ޝީޝާ ލާމަސީލު ލާމު އިންޓަ ސްކޫލް ފުޓުބޯޅަ މުބާރާތް

ހަމަދު ބަލިކޮށް މާމެންދުއަށް ހިތްވަރު، ދަނބިދޫވެސް ސެމީއާ ދިމާލަށް

ލ. އަތޮޅުގެ ސްކޫލްތަކުގެ މެދުގައި ކުޅެވޭ ޝީޝާ ލާމަސީލު ލާމު އިންޓަ ސްކޫލް ފުޓުބޯޅަ މުބާރާތުގައި އިއްޔެ ހަވީރު ކުޅުނު މެޗުގައި ލ. މާމެންދޫ ސްކޫލުން ހަމަދަ ސްކޫލް ބަލިކުރި އިރު، ރޭ ލ. ދަނބިދޫ ސްކޫލުން ލ. އިސްދޫ ސްކޫލް ބަލިކޮށްފިއެވެ.

ލ. ގަމު ޒޯން ސްޓޭޑިއަމްގައި އިއްޔެ ހަވީރު ކުޅުނު ގްރޫޕް އޭގެ މެޗުގައި ހަމަދު ސްކޫލް ކައިރިން މާމެންދޫ ސްކޫލް މޮޅުވީ 1-0 ގެ ނަތީޖާއަކުންނެވެ. އެ ނަތީޖާއާއެކު މާމެންދޫއަށް ވަނީ ސެމީގެ ބޮޑު އުންމީދެއް ލިބިފައެވެ. އެޓީމަށް ދެން ލ. އަތޮޅު ސްކޫލާ ދެކޮޅަށް އޮތް މެޗުން އެއްވަރުކޮށްލައިގެންވެސް ސެމީއަށް ދެވޭނެއެވެ.

ހަމަދަށް ސެމީ ޔަގީންވެފައި އޮތް ނަމަވެސް، އިއްޔެގެ މެޗުން ބަލިވެ، އެއްވަނަ ގެއްލުމުގެ ބިރު ވަނީ ހީވެފައެވެ.

މެޗުގެ ފުރަތަމަ ހާފުގައި މާމެންދޫ ސްކޫލުން ނުރައްކާކޮށް ފެނިގެން ގޮސްފައިވާ އިރު، އެޓީމުން ވަނީ ހުސް ފުރުސަތުތަކެއްވެސް ތަނަވަސްކޮށްފައެވެ. މުހައްމަދު އަޔޫޝް ސަލީމަށް ލިބުނު ފުރުސަތުތަކުގައި ގޯލެއް ޖެހިފައި ނުވާ އިރު، ހާފު ނިމެންދަނިކޮށް ގޯލު ޖަހައިދިނީ ހުސައިން އަނޫޝް ސަރީފެވެ.

ދެވަނަ ހާފުގައި ހަމަދުން އެޓޭކް ވަރުގަދަ ކުރި ނަމަވެސް، މާމެންދޫ ސްކޫލް ފަހަތުން ތަފާތު މޮޅަށް ޑިފެންސްކޮށް ނަތީޖާ ހިފަހައްޓާލިއެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކީ މާމެންދޫ ސްކޫލްގެ ޑިފެންޑަރު ޔޫސުފް ނުއައިމްއެވެ.

ރޭ ދަނބިދޫ ސްކޫލުން އިސްދޫ ސްކޫލް ބަލިކުރީ 3-1 ގެ ނަތީޖާއަކުންނެވެ. އެ މެޗުން މޮޅުވެ، ދަނބިދޫ ވަނީ ގްރޫޕް ބީގެ ދެވަނައަށް ޖެހިލައިފައެވެ. އެއްވަނައިގައި އޮތް ލ. އަތޮޅު ތައުލީމީ މަރުކަޒަށް ތިން މެޗުން ހަތް ޕޮއިންޓް ލިބިފައިވާ އިރު، ދެވަނައިގައި ދަނބިދޫ އޮތީ ތިން މެޗުން ހަ ޕޮއިންޓާއެކުގައެވެ. އިސްދޫއަށް އަދި ފުރުސަތު އޮތް އިރު، އެޓީމަށް ތިން މެޗުން ލިބިފައި ވަނީ ހަތަރު ޕޮއިންޓެވެ. ފަހު މެޗުގައި އިސްދޫ ނުކުންނާނީ ތައުލީމީ މަރުކަޒާ ދެކޮޅަށެވެ. ދަނބިދުއަށް ދެން އޮތީ އިހައްދުއާ ދެކޮޅަށް ކުޅެން އޮތް މެޗެވެ.

ރޭގެ މެޗުގެ 24 ވަނަ މިނެޓުގައި ދަނބިދޫން ލީޑު ނެގީ އަހުމަދު ރުވާއު ޖެހި ޕެނަލްޓީގައެވެ. އެއީ އޭނާ މުބާރާތުގައި ޖެހި ފަސްވަނަ ގޯލެވެ. އޭގެ ފަހުން އަހުމަދު އައްޔަން އާދަމް ޖެހި ގޯލުން ދަނބިދޫ ލީޑު ފުޅާކޮށްފައިވާ އިރު، ދެވަނަ ހާފަށް ނުކުމެ، މެޗުގެ މޮޅު ކުޅުންތެރިޔާ މުހައްމަދު ހަލަފް ވަނީ ދަނބިދުއަށް ތިން ގޯލުގެ ލީޑެއް ނަގައިދީފައެވެ.

މެޗުގައި އިސްދޫން ޖެހި ހަމައެކަނި ގޯލު ޖެހީ، ހޫދު އަހުމަދު ފަހުމީއެވެ.

މުބާރާތުގެ ގްރޫޕް ސްޓޭޖު ދެމެޗު މިއަދުވެސް އޮންނާނެއެވެ. ހަވީރު އޮންނާނި ގްރޫޕް ބީގައި ކަލައިދުއާއި އިހައްދޫ ވާދަކުރާ މެޗެވެ. މިރޭ އޮންނާނީ ލ. އަތޮޅު ސްކޫލާއި މާމެންދޫ ވާދަކުރާ މެޗެވެ.