ޚަބަރު

ޓްރޭޑް ޔޫނިއަންތަކަށް ގާނޫނީ ބާރުދޭ، އިންޑަސްޓްރިއަލް ރިލޭޝަންސްއާ ބެހޭ ބިލު ފާސްކޮށްފި

އިބްރާހިމް ޒަކީ

ޓްރޭޑް ޔޫނިއަންތަކާއި، ވަޒީފާ ދޭ ފަރާތްތަކުގެ ޔޫނިއަންތައް އުފައްދައި، އެ ތަންތަނަށް ގާނޫނީ ބާރުދޭ، އިންޑަސްޓްރިއަލް ރިލޭޝަންސްއާ ބެހޭ ބިލު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

މި ބިލުން ދެ ބާވަތެއްގެ ޔޫނިއަންތައް އުފެއްދޭނެއެވެ. އެއީ މަސައްކަތްތެރިންގެ ޓްރޭޑް ޔޫނިއަންތަކާއި ވަޒީފާދޭ ފަރާތްތަކުގެ ޔޫނިއަންތަކެވެ.

ބިލުގައިވާ ގޮތުން މި ގާނޫނުން އިސްތިސް ނުވާނެ ކަމަށް ބަޔާންކޮށފައިވާ ފަރާތްތައް ފިޔަވައި ދައުލަތުގެ ނުވަތަ އަމިއްލަ ފަރާތްތަކުގެ ދާއިރާގައި މަސައްކަތްކުރާ އެންމެހައި މަސައްކަތްތެރިންނާއި ވަޒީފާދޭ ފަރާތްތަކުގެ މައްޗަށް މި ގާނޫނު ހިނގާނެއެވެ.

އެއްވެސް ފަރާތެއްގެ ހުއްދަ ކުރިން ހޯދުމަކާ ނުލައި މަސައްކަތްތެރިންގެ ޓްރޭޑް ޔޫނިއަންތަކާއި ވަޒީފާދޭ ފަރާތްތަކުގެ ޔޫނިއަންތައް އުފެއްދުމާއި، އެފަދަ ޔޫނިއަންގެ މެންބަރަކަށް ވުމާއި، އެފަދަ ޔޫނިއަންތަކުން ހިންގާ ހަރަކާތްތަކުގައި ބައިވެރިވުމުގެ ހައްގު މި ބިލުގައި ވަނީ ކަށަވަރުކޮށްދީފައެވެ.

ބިލުގައިވާ ގޮތުން ޔޫނިއަންތަކުން ގުޅިގެން މަސައްކަތްކުރުމަށްޓަކައި ފެޑަރޭޝަނެއް އުފައްދައި ރަޖިސްޓްރީ ކުރެވިދާނެއެވެ. އަދި ރަޖިސްޓްރީ ކޮށްފައިވާ ފެޑަރޭޝަންތަކުގެ މައްޗަށް އެކުލެވޭ، "ނޭޝަނަލް ޓްރޭޑް ޔޫނިއަން ސެންޓަރު" އަދި "ނޭޝަނަލް އެމްޕްލޯޔާސް ޔޫނިއަން ސެންޓަރު" އުފައްދައި ރަޖިސްޓްރީ ކުރެވިދާނެއެވެ.

މި ބިލުގައިވާ ގޮތުން ޔޫނިއަންތައް ރަޖިސްޓްރީ ކުރުމަށްޓަކައި، ރަޖިސްޓްރާ އޮފް ޔޫނިއަން އައްޔަން ކުރަންޖެހެއެވެ. އެ މަގާމަށް މީހަކު އައްޔަންކުރުމާއި، ވަކި ކުރުމުގެ ބާރު ދީފައިވަނީ ރައީސުލްޖުމްހޫރިއްޔާއަށެވެ. އެ މަގާމުގެ މުއްދަތަކީ ފަސް އަހަރު ދުވަހުގެ އެއް ދައުރެވެ.

ރަޖިސްޓްރާ އޮފް ޔޫނިއަންގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ފެޑަރޭޝަންތަކާއި ޔޫނިއަންތައް ރަޖިސްޓްރީ ކޮށްދިނުމުގެ އިތުރުން، މި ގާނޫނާއި އެ ޔޫނިއަނެއްގެ ދުސްތޫރުގައި ބަޔާންކުރާ އުސޫލުތަކާއި އިޖުރާއަތުތަކަށް އަމަލުކުރާ މިންވަރު ބަލައި މޮނީޓާކުރުން ހިމެނެއެވެ.

ޔޫނިއަންތަކުން ކުރުން މަނާ ކަންތައްތަކާއި، ޔޫނިއަންތަކަށް ލިބިފައިވާ ހައްގުތަކާއި، އެ ފަރާތްތަކުގެ ޒިންމާތަކާއި ލިބޭ އިމްތިޔާޒުތައް ވެސް ބިލުގައި ބަޔާންކޮށްފައިވެއެވެ.

މި ގާނޫނުން އިސްތިސްނާ ކުރެވިފައިވާ ދާއިރާތަކުގެ ތެރޭގައި ދިވެހި ދިފާއީ ބާރު، ދިވެހި ފުލުހުންގެ ހިދުމަތް، ރައީސުލްޖުމްހޫރިއްޔާ އައްޔަންކޮށް ވަކިކުރާ ފަރާތްތައް ހިމެނެއެވެ.

ގާނޫނާ ހިލާފުވެއްޖެ ނަމަ އަޅާނެ ފިޔަވަޅުތައް ވެސް ބިލުގައި ހިމަނާފައިވެއެވެ.