ޚަބަރު

ލުޔަށް އެދިވަޑައިގަތުމުން ކަރެކްޝަންސްއިން ނިންމީ ޔާމީނަށް ލުއި ނުދޭން

އެމްއެމްޕީއާރްސީ މެދުވެރިކޮށް ވ. އާރަށް ކުއްޔަށް ދޫކުރި މައްސަލައިގައި ރިޝްވަތު ހިފުމާއި މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ފަރާތްޕުޅުން އިތުރު ލުއިތަކަކަށް އެދިވަޑައިގެންފައިވާ ކަމަށް ކަރެކްޝަންސް ސާވިސްއިން ބުނެފި އެވެ.

ކަރެކްޝަންސްގެ އޮފިޝަލަކު "ވަން" އަށް މިއަދު ވިދާޅުވީ، އިތުރު ލުއިތަކެއް ދެއްވަން ޔާމީންގެ ފަރާތްޕުޅުން އެދިވަޑައިގެންފައިވާ ކަމަށާއި ނަމަވެސް އިތުރު ލުޔެއް މިވަގުތު ދެވެން ނެތް ކަމަށް އަންގާފައިވާ ކަމަށެވެ. އެއީ ގާނޫނީ ފުށުއެރުންތަކެއް ހުރުމުން ކަމަށްވެސް ވިދާޅުވިއެވެ.

ޔާމީނަށް ލުއި ނުދޭން ނިންމި ނަމަވެސް އެކަމުގެ އެއްވެސް ތަފްސީލެއް ކަރެކްޝަންސްއިން ހާމައެއް ނުކުރެއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒާއި ޔާމީނާ ގުޅުން ގޯސްވެފައިވާއިރު، ޕީޕީއެމް/ޕީއެންސީގެ ލީޑަޝިޕުގައި ބަސްނުވިކޭ ކަމަށް ވިދާޅުވެ، ޔާމީން ވަނީ މި ވެރިކަމަށް ހަތަރު ވަނައަށް ވީ ދުވަހު ޕީޕީއެމް/ޕީއެންސީ ދޫކުރައްވައި އާ ސިޔާސީ ޕާޓީއެއް އުފައްދަވަން މަސައްކަތް ފަށްޓަވާފަ އެވެ.

ރައީސް ޔާމީނަށް ކޮށްފައިވާ ހުކުމް މިހާރު އޮތީ ހައިކޯޓުގައި އިސްތިއުނާފުކޮށްފައެވެ. އެ މައްސަލަވެސް މިހާރު އެ ކޯޓުގައި އޮތީ އެންމެ ފަހުގެ މަރުހަލާގައެެވެ.