ސަންގު ޓީވީން ބޭއްވުމަށް ހަމަޖެހިފައިވާ މާލޭގެ މޭޔަރުގެ މަގާމަށް ވާދަކުރައްވާ ކެންޑިޑޭޓުންގެ ބަހުސްގައި އެމްޑީޕީގެ ކެންޑިޑޭޓް، އެމްޓީސީސީގެ ކުރީގެ ސީއީއޯ އާދަމް އާޒިމް ބައިވެރިވެވަޑައިނުގަންނަވާނެ ކަމަށް އެމްޑީޕީން ބުނެފިއެވެ.
އެމްޑީޕީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ބަހުސްގައި އާޒިމް، ބައިވެރިވެވަޑައިނުގަންނަވާނެކަން ސަންގު ޓީވީއަށް އަންގާފައިވާނެ ކަމަށެވެ.
"ސަބަބަކީ ސަންގު ޓީވީ ބަހުސް މިނިވަންކަމާއެކު ކުރިއަށް ގެންދިއުމަށް މިނިވަން މޮޑަރޭޓަރެއް ބަހައްޓައިދިނުމަށް އެދިފައިވުމާއެކު ވެސް އެކަމަށް އެއްވެސް އިޖާބައެއް ނުލިބުމާއި، އިންތިހާބު އޮންނަ ދުވަސް މިހާ ކުޑަތަންވެފައި ވަނިކޮށް، ހަތަރު ދުވަހަށް ދިގުދެމިގެންދާ ބަހުސެއްގައި މޭޔަރު ކެންޑިޑޭޓް ތާށިވުމަކީ ކެމްޕޭނުގައި ދެން ކުރަން ހުންނަ ކަންތައްތައް އަސަރުކުރާނެ ކަމަކަށްވާތީ،" އެމްޑީޕީން ބުންޏެވެ.
ސަންގު ޓީވީގެ ބަހުސްގައި ބައިވެރިވެވަޑައިނުގަތް ނަމަވެސް ދައުލަތުގެ މީޑިއާ، ޕީއެސްއެމުން އަންނަ މަހުގެ ހަވަނަ ދުވަހު ގެނެސްދޭ ބަހުސްގައި އާޒިމް ބައިވެރިވެވަޑައިގަންނަވާނެ ކަމަށް އެމްޑީޕީން ބުންޏެވެ.
މާލެ ސިޓީ މޭޔަރުގެ ގޮނޑި ހުސްވީ މީގެ ކުރިން އެ މަގާމުގައި ހުންނެވި، ޑރ. މުހައްމަދު މުއިއްޒު، ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް އިންތިހާބުވެ ވަޑައިގެންނެވުމާ ގުޅިގެން އެ މަނިކުފާނު، މޭޔަރުކަމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
މާލޭގެ މޭޔަރުގެ މަގާމަށް ފަސް ބޭފުޅަކު ވާދަކުރައްވައެވެ.
އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވަނީ، މާލޭ ސިޓީގެ މޭޔަރުކަމުގެ ބައި-އިލެކްޝަނާއި ކައުންސިލުން ހުސްވެފައިވާ ތިން ގޮނޑީގެ ބައި-އިލެކްޝަން އަންނަ ޖެނުއަރީ މަހުގެ 13 ވަނަ ދުވަހު ބޭއްވުމަށެވެ.