ދައުލަތުގެ ޕްރޮކިއުމަންޓުގެ ކަންކަން ހިންގައި ބަލަހައްޓާ ނޭޝަނަލް ޓެންޑާ ބޯޑުގެ ހިންގާ ގަވާއިދެއް ފުރަތަމަ ފަހަރަށް އެކުލަވާލައި، އެ ގަވާއިދަށް އިއްޔެއިން ފެށިގެން އަމަލުކުރަން ފަށައިފިއެވެ.
ނޭޝަނަލް ޓެންޑާ ބޯޑަކީ ދައުލަތުގެ ވަކި އަދަދަކަށް ވުރެ މަތީގެ މުދަލާއި ހިދުމަތާއި މަސައްކަތްތަކާއި ކޮންސަލްޓެންސީ ހިދުމަތްތައް ހޯދުމަށް ކުރާ އާންމު ޓެންޑާތައް (ބީލަންތައް) ރެގިއުލޭޓްކޮށް ހިންގުމުގެ ޒިންމާ މަތިކުރެވިފައިވާ ބޯޑެކެވެ.
ފިނޭންސް މިނިސްޓްރީގެ ދަށުން ހިންގާ މި ބޯޑުގެ މައިގަނޑު މަސައްކަތަކީ، ޕްރޮކިއުމަންޓު މަރުހަލާގެ އިންސާފުވެރިކަން ކަށަވަރުކުރުމާއެކު ދެ ފުށް ފެންނަ ގޮތެއްގައި ބީލަމުގެ ކަންކަން ކުރިއަށް ގެންދިއުމެވެ.
ޓެންޑާ ބޯޑު، ހަތް މެންބަރުންގެ މައްޗަށް އެކުލެވޭ އިރު، އެ ބޯޑަށް މެންބަރުން އައްޔަނުކުރަނީ ފިނޭންސް މިނިސްޓަރުގެ ލަފައާއެކު ރައީސުލްޖުމްހޫރިއްޔާއެވެ.
ޓެންޑާ ބޯޑަށް އައްޔަނުކުރާ މެންބަރުންނަކީ ފައިނޭންސިން ނުވަތަ ޕްލޭނިން ނުވަތަ އިންޖިނިއަރިން ނުވަތަ ގާނޫނީ ދާއިރާ ނުވަތަ ކޮމާސް ފަދަ ޕްރޮފެޝަނަލް ދާއިރާއަކަށް ނިސްބަތްވާ އަދި އެ ރޮނގުން މަތީ ތައުލީމާއި ތަޖުރިބާ ލިބިފައިވާ މީހަކަށެވެ.
އާ މާލިއްޔަތު ގަވައިދުގައިވާ ގޮތުން، ޓެންޑާ ބޯޑުގެ ހުރިހާ ބައްދަލުވުމެއްގެ ޔައުމިއްޔާ ގަވައިދުން ބަލަހައްޓަން ޖެހެއެވެ. އަދި ޗެއާޕާސަން ހިމެނޭހެން ބޯޑުގެ ހުރިހާ މެންބަރުންގެ ސުކޫލީ މިންގަނޑާއި ޒިންމާތައްވެސް ބަޔާންކޮށްފައިވެއެވެ.
ޓެންޑާ ބޯޑުގެ ދައުރެއްގެ މުއްދަތަކީ ކޮންމެ މީލާދީ އަހަރެއްގެ ޖެނުއަރީ އެއްވަނަ ދުވަހުން ފެށިގެން އެ އަހަރުގެ ނިޔަލަށެވެ. ކޮންމެ އަހަރެއްގެވެސް ފުރަތަމަ ފަސް ދުވަހުގެ ތެރޭގައި އެ ދައުރެއްގެ ބޯޑަށް މެންބަރުން އައްޔަނުކުރަން ޖެހެއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މި ފަހުން ޓެންޑާ ބޯޑު އަލުން އެކުލަވާލައްވައިފައެވެ. އެ ބޯޑުގެ ޗެއާޕާސަނަކަށް ހަމަޖެއްސީ ފިނޭންސްގެ މިނިސްޓްރީގެ ނައިބު އަހުމަދު ސާއިދެވެ.