ޚަބަރު

ޒަކާތުގެ ނިޒާމު ހަރުދަނާކުރުމަށް އިދާރާއެއް އުފައްދައިފި

1

ރައީސް ޑރ. މުހައްމަދު މުއިއްޒު، "މޯލްޑިވްސް ޒަކާތު ހައުސް"ގެ ނަމުގައި އިދާރާއެއް އުފައްދަވައިފިއެވެ.

މިއީ، ގާނޫނުއަސާސީގެ 116 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިހުތިޔާރުގެ ދަށުން ރައީސް މުއިއްޒު އުފެއްދެވި އިދާރާއެކެވެ. އެ އިދާރާ ހިންގާނީ އިސްލާމިކް މިނިސްޓްރީގެ ދަށުންނެވެ.

މޯލްޑިވްސް ޒަކާތު ހައުސްގެ ނަމުގައި ސަރުކާރުގެ އިދާރާއެއް އުފެއްދީ ޒަކާތުގެ ނިޒާމު ހަރުދަނާކުރުމުގެ މަސައްކަތާއި ޒަކާތުގެ ނަފާ އޭގެ ބެހެނިވެރިންނަށް ފުޅާ ދާއިރާއެއްގައި ލިބޭނެގޮތަށް ޒަކާތު ފަންޑު ތަރައްގީކުރުމުގެ ބޭނުމުގައެވެ.

މޯލްޑިވްސް ޒަކާތު ހައުސްއަށް ދިވެހި ބަހުން ބޭނުންކުރަން ހަމަޖައްސަވާފައިވާ ރަސްމީ ނަމަކީ "ދިވެހިރާއްޖޭގެ ޒަކާތު ހައުސް" އެވެ.

"މޯލްޑިވްސް ޒަކާތު ހައުސް"ގެ މަސައްކަތްތަކުގެ ތެރޭގައި ޒަކާތް ބަލައިގަތުމުގެ އިންތިޒާމު ހަމަޖެއްސުމާއި ޒަކާތް ހައްގުވާ ފަރާތްތަކަށް ޒަކާތް ދޫކުރުމުގެ އިންތިޒާމުތައް ހަމަޖެއްސުން ހިމެނެއެވެ.

މީގެ އިތުރުން ކޮންމެ ހަ މަހަކުން އެއްފަހަރު މުދަލު ޒަކާތުގެ ނިސަބު އިއުލާނުކުރުމާއި، ކަމާބެހޭ އިދާރާތަކާ ގުޅިގެން، ފަގީރުންނާއި މިސްކީނުންގެ ދަފުތަރު އެކުލަވާލައި އަދާހަމަކޮށް ބެލެހެއްޓުމުގެ މަސައްކަތްވެސް ހިމެނެއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟