ޚަބަރު

މެމްބަރު ޝިފާއުއަށް މަރުގެ އިންޒާރުދިން މައްސަލަ ފުލުހަށް ހުށަހަޅައިފި

މުހައްމަދު އިޝާން

ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއުއަށް މަރުގެ އިންޒާރުދިން މައްސަލައެއް ފުލުހަށް ހުށަހަޅައިފިއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން ޝިފާއު ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު، މަގާމުން އަޒުލު ކުރެއްވުމަކީ މިހާރުން މިހާރަށް ކުރަންޖެހޭ އެންމެ މުހިންމު މަސައްކަތް ކަމަށް ވިދާޅުވެފައެވެ. އެ ވާހަކަތަކާ ގުޅިގެން ސޯޝަލް މީޑިއާގައި ވަނީ ޝިފާއުއަށް މަރުގެ އިންޒާރުދީފައެވެ.

ޝިފާއުއަށް މަރުގެ އިންޒާރު ދިން މައްސަލަ ތަހުގީގުކޮށްދިނުމަށް މަޖިލީހުގެ ފަރާތުން ވަނީ ފުލުހަށް ހުށަހަޅައިފައެވެ.

ޝިފާއުއަށް މަރުގެ އިންޒާރު ދިނުމާ ގުޅިގެން އެމްޑީޕީން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ، މަޖިލީހުގެ މެމްބަރުން، އެ މެމްބަރުންގެ ގާނޫނީ ޒިންމާއާއި މަސްއޫލިއްޔަތު އަދާކުރުމުގެ ތެރެއިން ހާމަކުރައްވާ ހިޔާލުތަކާއި، މަޖިލީހުގައި ކުރައްވާ މަސައްކަތްތަކާ ގުޅިގެން މަރުގެ އިންޒާރުދިނުން ކުށްވެރިކުރާ ކަމަށެވެ.

"މިގޮތުން ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއުއަށް މަރުގެ އިންޒާރު ދީފައިވާތީ އެކަން ބަލައި ތަހުގީގުކޮށް ފިޔަވަޅު އެޅުމަށް ދިވެހި ފުލުހުންނަށް މި ޕާޓީގެ ފަރާތުން ގޮވާލަމެވެ..،" އެމްޑީޕީން ބުންޏެވެ.

އެމްޑީޕީން ބުނީ މަޖިލީހުގައި ސިޔާސީ އިދިކޮޅު ޕާޓީއަކުން ކުރާނެ އެންމެ މާތް އެއް ޒިންމާއަކީ ސަރުކާރު ޖަވާބުދާރީކުރުވުން ކަމުގައިވީހިނދު, އެ ދުސްތޫރީ ޒިންމާ އަދާކުރުމުން މަރުގެ އިންޒާރުދީ އެފަދަ ލާއިންސާނީ ކުށެއްގެ ޝިކާރައަކަށް މަޖިލީހުގެ މެމްބަރުން ވެގެން ދިއުމަކީ ނުހަނު ކަންބޮޑުވާ ކަމެއް ކަމަށެވެ.

މަޖިލީހުގެ މެމްބަރުންނަކީ އެ މެމްބަރުންނަށް ގާނޫނީ ގޮތުން ލިބިދޭ ހާއްސަ އިމްތިޔާޒުތަކުގެ ތެރެއިން ސަލާމަތާއި ރައްކާތެރިކަން ފޯރުކޮށްދޭންޖެހޭ ބައެއް ކަމަށާއި މެމްބަރުންގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ސަލާމަތީ ހިދުމަތްތަކަށް ގޮވާލާ ކަމަށް އެމްޑީޕީން ބުންޏެވެ.