ޚަބަރު

ޖުމްހޫރީ ޕާޓީ އުވާލުމުގެ ވާހަކަ ކައުންސިލުން ދެއްކި، އެކަމަކު ފާހެއް ނުވި: ގާސިމް

މުހައްމަދު އިޝާން

ޖުމްހޫރީ ޕާޓީ އުވާލުމާ ބެހޭގޮތުން ޕާޓީގެ ކައުންސިލުން ވާހަކަ ދެއްކި ކަމަށާއި ނަމަވެސް އެގޮތަށް އެކަން ފާސްވެފައިނުވާ ކަމަށް އެ ޕާޓީގެ ލީޑަރު، ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ގާސިމް ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒާ ބައްދަލުކުރައްވައިފައެވެ. އެ ބައްދަލުކުރެއްވުމަށްފަހު، ރައީސް އޮފީހުގެ ބޭރުގައި ހުންނަވައިގެން ނޫސްވެރިންނާ ވާހަކަދައްކަވަމުން ގާސިމް ވިދާޅުވީ، ޕާޓީ އުވާލުމަކީ އޭނާއަށް ކުރެވޭނެ އަދި ކުރާނެ ކަމެއް ނޫން ކަމަށެވެ. ޕާޓީ އުވާލުމުގެ ކަންކަން ކުރާނީ ޕާޓީގެ ކައުންސިލުން ކަމަށް ގާސިމް ވިދާޅުވިއެވެ.

"އެ މައްސަލައިގެ (ޕާޓީ އުވާލުމަށް) ކައުންސިލުން ވާހަކަ ދެއްކި. ދެއްކީމަ ކައުންސިލްގެ އެއްވެސް ބޭފުޅަކަށް ނުފެނުނު (ޕާޓީ އުވާލަން)،" ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ، ޖުމްހޫރީ ޕާޓީ އުވާލައި، ޕީޕީއެމް/ޕީއެންސީއާ ގުޅުމަށް ވެސް ނިންމާނީ ޕާޓީގެ ކައުންސިލުން ކަމަށެވެ. އަދި އެކަމަކީ ވެސް އެކަނި އޭނާއަށް ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

ޖުމްހޫރީ ޕާޓީ އުވާލުމުގެ މަސައްކަތެއް ކުރަމުންދާ ކަމަށް މީގެ ކުރިން ވެސް ވަނީ އަޑުތަކެއް ފެތުރިފައެވެ. އެފަހަރު އެ ޕާޓީން ބުނެފައިވަނީ އެފަދަ އެއްވެސް މަސައްކަތެއް ކުރަމުންނުދާ ކަމަށެވެ.

އެ ޕާޓީ އުވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އަޑު ފެތުރުނީ ރިޔާސީ އިންތިހާބުން ނާކާމިޔާބުވުމުންނެވެ. ރިޔާސީ އިންތިހާބުގައި އެ ޕާޓީގެ ކެންޑިޑޭޓް، ގާސިމަށް ލިބިވަޑައިގެންނެވީ 5،460 ވޯޓެވެ.