ރާއްޖެއަށް 72 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި މައްސަލައިގައި ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާ އުފުލާފައިވާ ދިހަ މީހުންގެ ތެރެއިން ހަތް މީހެއްގެ ދައުވާ ދައުލަތުން އަނބުރާ ގެންދިޔައީ ކީއްވެގެންކަން ސާފުނުވާ ކަމަށް ފުލުހުން ބުނެފިއެވެ.
އެ މައްސަލައިގައި ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާ ދިހަ މީހެއްގެ މައްޗަށް އުފުލިއެވެ.
އެ މީހުންގެ ތެރެއިން އިރުފާން ތަގިއްޔުއާއި މުހައްމަދު އަކްރަމްގެ އިތުރުން އަހުމަދު ނަސީރު ފިޔަވައި ދެން ތިބި މީހުންނަށް ކުރާ ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާ ވަނީ 2 ނޮވެމްބަރު 2022 ގައި އަނބުރާ ގެނެސްފައެވެ.
"ތަހުގީގުކުރާ ފަރާތެއްގެ ހައިސިއްޔަތުން އަޅުގަނޑަށް ގަބޫލުކުރެވެނީ އެ ހަތް މީހުންގެ މައްޗަށްވެސް ދައުވާ ކުރެވޭނެއޭ މަސްތުވާތަކެތީގެ މައްސަލައިގައި އަދި ސާބިތުވުމުގެ ފުރުސަތުވެސް އެބައޮތޭ،" 72 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައާ ގުޅިގެން އިންކަންދަރު ކޮށީގައި މިއަދު ބޭއްވި މައުލޫމާތު ސެޝަންގައި އެ މައްސަލައިގެ އިންވެސްޓިގޭޝަން އޮފިސަރު މަމްދޫހް ހަސަން ވިދާޅުވިއެވެ.
72 ކިލޯގެ މަސްތުވާތަކެތި ފެނިފައިވަނީ، ފަރީދީ މަގުގައި ޕާކުކޮށްފައި އޮތް އިރުފާންގެ ކާރަކުންނެވެ. ނަމަވެސް، އެ މުޅި މައްސަލައިގެ ވަށައިގެންވާ ކަންކަމަށް ބަލާއިރު، ދޯންޏަކުން މަސްތުވާތަކެތި ބަލައި ގޮސް، އެ ދޯނިން މަސްތުވާތަކެތި ލޯންޗަކަށް ލައިގެން މާލެ ގެނެސް މަސްތުވާތަކެތި ފެނުނު ކާރަށް އެރުވުމާ ހަމައަށް ހިނގައިދިޔަ ކަންކަމުގައި ތުހުމަތު ކުރެވޭ ހުރިހާ އެންމެންގެ ބައިވެރިވުން އޮތް ކަމަށް ތަހުގީގަށް ސާފުވާ ކަމަށް މަމްދޫހް ވިދާޅުވިއެވެ.
"ޕީޖީއަށް އަޅުގަނޑުމެން ސިޓީވެސް ފޮނުވިން، އެކަމަކު މިއަދާ ހަމައަށްވެސް އެކަމުގެ ސާފު ޖަވާބެއް އެ ބޭފުޅުން ދެއްވައިފައެއް ނުވޭ،" ހަތް މީހުންގެ ދައުވާ އަނބުރާ ގެނައުމާ ގުޅޭގޮތުން ޗީފް ސްޕްރިޑެންޓް އޮފް ޕޮލިސް އަހުމަދު ޝާކިރު ވިދާޅުވިއެވެ.
ރާއްޖެ އެތެރެކުރަނިކޮށް އަތުލައިގަތް 72 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި އެންމެ އިސް ފަރާތްކަމުގައި ތުހުމަތުވާ އިރުފާން ތަގިއްޔު ބަންދު ނުކުރަން ކްރިމިނަލް ކޯޓުން ނިންމި ނިންމުމަށް ހައި ކޯޓުން އިއްޔެ ވަނީ ތާއީދުކޮށްފައެވެ. ފުލުހުން ވަނީ އެ މައްސަލަ ސްޕްރީމް ކޯޓުގައި ޕީޖީން އިސްތިއުނާފުކުރާނެ ކަމަށް އުންމީދުކުރާ ކަމަށް ބުނެފައެވެ.