ފިލިޕިންސްއަށް އައި ބިންހެލުމާ ގުޅިގެން އެއްވެސް ދިވެއްސަކަށް އަނިޔާއެއް ވެފައިނުވާ ކަމަށް ފޮރިން މިނިސްޓްރީން ހާމަކޮށްފިއެވެ.
ފޮރިން މިނިސްޓްރީން މިކަން އާންމުކޮށްފައިވަނީ އެ މިނިސްޓްރީ ކުރި ޓުވީޓަކުންނެވެ. އެގޮތުން މިއަދުގެ ބިންހެލުމާ ގުޅިގެން އެއްވެސް ދިވެއްސަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށާއި އަދި އެގައުމުގައި ދިރިއުޅޭ ދިވެހިންގެ ހާލު މިނިސްޓްރީން ބަލަމުން އަންނަ ކަމަށް މިނިސްޓްރީން ވަނީ އިއުލާނުކޮށްފައެވެ.
"ވަން އޮންލައިން"އަށް މައުލޫމާތު ދެމުން ފިލިޕިންސްގެ މެޓްރޯ މެނިލާ ސަރަހައްދުގައި ކިޔަވަން ހުންނަ ދިވެހި ދަރިވަރަކު ވަނީ އެ ސަރަހައްދުގައި ތިބި ދަރިވަރުންގެ ހާލު ރަނގަޅު ކަމަށް މައުލޫމާތު ދީފައެވެ. އަދި ރާއްޖެއިން ގިނައިން އެމްބީބީއެސް އަދި ޑެންޓިސްޓް ކިޔަވާ ކުދިން އުޅޭ މިސަރަހައްދަށް މާބޮޑު ގެއްލުމެއް ނުލިބޭ ކަމަށް އެދަރިވަރު ވަނީ މައުލޫމާތު ދީފައެވެ.
ފޮރިން މިނިސްޓްރީން ވަނީ ބިންހެލުމާ ގުޅިގެން ދިމާވާ އެކި ކަންކަމާ ގުޅެގޮތުން އިމަރޖަންސީ ކޮންސިއުލަރ ހިދުމަތް ހޯއްދަވަން އޮނަރަރީ ކޮންސުލް އަށް 006328261883، ނުވަތަ 7983400 އަށް ގުޅުއްވުމަށް އެދިފައެވެ.