ރާއްޖެއަށް 1.8 މިލިއަން ފަތުރުވެރިން ގެނައުމުގެ އަމާާޒު ހާސިލުކޮށްފައެވެ.
ރާއްޖެއަށް 1.8 މިލިއަން ފަތުރުވެރިޔާގެ ގޮތުގައި އައިސްފައިވަނީ ނެދަލޭންޑްސްގެ ރައްޔިތެއް ކަމަށްވާ ސްޓެފަން މަތްޖަސްއެވެ. އޭނާ ރާއްޖެއަށް އައިސްފައިވަނީ އާއިލާއެކު ޗުއްޓީ ހޭދަކުރުމަށެވެ.
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެޕީއާރުސީ) އިން ވަނީ މިއަދު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގައި 1.8 މިލިއަން ފަތުރުވެރިއާ މަރުހަބާ ދެންނެވުމަށް ރަސްމިއްޔާތެއް ބާއްވައިފައެވެ. އެ ރަސްމިއްޔާތު ބާއްވާފައިވަނީ ޓޫރިޒަމް މިނިސްޓްރީ، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)، މޯލްޑިވްސް އިމިގްރޭޝަން އަދި މޯލްޑިވްސް ކަސްޓަމް ސާވިސަސް ގުޅިގެންނެވެ.
"މިއީ އަހަރެއްގެ ތެރޭގައި 1.8 މިލިއަންއަށްވުރެ ގިނަ ފަތުރުވެރިން ދިވެހިރާއްޖެއަށް ޒިޔާރަތްކުރި ފުރަތަމަ ފަހަރެވެ. އަދި ތާރީހުގައި އެންމެ ގިނަ ފަތުރުވެރިން އައި އަހަރެވެ..،" އެމްއެމްޕީއާރުސީން ބުންޏެވެ.
އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ފާތިމަތު ތައުފީގު ވިދާޅުވީ، އަންނަ އަހަރަށް ވެސް ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ކަނޑައަޅާ އަމާޒުތަކަށް ވާސިލުވުމަށް މަސައްކަތް ކުރަން އެމްއެމްޕީއާރުސީ އޮތީ ތައްޔާރަށް ކަމަށެވެ.