ޚަބަރު

ފިންގާޕްރިންޓު ދިމާވާ ވަރަށް އެކްސްޕެޓް ސިސްޓަމް އަޕްގްރޭޑްކުރަނީ، ފައިސާ ދައްކަނީ 50 ޕަސަންޓު ބިދޭސީން!

1

ރާއްޖޭގައި ތިބި ބިދޭސީންގެ ފިންގާޕްރިންޓު ދިމާވާ ވަރަށް އެކްސްޕެޓް ސިސްޓަމް އަޕްގްރޭޑް ކުރަން ނިންމާފައިވާ ކަމަށް ހޯމްލޭންޑް ސެކިއުރެޓީ އެންޑް ޓެކްނޮލޮޖީ މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

އިސްކަންދަރު ކޮށީގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިހުސާން ވިދާޅުވީ، މިނިސްޓްރީގެ އަމާޒަކީ އެއް އަހަރު ދުވަހުގެ ތެރޭގައި އެކްސްޕެޓް ސިސްޓަމް އަޕްގްރޭޑް ކުރުމުގެ މަސައްކަތް ނިންމާލުން ކަމަށެވެ.

"އަޅުގަނޑުމެން ޓާގެޓް ކޮށްފަ އޮންނާނީ ކުރިއަށް އޮތް އެއް އަހަރު ދުވަސްތެރޭގައި ސީދާ ފިންގާޕްރިންޓާ ދިމާވާ ވަރަށް ރާއްޖޭގައި ތިބި ބިދޭސީންގެ އަދަދާއި، އެއީ ކޮން ބައެއްކަމާއި، މި ހުރިހާ އެއްޗެއް އަޅުގަނޑުމެން ކްލެރިފައި ކޮށްފައި އަޅުގަނޑުމެންގެ އެކްސްޕެޓް ސިސްޓަމްގައި ހުރި އަދަދުތައް ދިމާކުރަން. އެ ޓާގެޓު މިހާރު އަޅުގަނޑުމެން ވާނީ ކަނޑައަޅާފަ،" އިހުސާން ވިދާޅުވިއެވެ.

ބަންގުލަދޭޝްގެ ލޭބަރުން ރާއްޖެ ގެނައުމަށް އަލުން ހުއްދަ ދޭން ސަރުކާރުން ނިންމީ ގާނޫނާ ހިލާފަށް ކަމަށް ބައެއް ފަރާތްތަކުން ބުންޏަސް، އެއީ ގާނޫނާހިލާފު ނިންމުމެއް ނޫން ކަމަށް އިހުސާން ވިދާޅުވިއެވެ. ގާނޫނުގައި ބަޔާންކޮށްފައިވަނީ ކޮންމެ ގައުމަކުން ވެސް ރާއްޖެއަށް މަސައްކަތް ކުރުމަށް އެތެރެކުރެވޭނީ 100،000 މީހުން ކަމަށެވެ. އަދި އެކްސްޕެޓް ސިސްޓަމުން ދައްކާ ގޮތުގައި ރާއްޖޭގައި މަސައްކަތް ކުރާ ބަންގުލަދޭޝް މަސައްކަތްތެރިންގެ އަދަދަކީ 90،624 ކަމަށާއި އެހެންކަމުން، ސަރުކާރުގެ ނިންމުން، ގާނޫނާހިލާފު ނޫން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"މި ކަމަކީ ގާނޫނާހިލާފު ކަމެއް ކަމަށް މި ވިދާޅުވާ ބޭފުޅުން ވިދާޅުވަނީ 2/2008 ގެ ހަވަނަ އިސްލާހު ގެނައުމުގެ 65.1 (ހ)ގެ ދަށުން. ހަމަ އެ ގާނޫނީ އިސްލާހުގައި 65.1ގެ (ށ) ގައި އެބަ ބަޔާންކުރޭ ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންގެ ތެރެއިން މި މާއްދާގެ (ހ)ގައި ބަޔާންކުރާ އަދަދަށް ވުރެ އިތުރަށް އެއްވެސް ގައުމަކުން ބިދޭސީން ވަޒީފާ އަދާކުރުމަށް ހުއްދަދެވި ރާއްޖެ ގެނެސްފައިވާ ނަމަ، މި ގާނޫނޫ ފާސްކުރާ ދުވަހުން ފެށިގެން، މާނައަކީ މި އިސްލާހު ގެނައުމުގެ ހިސާބުން ފެށިގެން ތިން އަހަރު ތެރޭގައި ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީން މި މައްދާގެ (ހ)ގެ ބުނާ އަދަދަށް ތިރި ކުރަންވާނެއޭ. މި ދެންނެވި ތިން އަހަރު ހަމަވަނީ 22 ސެޕްޓެމްބަރު 2023 އަށް. އެހެންވީމާ މި މާއްދާގެ (ހ)ގައި ބުނާ ގޮތުން ގާނޫނާހިލާފު ވަންޏާ މި މާއްދާގެ (ށ)ގައި ބުނާ ގޮތުން 22 ސެޕްޓެމްބަރުން ފެށިގެން އެއިރު ހަވާލުވެ ތިއްބެވި ބޭފުޅުން މިއޮތީ ގާނޫނާ ހިލާފުވެފަ،" އިހުސާން ވިދާޅުވިއެވެ.

އެކްސްޕެޓް ސިސްޓަމުން ދައްކާގޮތުން ބަންގުލަދޭޝްގެ މަސައްކަތު މީހުންގެ ތެރެއިން 50 ޕަސަންޓު މީހުންނަކީ ވޯކް ޕާމިޓަށް ފައިސާ ނުދައްކާ މީހުން ކަމަށާއި 30 ޕަސަންޓު މީހުންނަކީ ގަވާއިދުން ފައިސާ ދައްކަމުންނުދާ މީހުން ކަމަށް އިހުސާން ވިދާޅުވިއެވެ. އެ ފައިސާ ނުދައްކާ މީހުންނާއި ގަވާއިދުން ފައިސާ ދައްކަމުން ނުދާ މީހުންނަކީ ވެސް ރާއްޖޭގައި މިވަގުތު ތިބި މަސައްކަތު މީހުން ކަމަށް އިހުސާން ވިދާޅުވިއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟