ޚަބަރު

ދިވެހިން ދިރިއުޅޭ އިމާރާތަކުން ބޮމެއް ފެނިއްޖެ

ސްރީލަންކާގެ މައުންޓްލެވީނާގައި ދިވެހިން ދިރިއުޅޭ އިމާރާތަކުން ބޮމެއް ފެނިއްޖެއެވެ.

ބޮން ފެނިފައިވަނީ އެ އިމާރާތުގެ އެޕާޓްމަންޓަކުންނެވެ. އެ އިމާރަތަކީ ދިވެހިން ވެސް ދިރިއުޅޭ އެޕާޓްމަންޓެއް ކަން "ވަން އޮންލައިން"އަށް ވަނީ ކަށަވަރުވެފައެވެ.

ލަންކާ ސިފައިން ވަނީ އެ އިމާރާތް ބަންދުކޮށް، އިމާރާތުގެ ތެރޭގައި ތިބި މީހުންނަށް ބޭރަށް ނުނުމެވޭ ގޮތަށް ބަންދުކޮށްފައެވެ. އެހެންކަމުން އެ އިމާރާތުގައި ދިރިއުޅޭ ދިވެހިންނަށް ވެސް ވަނީ ބޭރަށް ނުކުމެވޭ ގޮތް ނުވެފައެވެ.

އެ އިމާރާތުގައި ދިރިއުޅޭ ދިވެއްސަކު ބުނީ ލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީގެ އެހީތެރިކަމަށް އެދިފައިވާނެ ކަމަށާއި ބޭރަށް ކާން ދެވޭނެ ގޮތެއް ވެސް ނެތް ކަމަށެވެ. އިމާރާތް ވަށައިގެން ތިބި ފުލުހުން އެއްވެސް މީހަކު އެތެރެއަށް ވަނުމަށް އަދި ނުކުތުމަށް ވެސް ފުރުސަތު ނުދޭ ކަމަށް އޭނާ ބުންޏެވެ.

އެ ދެ އާއިލާގެ ހާލު ބަލަމުން އަންނަ ލަންކާގައި ދިރިއުޅޭ ދިވެއްސެއް ކަމަށްވާ އަލީ ޖަވާދު ބުނީ އެ ދެ އާއިލާ ދިރިއުޅެމުންދަނީ އެ އިމާރާތުގެ ހަތްވަނަ އަދި އަށްވަނަ ފަންގިފިލާގައި ކަމަށާއި އޭގެ ތެރެއިން އެއް އާއިލާއަކީ ވީމީޑިއާގެ ސީއޯއޯ މުހައްމަދު އާސިފް (މޮންދު)ގެ އާއިލާ ކަމަށެވެ. އަދި އަނެއް އާއިލާއަށް މޮންދުގެ އާއިލާ އިން ކާބޯތަކެތި ފޯރުކޮށްދެމުން އަންނަކަން ވެސް އޭނާ ފާހަގަކުރިއެވެ.

"އަނެއް އާއިލާ ލަންކާއަށް ދިޔައީ ޓެސްޓެއް ހެދުމަށް. ކުޑަކުއްޖަކާއި ދެމަފިރިން. އެހެންވީމާ އެމީހުން ދިޔައީ ކައްކާ ކެވޭ ގޮތަށް ތައްޔާރުވެގެންނެއް ނޫން. އެމީހުން ތިބީ ހާލުގައި ޖެހިފައި. އެމީހުންނަށް އެމްބަސީގެ އެހީތެރިކަމެއް ނުލިބޭ. އެމްބަސީގެ ޕްލޭނެއް ނެތްކަން ފާހަގަވޭ،" އޭނާ ބުންޏެވެ.

އެކަމާ ގުޅޭގޮތުން "ވަން އޮންލައިން"އަށް މައުލޫމާތުދެއްވަމުން މޮންދު ވިދާޅުވީ ހާލުގައި ޖެހިފައި ނުވާ ކަމަށާއި ކާބޯތަކެތި ހޯދައި، އެއްކޮށްފައިވާ ކަމަށެވެ.