ޚަބަރު

19 ރަށެއްގެ ކަރަންޓު ވިއުގަ ތަރައްގީކުރުމުގެ އެއްބަސްވުންތަކުގައި ސޮއިކޮށްފި

ފާތިމަތު ލިޔުޝާ

ރާއްޖޭގެ 19 ރަށެއްގެ ކަރަންޓު ވިއުގަ އަޕްގްރޭޑްކޮށް ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ އެއްބަސްވުންތަކުގައި ސޮއިކޮށްފިއެވެ.

ވޯލްޑް ބޭންކުގެ އެހީތެރިކަމާއެކު އެ މަސައްކަތް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ކްލައިމެޓް ޗޭންޖް، އެންވަޔަރަމަންޓް އެންޑް އެނާޖީ މިނިސްޓްރީގެ އެކްސެލަރޭޓިން ރިނިއުވަބަލް އެނާޖީ އިންޓާގްރޭޝަން އެންޑް ސަސްޓެއިންބަލް އެނާޖީ (އެރައިސް) މަޝްރޫއުގެ ދަށުންނެވެ.

އެންވަޔަރަމަންޓް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެ މަޝްރޫއުތަކަކީ ވޯލްޑް ބޭންކުގެ އިންޓާނޭޝަނަލް ޑިވޮލޮޕްމެންޓް އެސޯސިއޭޝަން (އައިޑާ)ގެ 6.2 މިލިއަން ޑޮލަރުގެ ހިލޭއެހީ އާއި އޭޝިއަން އިންފްރާސްޓްރަކްޗާ އިންވެސްޓްމެންޓް ބޭންކުން ލިބިފައިވާ 20 މިލިއަން ޑޮލަރުގެ ލޯން އެހީގެ ދަށުން ކުރިއަށްގެންދާ މަޝްރޫއުތަކެއް ކަމަށެވެ.

އެ މަޝްރޫއުގެ ދަށުން ކުރިއަށްގެންދާ މަސައްކަތްތައް:

  • މިހާރު ގާއިމުކޮށްފައިވާ ޑިސްޓްރިބިއުޝަން ނެޓްވޯކްގެ ކޭބަލް އަޕްގްރޭޑްކުރުން
  • ރަށްރަށުން އަލަށް ހިއްކާފައިވާ ސަރަހައްދުތަކާއި މީހުން އަލަށް އާބާދުވާ އެނޫންވެސް ސަރަހައްދުތަކަށް ކަރަންޓު ނެޓްވޯކް ފުޅާކުރުން
  • ދުވަސްވެފައިވާ ޓްރާންސްފޯމަރުތައް ބަދަލުކުރުމާއި ނެޓްވޯކްގެ ޓްރާންސްމިޝަން ކެޕޭސިޓީ އިތުރުކުރުމަށް އާ ސަބްސްޓޭޝަން ގާއިމުކުރުން
  • ޒަމާނީ ފެންވަރަށް ވިއުގަ ތަރައްގީ ކުރުމުގެ ގޮތުން ކޮމިއުނިކޭޝަން ނެޓްވޯކް އެޅުމާއި ނެޓްވޯކަށް އޮޓޮމޭޓެޑް ފީޗާސްތައް އިންޓެގްރޭޓް ކުރުން

އެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ ޖުމުލަ ތިން ފިޔަވައްސަކަށް ބަހާލައިގެންނެވެ. ފުރަތަމަ ފިޔަވަހީގެ މަސައްކަތް އަށް ރަށެއްގައި ކުރުމަށް ހަމަޖެހިފައިވާ އިރު، ދެވަނަ އަދި ތިންވަނަ ފިޔަވަހީގެ މަސައްކަތްކުރުމަށް ހަމަޖެހިފައިވަނީ ދެ ފިޔަވަހި އެއްކޮށް 11 ރަށެއްގައެވެ.

ލޮޓް އެކެއްގައި ހިމެނޭ ރަށްތަކަކީ އައްޑޫ ސިޓީ ފޭދޫ، މަރަދޫފޭދޫ، މަރަދޫ، ހިތަދޫ، ހުޅުދޫ، މީދޫ، ފުވައްމުލައް ސިޓީ އަދި ތިނަދޫ ސިޓީއެވެ.

އެ ލޮޓްގައި ހިމެނޭ ރަށްތަކުގެ ކަރަންޓު ވިއުގަ އަޕްގްރޭޑް ކުރުމަށް އެއްބަސްވުމުގައި ސޮއިކުރީ ނަންޖިން ޑާޖީ ސްޓީލް ޓަވާ މެނުފެކްޗަރިން ކޯ ލިމިޓެޑާއެކުގައެވެ. އެ އެއްބަސްވުމުގައި އެ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޕްރޮޖެކްޓް މެނޭޖަރު ލީ ގިއަން އެވެ. އަދި މިނިސްޓްރީގެ ފަރާތުން ސޮއިރެއްވީ އެންވަޔަރަމަންޓް މިނިސްޓަރު ތާރިގު އިބްރާހީމެވެ.

ލޮޓް ދޭއްގައި ހިމެނޭ ރަށްތަކަކީ ބ. އޭދަފުށި، ޅ. ހިންނަވަރު، އަދި ކުޅުދުއްފުށި ސިޓީއެވެ. އަދި ލޮޓް ތިނެއްގައި ހިމެނެނީ ލ. ފޮނަދޫ، އިސްދޫ، ކަލައިދޫ، ދަނބިދޫ، މާބައިދޫ، ކުނަހަންދޫ، ހިތަދޫ އަދި ށ. ފުނަދޫއެވެ.

ލޮޓް 2 އަދި 3ގައި ހިމެނޭ ރަށްތަކުގެ ގްރިޑް އަޕްގްރޭޑްކުރުމަށް އެއްބަސްވުމުގައި ސޮއިކުރީ ޗައިނާ ނެޝަނަލް ޓެކްނިކަލް އިމްޕޯޓް އެންޑް އެކްސްޕޯޓް ކޯޕަރޭޝަން އާއި ޝީޖަޒްހުއަން ކެލިން ކޯ ލިމިޓެޑާއެކުއެވެ. އެ އެއްބަސްވުމުގައި އެ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ ޖެނެރަލް މެނޭޖަރު ޔިން ގިންއެވެ. އަދި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ތާރިގެވެ.

މިނިސްޓްރީން ބުނީ އެ މަސައްކަތުގެ ތެރެއިން ގާއިމުކުރާ ފައިބާއަޕްޓިކް ކޮމިއުނިކޭޝަން ވިއުގަ އަޕްގްރޭޑް ކުރުމުން، އިންޖީނުގޭގެ އޮޕަރޭޓިން ސްޓޭޓަސް ވަގުތުން ބަލައިލެވޭނެ ކަމަށާއި އެގޮތަށް ނެޓްވޯކް އޮޓަމެޓިކްވުމުން މަތީ ކަރަންޓު ނަގާ ތަކެތީގެ ނިޒާމު އެދެވޭ ގޮތަށް މަސައްކަތް ކުރުމާއި، ދިމާވާ ކުދިކުދި ޓެކްނިކަލް މައްސަލަތައް ވަގުތުން ހައްލުކުރެވި ކަރަންޓު ކެނޑޭ ހާލަތްތަކުން އަރާއިގަނެވޭނެ ކަމަށެވެ.

ކޮންމެ ރަށެއްގެ ކަރަންޓު ވިއުގަ ޑިޒައިން ކުރުމުގައި އެ ރަށެއްގައި ގާއިމުކުރުމަށް ރާވާފައިވާ ސޯލާ ހަކަތަ އިތުރުވެ، އަދި ކުރިއަށްއޮތް 10 ނުވަތަ 15 އަހަރުގެ ކަރަންޓުގެ ޑިމާންޑް ޕްރޮޖެކްޝަންތަކަށް ބަލައި ތަފްސީލީ ދިރާސާތައް ފުރިހަމަކޮށްފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.

އެހެންކަމުން އެ މަސައްކަތްތައް ފުރިހަމަވުމުން ކުރިއަށްއޮށް 15 އަހަރަށް ބޭނުންވާ ކަރަންޓު ނެޓްވޯކް އިންފްރާސްޓްރަކްޗާ ކަށަވަރުވެގެންދާނެ ކަމަށާއި ގިނަ ރަށްތަކުގައި ދިމާވެފައިވާ ކަރަންޓު ވޮލްޓޭޖު ދަށްވުމުން ކަރަންޓު ކެނޑޭ މައްސަލަތަކާއި ބައެއް ކަހަލަ ކަރަންޓު ސަމާނު ބޭނުންކުރުމަށް ހުރި އެކި ހުރަސްތަކުން ސަލާމަތްވާނެ ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ތާރިގް ވިދާޅުވީ، ސަރުކާރުން ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހާސިލުކުރުމަށް، ރާއްޖޭގައި އިއާދަކުރަނިވި ހަކަތައިން އުފައްދާ ކަރަންޓު އިތުރުކޮށް ތިމާވެއްޓާ ރައްޓެހި ގޮތަކަށް ކަރަންޓުގެ ހިދުމަތް ފޯރޮކޮށްދިނުމަށް އެ މަސައްކަތް ކުރުން މުހިންމު ކަމަށެވެ. އަދި ރަށްތަކުގެ ކަރަންޓު ވިއުގަ ރަނގަޅުކޮށް، ކަރަންޓުގެ ނިސްބަތުގައި ހިމެނޭ އިއާދަކުރަނިވި ހަކަތައިގެ ނިސްބަތް އެ މަޝްރޫއުގެ ސަބަބުން އިތުރުވާނެ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މިނިސްޓްރީން ބުނީ އެ ކަންކަމުގެ އިތުރުން ވެސް ކަރަންޓު ވިއުގައިގެ ގިނަ މައުލޫމާތުތައް ބޭނުން ވަގުތެއްގައި ފަސޭހަކަމާއެކު އޮޕަރޭޓަރުންނަށް ލިބުންފަދަ ގިނަ ފައިދާތަކެއް ކުރާނެ ކަމަށެވެ.