ހުޅުމާލޭ ފޭސް އެކެއްގެ ފްލެޓެއްގައި ތޫނު އެއްޗަކުން މަންމައަށް ހަމަލާދިން މީހާއަށް އައިޖީއެމްއެޗްގައި ފަރުވާ ދެމުން އަންނަ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ 25 އަހަރުގެ އެ މީއާހައަށް ފަރުވާ ދެނީ އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ މިނިސްޓްރީގެ ބެލުމުގެ ދަށުން ކަމަށެވެ.
ރޭ 6:50 ހާއިރު ހިނގި އެ ހާދިސާގައި ތޫނު އެއްޗަކުން ހަމަލާދިނީ 51 އަހަރުގެ މީހަކަށެވެ. ފުލުހުން ރޭ ބުނި ގޮތުގައި އޭނާގެ ހާލު ސީރިއަސްއެވެ. ނަމަވެސް އެ މީހާގެ ހާލު މިހާރު ރަނގަޅު ކަމަށާއި ފަރުވާ ދިނުމަށްފަހު ގެއަށް ދޫކޮށްލާފައިވާ ކަމަށް ހުޅުމާލޭ ހޮސްޕިޓަލުގެ މީޑިއާ އޮފިޝަލު އަބްދުﷲ މައުރޫފް މިއަދު "ވަން" އަށް ވިދާޅުވިއެވެ.
ފުލުހުން ބުނީ އެ ހަމަލާ ދިނީ އާއިލީ މައްސަލައެއްގައި ކަމަށް މިހާތަނަށް ބެލި ބެލުމުން އެނގިފައިވާ ކަމަށެވެ. ހަމަލާ ދިން ފިރިހެން މީހާއަކީ ނަފުސާނީ ބަލި ހުންނަ މީހެއް ކަމަށްވެސް ބުންޏެވެ.