ޝީޝާ ލާމަސީލު ލާމު އިންޓަ ސްކޫލް ފުޓުބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލް މެޗުތަކަށް ތައްޔާރުވެއްޖެއެވެ.
ލ. އަތޮޅު ކައުންސިލުން އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ ލާމަސީލު ލާމު އިންޓަ ސްކޫލް ފުޓުބޯޅަ މުބާރާތުގައި މިއަހަރު ޖުމުލަ 11 ސްކޫލަކުން ވާދަކޮށްފައިވާ އިރު، ފޯރިގަދަ ގްރޫޕް ސްޓޭޖު މެޗުތައް ކުރިއަށް ދިޔައީ ތިން ގްރޫޕްކަށް ބަހާލައިގެންނެވެ.
ގްރޫޕް ސްޓޭޖުގެ ކުުޅުން މިމަހުގެ 18 އިން ރޭގެ ނިޔަލަށް ލ. ގަމު ޒޯން ސްޓޭޑިއަމްގައި ކުރިއަށް ގެންގޮސްފައިވާ އިރު، ކުއާޓާ މެޗުތައް ކުރިއަށްދާނީ މިއަދު ހަވީރުގެ އިތުރުން މިރެއާއި މާދަމާ ހަވީރު އަދި މާދަމާ ރޭގައެވެ.
ގްރޫޕް އޭ އަދި ބީގައި މިފަހަރު ހަތަރު ޓީމު ހިމެނިގެން ގްރޫޕް ސްޓޭޖު މެޗުތައް ކުޅެފައިވާ އިރު، އެ ދެ ގްރޫޕުންވެސް ކޮންމެ ގްރޫޕެއްގެ އެއްވަނަ، ދެވަނަ އަދި ތިންވަނަ ޓީމު ކުއާޓާއަށް ދަތުރު ކޮށްފައިވެއެވެ. ގްރޫޕް ސީގައި ތިން ޓީމު ހިމެނިފައިވާ އިރު، އެ ގްރޫޕުން ކުއާޓާ ފައިނަލަށް ދަތުރުކުރީ ދެޓީމެވެ.
ގްރޫޕް ސްޓޭޖުގެ ކުޅުން ރޭ ނިމިފައިވާ އިރު، ގްރޫޕް އޭގެ އެއްވަނަ އިހައްދޫ ސްކޫލުން ހޯދީ ތިން މެޗުން ހަތް ޕޮއިންޓާއެކުގައެވެ. އެޓީމުން ގްރޫޕް ސްޓޭޖުގައި ބަލިވެފައެއް ނުވެއެވެ. ދެވަނައިގައި މާވަށު ސްކޫލުން ކުއާޓާއަށް ދަތުރުކުރި އިރު، އެޓީމުންވެސް މެޗަކުން ބަލިނުވެ، ތިން މެޗުން ފަސް ޕޮއިންޓް ހޯދާފައިވެއެވެ. ތިންވަނަ ސްކޫލަކަށް ކަލައިދޫ ސްކޫލް ކުއާޓާއަށް ގޮސްފައި ވަނީ ތިން މެޗުން ހަތަރު ޕޮއިންޓާއެކުގައެވެ. އެ ގްރޫޕުން ކެޓީ ދަނބިދޫ ސްކޫލެވެ.
ގްރޫޕް ބީގެ އެއްވަނައަކީ އެންމެފަހުން މުބާރާތުގެ ރަނަރަޕް ޓީމު ހަމަދު ސްކޫލެވެ. އެޓީމުން ވަނީ ކުޅުނު ތިން މެޗުންވެސް މޮޅުވެ، ނުވަ ޕޮއިންޓް ހޯދައިފައެވެ. އެ ގްރޫޕުން ދެވަނަ ޓީމެއްގެ ގޮތުގައި ކުއާޓާއަށް ދިޔައީ ލ. އަތޮޅު މަދަރުސާއެވެ. އެއީ ތިން މެޗުން ހަ ޕޮއިންޓާއެކުގައެވެ. ތިންވަނަ ޓީމަކީ އެންމެފަހުގެ ޗެމްޕިއަން ލ. އަތޮޅު ތައުލީމީ މަރުކަޒެވެ. އެޓީމަށް ތިން މެޗުން އެއް މޮޅާއެކު ތިން ޕޮއިންޓް ލިބިފައިވާ އިރު، އެ ގްރޫޕުން ކެޓީ ކުނަހަންދޫ ސްކޫލެވެ.
ގްރޫޕް ސީގެ އެއްވަނަ މާމެންދޫ ސްކޫލުން ހޯދީ ދެމެޗުންވެސް މޮޅުވެގެންނެވެ. ދެވަނައަށް އިސްދޫ ސްކޫލް ދިޔަ އިރު، އެޓީމުން ވަނީ ދެމެޗުން ތިން ޕޮއިންޓް ހޯދައިފައެވެ. މޮޅެއް ނުހޯދި އެ ގްރޫޕުން ކެޓީ ހިތަދޫ ސްކޫލެވެ.
16:15 އިހައްދޫ ސްކޫލް - ލ. އަތޮޅު ތައުލީމީ މަރުކަޒު
20:15 ހަމަދު ސްކޫލް - ކަލައިދޫ ސްކޫލް
16:15 މާމެންދޫ ސްކޫލް - މާވަށު ސްކޫލް
20:15 ލ. އަތޮޅު މަދަރުސާ - އިސްދޫ ސްކޫލް