އަވަށްޓެރި ސްރީލަންކާގައި އިއްޔެ ދިން ބޮމުގެ ހަމަލާއާ ގުޅިގެން މޯލްޑިވްސް އިމިގްރޭޝަނުން ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްފި އެވެ.
މިކަމާ ގުޅޭގޮތުން އިމިގްރޭޝަންގެ ކޮންޓްރޯލާ މުހައްމަދު އަހުމަދު ހުސައިން (ހަނަފީ) ވަނީ މިއަދު އިމިގްރޭޝަންގެ ބޯޑަރ ކޮންޓްރޯލް އޮފިސަރުންނާއިއެކު ބައްދަލުވުމެއްވެސް ބާއްވަވައިފައެވެ. މި ބައްދަލުވުމުގައި އިމިގްރޭޝަނުން ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކުރުމަށް އަޅަންޖެހޭ ފިޔަވަޅުތަކާ ގުޅޭގޮތުން ވަނީ މަޝްވަރާ ކުރައްވަވައިފައެވެ.
އިއްޔެ ލަންކާގެ 8 ސަރަހައްދަކަށް ބޮމުގެ ހަމަލާދީފައިވާ އިރު، މިއަދު ބޮމެއް ޑިފިއުޒް ކުރަން އުޅުމުގެ ތެރެއިން ވަނީ ގޮވައިފައެވެ. ލަންކާގެ މި ބޮމުގެ ހާދިސާތަކުގެ ސަބަބުން މިހާތަނަށް 24 މީހުން ހައްޔަރުކޮށްފައިވާ އިރު، މިހާތަނަށް 290 މީހުން މަރުވެފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.