މިއަދުން ފެށިގެން ރާއްޖެއަށް އިންޑިއާ އާއި ނޭޕާލުން ވެސް އަންސްކިލްޑް މަސައްކަތު މީހުން ގެނެވޭނެ ކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީން މިއަދު ބުނެފިއެވެ.
ގާނޫނުގައިވާ ގޮތުގައި އެއް ގައުމަކުން އެންމެ ގިނައިން ރާއްޖެއަށް ގެނެވޭނީ 100،000 މަސައްކަތްތެރިންނެވެ. ނަމަވެސް، މި ސަރުކާރުން ވަނީ، ކުރީ ސަރުކާރުން މަނާކޮށްފައި އޮތް ބަންގުލަދޭޝް މީހުން ރާއްޖެއަށް ގެނެވޭ ގޮތް ހަދައިފައެވެ. ސަރުކާރުން ބުނެފައިވާ ގޮތުގައި ރާއްޖޭގައި އުޅެނީ 90،000 އެއްހާ ބަންގުލަދޭޝް މަސައްކަތްތެރިންނެވެ.
އިސްކަންދަރު ކޮށީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ އިތުރަށް ބަލަން ޖެހޭ ކަންކަން ބެލުމަށްފަހު "އިންޑިއާ އާއި ނޭޕާލްގެ ބޯޑަރު ވެސް ރާއްޖެއަށް ހުޅުވާލާފައި" ކަމަށެވެ.
"މާނައަކީ އިންޑިއާއިން އަދި ނޭޕާލުން އަންސްކިލްޑް ލޭބަރާސް މިއަދުން ފެށިގެން ރާއްޖެއަށް އެތެރެކުރެވޭނެ ގޮތް ހަދާފައި،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، ހަދަން ޖެހޭ އެސެސްމަންޓްތައް ހެދުމަށްފަހު އެހެން ގައުމުތަކުންވެސް މަސައްކަތްތެރީން ރާއްޖެއަށް ގެނެވޭ ގޮތް ހަދާނެ ކަމަށެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި މި ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް، ރާއްޖެއިން ބޭރުން މަސައްކަތްތެރިން ގެންނަން ޖެހެއެވެ.
"އަލަށް ހިއްކޭ ބިންތަކުގަ އާއި މިހާރު ހިއްކާފައިވާ ބިންތަކުގައި އިމާރާތްކުރުމުގައި އާދަޔާހިލާފު ބޮޑެތި މަޝްރޫއުތަކެއް ކުރިއަށްގެންދަން ވަނީ ރާވާފައި. މި މަޝްރޫއުތަކަށް ބޭނުންވާ އަންސްކިލްޑް ލޭބާ ރާއްޖޭގެ އެތެރެއިން ލިބޭ ގޮތެއް މިވަގުތަކު ނެތް،" އޭނާ ވިދާޅުވިއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ، ރާއްޖެއަށް ގަވައިދާ ހިލާފަށް ބިދޭސީން އެތެރެވިޔަ ނުދޭނެ ކަމަށާއި ގަވައިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންވެސް ގަވައިދުގެ ތެރެއަށް ވައްދައި، ބައެއް ފަރާތްތައް ފޮނުވާލާނެ ކަމަށެވެ.