އިބްރާހިމް ޒަކީ
ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އާއި ނާއިބު ރައީސްގެ މުސާރަ ބޮޑުކުރަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.
ދައުލަތުގެ މުސާރައިގެ އޮނިގަނޑަށް ބަދަލު ގެނެސް، ހުރިހާ ދާއިރާއެއްގެ މުސާރަ ބޮޑުކުރަން ނިންމި ނިންމުމާ ގުޅިގެން ކޮމިޓީން އެގޮތަށް ފާސްކުރީ، ރައްޔިތުންގެ މަޖިލީހުން މުސާރަ އާއި އިނާޔަތްތައް ކަނޑައަޅަން ޖެހޭ ފަރާތްތަކުގެ މުސާރައާއި އިނާޔަތްތައް ކަނޑައެޅުމަށްޓަކައި މިއަދު ބޭއްވި މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި ކޮމިޓީގައި ތިއްބެވި ހުރިހާ މެންބަރުންގެ އިއްތިފާގުންނެވެ.
މީގެ އިތުރުން ކާރު އެލަވަންސްގެ ގޮތުގައި މަހަކު 7،500 ރުފިޔާ އަކީ މިހާރުވެސް ކަނޑައަޅައި ދެމުން އަންނަ އެލަވަންސެކެވެ.
މީގެ އިތުރުން މަޖިލިސް މެންބަރުންނަށް ކޮމިޓީ އެލަވަންސްގެ ގޮތުގައި ކޮމިޓީއަށް ހާޒިރުވާ ނިސްބަތުން ގިނެވެގެން 20،000 ރުފިޔާއާ ހަމައަށް ލިބޭނެއެވެ.
މާލިއްޔަތު ކޮމިޓީގެ ނާއިބު މުގައްރިރު އަދި ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބު އަބުދުﷲ "ވަން"އަށް މިއަދު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ އާއި ނާއިބު ރައީސްގެ އިތުރުން މަޖިލީހުން ކަނޑައަޅަންޖެހޭ މުސާރަތަކަށާއި، ސިވިލް ސާވިސް އާއި އެހެނިހެން ތަންތަނުން، އެ ތަންތަނުގެ މުވައްޒިފުންނަށް މުސާރަ ބޮޑު ކުރުމަށްޓަކައި، ޕޭ ހާމަނައިޒް ކުރުމަށް އަންނަ އަހަރަށް ފާސްކުރި ބަޖެޓުގައި 500 މިލިޔަން ރުފިޔާ ހިމަނާފައިވާނެ ކަމަށެވެ.
އެހެންކަމުން އެ ފަރާތްތަކުގެ މުސާރަ ބޮޑުކުރަން ކޮމިޓީން ފާސްކޮށްފައި ވަނީ އަންނަ ޖެނުއަރީމަހުގެ އެކަކުން ފެށިގެން ކަމަށާއި އަދި އެގޮތަށް ކޮމިޓީން ފާސްކުރި ރިޕޯޓު މަޖިލިސް ތަޅުމަށް ފޮނުވައިގެން ފާސްކުރާނެ ކަމަށް ޔައުގޫބު ވިދާޅުވިއެވެ.