ޚަބަރު

ސަރުކާރުގެ ފަރާތުން ފެންނަނީ ފާޑުކިޔުންތަކަށް ޖަވާބު ދިނުމުގެ ބަދަލުގައި ގަދަބާރުން އޮބަހައްޓާތަން: އެމްޑީޕީ

މުހައްމަދު އިޝާން

1

ސަރުކާރުގެ ފަރާތުން ފެނިގެންދަނީ ފާޑުކިޔުންތަކަށް ޖަވާބުދިނުމުގެ ބަދަލުގައި ގަދަބާރުން އޮބަހައްޓާތަން ކަމަށް އިދިކޮޅު އެންމެ ބޮޑު ޕާޓީ އެމްޑީޕީން ބުނެފިއެވެ.

މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަމެންޓް އެންޑް ޕަބްލިކް ވޯކްސްގެ ދަށުން ހިންގާ ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް (ކޭމް) އިން ސަރުކާރަށް ފާޑުކިޔާ ދެ ވެބްސައިޓް، ކުރުސީ.ކޮމް އާއި ދިޔަވަރު.ކޮމް ބްލޮކް ކުރުމުން އެމްޑީޕީ އާއި އާންމުން ގެންދަނީ ނުރުހުން ފާޅުކުރަމުންނެވެ. ނަމަވެސް އެކަން ދިފާއުކޮށް ސަރުކާރުން ބުނީ، އެ ސައިޓުތައް ބްލޮކްކުރީ ރަޖިސްޓްރީ ނުކޮށް ހިންގަމުންދާތީ ކަމަށެވެ.

އެކަމާ ގުޅިގެން އެމްޑީޕީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ސަރުކާރަށް ފާޑުކިޔުމުގެ މިނިވަންކަން ތަންމިނަށް އޮންނާން ޖެހޭނެ ކަމަށާއި އެމްޑީޕީގެ ވެރިކަމުގައި ސަރުކާރާއި ދެކޮޅަށް އިންތިޒާމުވެވިގެން ދޮގު ހަބަރު ފަތުރަމުން ދިޔައިރުވެސް މީޑިއާތަކަށް ފިޔަވަޅު އަޅާފައި ނުވާނެ ކަމަށެވެ. އެމްޑީޕީގެ ދެ ވެރިކަމުގައިވެސް ރައްޔިތުންގެ އަސާސީ ހައްގުތައް ވަކީން ހާއްސަކޮށް ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ފުރިހަމައަށް ކަށަވަރު ކޮށްދީފައިވާނެ ކަމަށްވެސް އެ ޕާޓީން ބުންޏެވެ.

"ޕީޕީއެމް ކުރީގެ ވެރިކަން ފަދައިން، މި ސަރުކާރުގެ އަމަލުތައްވެސް މި ފެންނަނީ ދުލާއި ގަލަމުގެ މިނިވަންކަން ނިގުޅައިގަންނަން މަސައްކަތް ކުރާތަނެވެ. ފާޑުކިޔުންތަކަށް ޖަވާބު ދިނުމުގެ ބަދަލުގައި ގަދަބާރުން އޮބަހައްޓާތަން" އެމްޑީޕީން ބުންޏެވެ.

އެ ޕާޓީން ބުނީ، ސިޔާސީ މިނިވަން މާހައުލެއްގައި ބަސް ބުނުމުގެ މިނިވަންކަން ހޯދުމަކީ އެމްޑީޕީން އަބަދުމެ ވަކާލާތުކުރާ މަގެއް ކަމަށާއި އެއީ ދިވެހި އެތަކެއް ރައްޔިތުން ގުރުބާން ވެގެން ހޯދި ހައްގުތަކެއް ކަމަށެވެ. މީޑިއާތަކަށް ބިރު ދައްކައި ފިޔަވަޅު އެޅުމަކީ ހުދުމުހުތާރު ދައުލަތެއްގެ ސިފައެއް ކަމަށްވެސް އެ ޕާޓީން ބުންޏެވެ.

އެމްޑީޕީން ވަނީ ވެބްސައިޓުތައް ބްލޮކް ކުރުން ކުށްވެރިކޮށް ހިޔާލުފާޅުކުރުމުގެ މިނިވަންކަން ހަނިނުކުރުމަށް ސަރުކާރަށް ގޮވާލައިފައެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟