަތަމަ" ނޫސް އަންބްލޮކް ކޮށްފި

މުހައްމަދު އިޝާން

ސަރުކާރުން ބްލޮކްކުރި "ފުރަތަމަ" ނޫސް އަންބްލޮކް ކޮށްފިއެވެ.

"ފުރަތަމަ" ނޫހުން މިރޭ ނެރުނު ބަޔާނެއްގައި ވަނީ އެ ނޫސް ބްލޮކްކުރުން ކުށްވެރިކޮށްފައެވެ. އެ ނޫހުން ބުނީ މިނިވަން ނޫސްވެރިކަމަށް ހުރަސްއަޅައި، ދައްކާ ބިރުތަކަށް ފަހަތަށް ޖެހުމެއްނެތި ކުރިއަށްދާނެ ކަމަށެވެ.

"ފުރަތަމަ ނޫސް ބްލޮކްކުރީ ނޫސް ހިންގާ ފަރާތުންކަމަށް ބުނެ ބައެއް ފަރާތްތަކުން ފެތުރި ދޮގު ހަބަރުވެސް ހަރުކަށި އިބާރާތުން ކުށްވެރިކުރަމެވެ. އޮންލައިން ނޫސްތައް ގިނަ މިފަދަ ޒަމާނެއްގައި އެންމެ ގަޑިއިރަކަށްވެސް ނޫސް ހުއްޓުމަކަށް އައުމަކީ ކިޔުންތެރިން ގެއްލި ނޫހަށް އޮންނަ ޝައުގުވެރިކަން ދަށްވެގެންދާނެ ކަމަކަށްވާ އިރު، އެފަދަކަމެއް ކުރުމަކީ މި ނޫހުން ކުރާނެކަމެއް ނޫން،" ފުރަތަމަ ނޫހުން ބުންޏެވެ.

އެ ނޫހުން ބުނީ، ނޫހަށް ދިމާވި ގޮންޖެހުން ސަމާލުކަމަށް ގެނެސް، ވަކާލާތުކޮށްދިން ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރާ ކަމަށެވެ.

"ސަރުކާރުން 'ފުރަތަމަ' ނޫސް ބްލޮކް ނުކުރާކަމަށް ބުނި ނަމަވެސް، އެކަން ކުރީ އެ ފަރާތުންކަން އެނގޭ ހާލު، 24 ގަޑިއިރު ފަހުން ނަމަވެސް އަންބްލޮކް ކުރީ ދިވެހި ނޫސްވެރިންގެ އާއިލާގެ ޕްރެޝަރުންކަން 'ފުރަތަމަ' ނޫހުގެ ޓީމުން ގަބޫލްކުރަން،" ފުރަތަމަ ނޫހުން ބުންޏެވެ.

މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަމެންޓް އެންޑް ޕަބްލިކް ވޯކްސްގެ ދަށުން ހިންގާ ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް (ކޭމް) އިން ވަނީ "ކުރުސީ.ކޮމް، ދިޔަވަރު.ކޮމް،" ބްލޮކްކޮށްފައެވެ. އެ ސައިޓުތައް ބްލޮކްކުރި ސަބަބެއްގެ ގޮތުގައި ރައީސް އޮފީހުން ބުނެފައިވަނީ، އެ ސައިޓުތައް ބްލޮކްކުރީ ރަޖިސްޓްރީ ކޮށްފައިނުވާތީ ކަމަށެވެ.

އެކަމާ ގުޅިގެން މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އާއި ގިނަބައެއްގެ ފާޑުކިޔުން ސަރުކާރަށް އަމާޒުވުމުން ރައީސް އޮފީހުގެ ޗީފް ސްޕޯކްސްޕާސަން މުހައްމަދު ޝަހީބު އެކްސްގައި މިރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެމްޖޭއޭ އިން ބަޔާން ނެރުނީ އެއްވެސް ވަރަކަށް ކަންކަން ބެލުމެއް އަދި ދިރާސާ ކުރުމެއްނެތި ކަމަށެވެ.

"ރަޖިސްޓްރީ ކޮށްފައިވާ އެއްވެސް ނޫހަކަށް ސަރުކާރުން ފިޔަވަޅެއް ނާޅައި. ކޮންމެ ވެބްސައިޓަކީ ނޫހެއް ނޫން. އެމްޖޭއޭ އިން ބަޔާނެއް ނެރުމުގެ ކުރިން، ބަލަންވާ ވަރަށް ކަންކަން ބަލައި ދިރާސާކޮށްފައި ނެތްކަން ހިތާމާއެކު ފާހަގަކުރަން،" ޝަހީބު ވިދާޅުވިއެވެ.

ނަމަވެސް އެމްޖޭއޭ އިން މިރޭ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ރަޖިސްޓްރީކޮށްގެން ހިންގާ "ފުރަތަމަ ނިއުސް" ބްލޮކްކުރި ވާހަކަ ސަރުކާރުން ދޮގު ކުރި ނަމަވެސް، އެ ޖަމިއްޔާއިން ބަޔާން ނެރުމުގެ ކުރިން ވަނީ އެ ޖަމިއްޔާއާ އެފިލިއޭޓްވެފައިވާ ބޭރުގެ ސައިބާ ސެކިއުރެޓީ އެކްސްޕާޓުންގެ އެހީތެރިކަމާއެކު ލިބެން ހުރި ހެކިތައް ހޯދާފައި ކަމަށެވެ.

"އެ ބޭފުޅުން މި ޖަމިއްޔާއަށް މައުލޫމާތު ދެއްވީ 'ފުރަތަމަ.ކޮމް' ބްލޮކް ކޮށްފައިވަނީ ސީދާ ރާއްޖޭގެ ސާވިސް ޕްރޮވައިޑާ ކަމާއި ފެންނަން ހުރި ހެކިތަކަށް ބަލާއިރު އެއީ ސައިޓުގެ ވެރިފަރާތުން ކުރި ކަމެއް ކަމަށް ނުބެލެވޭ ކަމަށް. އަދި ސައިޓުގެ ވެރިފަރާތުން ވެސް އެގޮތަށް މި ޖަމިއްޔާއަށް ޝަކުވާ ހުށަހަޅާފައިވޭ،" އެމްޖޭއޭ އިން ބުންޏެވެ.

އެމްޖޭއޭ އިން ބުނީ، އެ ޖަމިއްޔާއިން ބަޔާނެއް ނެރުމުގެ ކުރިން، ހިންގާ ކޮމިޓީގެ މެމްބަރުންގެ މެދުގައި ބަހުސްކޮށް، ޖަމިއްޔާއާ އެފިލިއޭޓްވެފައިވާ ބައިނަލްއަގުވާމީ ނޫސްވެރިންނާ ގުޅުން ހުރި ޖަމިއްޔާތަކާ މަޝްވަރާކުރާ ކަމަށެވެ.

އެމްޖޭއޭ އިން މަސައްކަތްކުރަނީ ޒިންމާދާރުކަމާއެކު ނޫސްވެރިކަމުގެ ހައްގު ހިފަހައްޓައި ނެގެހެއްޓޭނެ ގޮތެއްގެ މަތިން ކަމަށާއި އެ މަސްއޫލިއްޔަތު އަދާކުރުމުގައި ފަހަތަށް ނުޖެހޭނެ ކަމަށް އެމްޖޭއޭ އިން ބުންޏެވެ.