ޚަބަރު

ލަންކާގައި ބޮން ގޮއްވާލުމުގެ ހާދިސާއާ ގުޅިގެން ހަގީގަތާ ހިލާފު މައުލޫމާތު ނުފެތުރުމަށް އިމްރާން އިލްތިމާސްކޮށްފި

މަރިޔަމް ޝަހުދާ

ސްރީލަންކާގައި ބޮން ގޮއްވާލުމުގެ ހާދިސާއާ ގުޅިގެން ހަގީގަތާ ހިލާފު މައުލޫމާތު ނުފެތުރުމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އިލްތިމާސްކުރައްވައިފި އެވެ.

މިނިސްޓަރ އިމްރާން މިއަދު ކުރެއްވި ޓުވީޓެއްގައި އިލްތިމާސްކުރައްވާފައިވަނީ ލަންކާއަށް ދިން ހަމަލާއާ ގުޅިގެން ރާއްޖޭގެ ގައުމީ ސަލާމަތަށް ނުރައްކާވާ ހަގީގަތާ ހިލާފު މައުލޫމާތު ނުފެތުރުމަށެވެ.

މީގެ އިތުރުން އެފަދަ ހަގީގަތާ ހިލާފު މައުލޫމާތު ފެތުރުމުގައި އެއްވެސް ސިފައެއްގައި ބައިވެރި ނުވުމަށާއި، އެފަދަ ކަންކަމުގައި ބައިވެރިވުމުން އެއްކިބާ ވުމަށް މިނިސްޓަރ ވަނީ އެދިފައެވެ.

އިއްޔެ ލަންކާގެ އެކި ސަރަހައްދަކަށް 8 ބޮމުގެ ހަމަލާ ވަނީ ދީފައެވެ. މި ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު މިހާރު 300 އާ ގާތްކޮށްފައިވާ އިރު، މިއަދުވެސް ލަންކާގައި ވަނީ ބޮމެއް ގޮވާފައެވެ. މިއަދު ހަވީރު ލަންކާގައި މި ބޮން ގޮވާފައި ވަނީ ބޮން ޑިފިއުޒް ކުރަން އުޅުމުގެ ތެރެއިންނެވެ.