ޚަބަރު

ރާއްޖޭގައި ތިބީ ބަންގްލަދޭޝްގެ 90،600 މަސައްކަތްތެރިން، ގެންނާނީ ރެގިއުލޭޓް ކޮށްގެން: އިހުސާން

އައިޝަތު އަފްޝަން

ރާއްޖޭގައި މިހާރު ތިބީ ބަންގްލަދޭޝްގެ 90،600 މަސައްކަތްތެރިން ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

ހޯމް މިނިސްޓްރީން އިއްޔެ ވަނީ ރާއްޖެއަށް ބަންގްލަދޭޝްގެ މަސައްކަތްތެރިން ގެނައުން މަނާކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނެސް އަލުން އެ ހުއްދަ ދީފައެވެ. އެއާއެކު އެހެން ގައުމުތަކުގެ މަސައްކަތްތެރިން ގެނައުން މަޑުޖައްސާލަން ވަނީ އަންގައިފައެވެ.

އެ ނިންމުމަށް ފާޑުވިދާޅުވެ ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެއީ ގާނޫނާ ހިލާފު ނިންމުމެއް ކަމަށާއި ކޮންމެ ގައުމަކުންވެސް ރާއްޖެ ގެނެވޭނީ 100،000 މަސައްކަތްތެރިން ކަމަށެވެ. ނަމަވެސް މިހާރުވެެސް ރާއްޖޭގައި 139،000 އަށްވުރެ ގިނަ ބަންގްލަދޭޝްގެ މަސައްކަތްތެރިން އެބަ ތިބި ކަމަށް ވިދާޅުވިއެވެ.

އެކަމާ ގުޅިގެން "ވަން" އަށް މައުލޫމާތު ދެއްވަމުން މިނިސްޓަރު އިހުސާން ވިދާޅުވީ ބޯޑާ ކޮންޓްރޯލްގެ އެންމެ ފަހުގެ މައުލޫމާތު ދައްކާ ގޮތުން ރާއްޖޭގައި ތިބީ 90،946 ބަންގްލަދޭޝްގެ މަސައްކަތްތެރިން ކަމަށެވެ. އަދި 139،000 އަށްވުރެ ގިނަ މީހުން ތިބި ކަމަށް އެކޮނޮމިކް މިނިސްޓްރީގެ ރިޕޯޓުން ދައްކަނީ ވޯކް ޕާމިޓް އެ އަދަދަށް ހުރުމުން ކަމަށާއި އެ ޕާމިޓް ކެންސަލް ނުކުރާހާ ހިނދަކު އެއީ އެކްޓިވް ވޯކް ޕާމިޓެއް ކަމަށް ދައްކާނެ ކަމަށް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ރާއްޖެއަށް ބަންގްލަދޭޝް މީހުން ގެންނާނީ ހާއްސަ ގޮތްތަކެއް ސިސްޓަމް ތެރޭގައި ގާއިމުކޮށްގެން ކަމަށެވެ. އެކަމާ ގުޅޭ ގޮތުން ބަންގްލަދޭޝް އެމްބަސީއާވެސް ވާހަކަދައްކަވާފައިވާ ކަމަށާއި މީހުން ގެންނާނީ އެމްބަސީން އެޕްރޫވް ކުރާ ބަޔަކު ކަމަށްވެސް ވިދާޅުވިއެވެ.