ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހީމާ މިއަދު ބައްދަލުކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު މުހައްމަދު ޝަހީބު މީގެ އިރުކޮޅެއް ކުރިން "ވަން" އަށް ވިދާޅުވީ، ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު ގާސިމް އިބްރާހީމް އާއި ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ބައްދަލު ކުރައްވާފައިވާ ކަމަށެވެ. އެކަން އޮތީ ރައިސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކަމަށްވެސް ވިދާޅުވިއެވެ.
ނަމަވެސް އެ ބައްދަލުވުމާ ގުޅޭ އިތުރު ތަފްސީލެއް ޝަހީބު ނުދެއްވައެވެ. އޭނާ ވިދާޅުވީ އެ ބައްދަލުވުމާބެހޭ އިތުރު ތަފްސީލު އެނގިވަޑައިނުގަންނަވާ ކަމަށެވެ.
ރައީސް މުއިއްޒު ގާސިމްއާ ބައްދަލު ކުރައްވާފައި މިވަނީ، ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި މަޖިލީހުގެ މެޖޯރިޓީ ސަރުކާރަށް ހޯދުމަށް ޓަކައި އެހެން ޕާޓީތަކާއެކު ވާހަކަ ދައްކަން ސަރުކާރުގެ މައި ކޯލީޝަންގައި ހިމެނޭ ޕީޕީއެން ޕީއެންސީން މަސައްކަތް ކުރަމުން އަންނަ ދުވަސްވަރެއްގައެވެ.
އެގޮތުން ޕީއެންސީގެ ރައީސް، ރައީސް ޑރ. މުއިއްޒު ހިމެނިވަޑައިގަންނަވާ ގޮތަށް އެ ޕާޓީގެ ލީޑާޝިޕްގެ ބޭފުޅުން ޖޭޕީގެ އިސް ވެރިންނާ އެކު މިދިޔަ މަހުވެސް ވަނީ ބައްދަލުވުމެއް ކުރިއަށް ގެންގޮސްފައެވެ.
މީގެ އިތުރުން މި ދަނޑިވަޅަކީ ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި، ވަޒީރުންނާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް އާއި ނާއިބު ރައީސް އާއި އެމަޖިލީހުގެ މެންބަރުންނާއި، ކޯޓުތަކުގެ ފަނޑިޔާރުންނާއި މިނިވަން މުއައްސަސާތަކާއި، މުސްތަގިއްލު މަގާމުތަކުގެ މުސާރަ އާއި އިނާޔަތްތައް ބޮޑު ކުރުމަށްވެސް މަޖިލީހުގެ މާލިއްޔަތު ކޮމެޓީން އިއްޔެ ފާސްކުރުމާ ގުޅިގެން، ރައީސް މުއިއްޒު އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވާފައިވާ ދަނޑިވަޅެކެވެ.
ރައީސުލްޖުމްހޫރިއްޔާގެ މުސާރައަށް 20،000 ރުފިޔާ އަދި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މުސާރައަށް 18،000 ރުފިޔާ އިތުރުކުރަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ފާސްކުރީ އިއްޔެއެވެ.
ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މުސާރަ އާއި އެހެނިހެން އިނާޔަތްތަކާ ބެހޭ ގާނޫނުގައިވާ ގޮތުގެމަތިން ރައީސުލްޖުމްހޫރިއްޔާގެ މިހާރުގެ މުސާރައަކީ 100،000 ރުފިޔާއެވެ. ރައީސުލްޖުމްހޫރިއްޔާގެ ނާއިބުގެ މުސާރައަކީ 75،000 ރުފިޔާއެވެ.
ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ފާސްކޮށްފައިވަނީ، ރައީސުލްޖުމްހޫރިއްޔާގެ އަސާސީ މުސާރަ 120،000 އަށް ބޮޑު ކުރުމަށާއި، ރައީސުލްޖުމްހޫރިއްޔާގެ ނާއިބުގެ އަސާސީ މުސާރަ 93،000 ރުފިޔާއަށް ބޮޑު ކުރުމަށެވެ.
އެކަމުގެ ކަންބޮޑުވުން ފާޅު ކުރައްވައި ރައީސް މުއިއްޒު މިއަދު ވިދާޅުވީ، މުސާރައިގެ ބޮޑުކުރަން ފާސްކުރި ބައި ކުޑަކުދިންގެ ހިޔާ ފަދަ އިޖުތިމާއީ ފަންޑަކަށް ހަދިޔާކުރައްވަން ނިންމަވާފައިވާ ކަމަށެވެ.
ކޮމެޓީގެ ނިންމުމާ ގުޅިގެން ރައީސް މުއިއްޒު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ރައީސުލްޖުމްހޫރެއްިޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި، ވަޒީރުންގެ މުސާރަ ބޮޑު ކުރަން ސަރުކާރުން އެދިފައި ނުވާނެ ކަމަށެވެ. އަދި ބޮޑުކުރާން ބޭނުންފުޅު ނޫންކަމަށްވެސް ވިދާޅުވިއެވެ.
"އެއްވެސް މަޝްވަރާއެއް ކުރުމެއްނެތި މި ގެނައި ބަދަލުގެ ސަބަބުން ލިބޭ މުސާރައިގެ ކުރިއެރުން ކުޑަކުދީންގެ ހިޔާ ފަދަ އިޖުތިމާއީ ފަންޑަކަށް ހަދިޔާކުރަން އަޅުގަނޑުމެން ނިންމައިފިން،" ރައީސްގެ ޓުވީޓުގައި ވިދާޅވެފައިވެއެވެ.