ސްރީލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ އާއި ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަ އަދި ފޮރިން ސެކްރެޓަރީއާ ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ މަންދޫބު މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއަރޒް އަހުމަދު ހަލީލް ބައްދަލުކުރައްވައިފިއެވެ.
ރައީސްގެ ހާއްސަ މަންދޫބެއްގެ ގޮތުގައި ސްރީލަންކާއަށް ރޭ ފުރާވަޑައިގެންނެވި ހަލީލް ވަނީ ރައީސް ސޯލިހުގެ ފަރާތްޕުޅުން ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހައަށް ތައުޒިޔާ ވިދާޅުވެފައެވެ. އަދި ލަންކާއަށް ދިމާވެފައިވާ މި ހިތާމަވެރި ދަނޑިވަޅުގައި ރާއްޖޭ އޮތީ ސްރީލަންކާ ސަރުކާރާއި ރައްޔިތުންނާއެކު ކަން ހާމަކުރައްވައިފައެވެ.
ހަލީލްގެ މި ދަތުރުފުޅުގައި ލަންކާގައި ދިރިއުޅެމުންދާ ދިވެހި ރައްޔިތުންގެ ހާލު ބައްލަވައި ލަންކާގައި ދިރިއުޅެމުންދާ ދިވެހި ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދެވޭނެ ގޮތްތަކާބެހޭ މައުލޫމާތު ހޯދުމަށް ވަނީ ހަމަޖެހިފައެވެ.
އިއްޔެ ލަންކާއަށް ދިން ބޮމުގެ ހަމަލާގައި މިހާތަނަށް 290 މީހުން މަރުވެފައިވާކަމުގެ ރިޕޯޓް ވަނީ ލިބިފައެވެ. މި ހާދިސާގައި އެތައް ބަޔަކު ޒަހަމް ވެފައިވާއިރު، މިހާތަނަށް އެއްވެސް ދިވެއްސަކަށް އަނިޔާއެއް ނުވަތަ ގެއްލުމެއް ލިބުނު ކަމުގެ ހަބަރެއް ލިބިފައެއް ނުވެއެވެ.