އަންނަ އަހަރު ބާއްވާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައިވެސް މާމިގިލީ ދާއިރާގެ ގޮނޑިއަށް ވާދަ ކުރައްވާނެ ކަމަށް، މިހާރުވެސް އެ ގޮނޑި ފުރުއްވަމުން ގެންދަވާ، މާމިގިލި ދާއިރާގެ މަޖިލިސް މެންބަރު އަދި ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއާ ބައްދަލު ކުރެއްވުމަށްފަހު އެ އޮފީހުން ނުކުމެވަޑައިގެންނެވުމުން ނޫސްވެރިން ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުން ގާސިމް ވިދާޅުވީ، ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި ވެސް އެ ދާއިރާގެ ގޮނޑިއަށް ވާދަކުރައްވާނެ ކަމަށެވެ.
ނަމަވެސް އެކަމާ ބެހޭގޮތުން އިތުރު ތަފްސީލެއް ގާސިމް ނުދެއްވައެވެ.
މެއި 28، 2009 އިން ފެށިގެން މެދުނުކެނޑި 14 އަހަރަށް ވުރެ ގިނަ ދުވަހު ގާސިމް ވަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން ކުރައްވައިފައެވެ.
ރައީސް މުއިއްޒު ގާސިމްއާ މިއަދު ބައްދަލު ކުރައްވާފައި މިވަނީ، ވެސް ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި މަޖިލީހުގެ މެޖޯރިޓީ ސަރުކާރަށް ހޯދުމަށްޓަކައި އެހެން ޕާޓީތަކާއެކު ވާހަކަދައްކަން ސަރުކާރުގެ މައި ކޯލީޝަންގައި ހިމެނޭ ޕީޕީއެން ޕީއެންސީން މަސައްކަތްކުރަމުން އަންނަ ދުވަސްވަރެއްގައެވެ.
އެގޮތުން ޕީއެންސީގެ ރައީސް، ރައީސް ޑރ. މުއިއްޒު ހިމެނިވަޑައިގަންނަވާ ގޮތަށް އެ ޕާޓީގެ ލީޑާޝިޕްގެ ބޭފުޅުން ޖޭޕީގެ އިސް ވެރިންނާ އެކު މިދިޔަ މަހުވެސް ވަނީ ބައްދަލުވުމެއް ކުރިއަށް ގެންގޮސްފައެވެ.
މީގެ އިތުރުން މި ދަނޑިވަޅަކީ ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި، ވަޒީރުންނާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް އާއި ނާއިބު ރައީސް އާއި އެ މަޖިލީހުގެ މެންބަރުންނާއި، ކޯޓުތަކުގެ ފަނޑިޔާރުންނާއި މިނިވަން މުއައްސަސާތަކާއި، މުސްތަގިއްލު މަގާމުތަކުގެ މުސާރަ އާއި އިނާޔަތްތައް ބޮޑު ކުރުމަށްވެސް މަޖިލީހުގެ މާލިއްޔަތު ކޮމިޓީން އިއްޔެ ފާސްކުރުމާ ގުޅިގެން، ރައީސް މުއިއްޒު އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވާފައިވާ ދަނޑިވަޅެކެވެ.
ރައީސުލްޖުމްހޫރިއްޔާގެ މުސާރައަށް 20،000 ރުފިޔާ އަދި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މުސާރައަށް 18،000 ރުފިޔާ އިތުރުކުރަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ފާސްކުރީ އިއްޔެއެވެ.
ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މުސާރަ އާއި އެހެނިހެން އިނާޔަތްތަކާ ބެހޭ ގާނޫނުގައިވާ ގޮތުގެމަތިން ރައީސުލްޖުމްހޫރިއްޔާގެ މިހާރުގެ މުސާރައަކީ 100،000 ރުފިޔާއެވެ. ރައީސުލްޖުމްހޫރިއްޔާގެ ނާއިބުގެ މުސާރައަކީ 75،000 ރުފިޔާއެވެ.
ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ފާސްކޮށްފައިވަނީ، ރައީސުލްޖުމްހޫރިއްޔާގެ އަސާސީ މުސާރަ 120،000 އަށް ބޮޑު ކުރުމަށާއި، ރައީސުލްޖުމްހޫރިއްޔާގެ ނާއިބުގެ އަސާސީ މުސާރަ 93،000 ރުފިޔާއަށް ބޮޑު ކުރުމަށެވެ.
އެކަމުގެ ކަންބޮޑުވުން ފާޅު ކުރައްވައި ރައީސް މުއިއްޒު މިއަދު ވިދާޅުވީ، މުސާރައިގެ ބޮޑުކުރަން ފާސްކުރި ބައި ކުޑަކުދިންގެ ހިޔާ ފަދަ އިޖުތިމާއީ ފަންޑަކަށް ހަދިޔާކުރައްވަން ނިންމަވާފައިވާ ކަމަށެވެ.
ކޮމެޓީގެ ނިންމުމާ ގުޅިގެން ރައީސް މުއިއްޒު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ރައީސުލްޖުމްހޫރެއްިޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި، ވަޒީރުންގެ މުސާރަ ބޮޑު ކުރަން ސަރުކާރުން އެދިފައި ނުވާނެ ކަމަށެވެ. އަދި ބޮޑުކުރާން ބޭނުންފުޅު ނޫންކަމަށްވެސް ވިދާޅުވިއެވެ.
"އެއްވެސް މަޝްވަރާއެއް ކުރުމެއްނެތި މި ގެނައި ބަދަލުގެ ސަބަބުން ލިބޭ މުސާރައިގެ ކުރިއެރުން ކުޑަކުދީންގެ ހިޔާ ފަދަ އިޖުތިމާއީ ފަންޑަކަށް ހަދިޔާކުރަން އަޅުގަނޑުމެން ނިންމައިފިން،" ރައީސްގެ ޓުވީޓުގައި ވިދާޅވެފައިވެއެވެ.