ލ. އަތޮޅުގެ ސްކޫލްތަކުގެ މެދުގައި ކުޅެވޭ ޝީޝާ ލާމަސީލު ލާމު އިންޓަ ސްކޫލް ފުޓުބޯޅަ މުބާރާތުގައި މިއަދު ހަވީރު ކުޅުނު މެޗުގައި އެންމެފަހުގެ ޗެމްޕިއަން ލ. އަތޮޅު ސްކޫލާއި މާވަށު ސްކޫލް އެއްވަރުވެއްޖެއެވެ.
ގަމު ޒޯން ސްޓޭޑިއަމްގައި ކުޅުނު މެޗު އެއްވަރުވީ 2-2 ގެ ނަތީޖާއަކުންނެވެ. މިއަދުގެ މެޗުން ލިބުނު ޕޮއިންޓާއެކު މާވަށް ވަނީ ކެޓުމާ ގާތަށް ޖެހިލައިފައެވެ. އެޓީމަށް ގްރޫޕް ސްޓޭޖުގެ ތިން މެޗު ނިމުނު އިރު، ލިބުނީ ދެ ޕޮއިންޓެވެ. މާވަށަށް ސެމީއަށް ދެން އޮތީ ވަރަށް ހަނި ފުރުސަތެކެވެ. އެޓީމަށް ސެމީއަށް ދެވެން އޮތީ ހަމަދު ސްކޫލުން ބޮޑު ތަފާތަކުން ލ. މާމެންދޫ ސްކޫލް ބަލިކޮށް، މާމެންދޫން ކުޅޭ ފަހު މެޗުގައި ލ. އަތޮޅު ސްކޫލާ އެއްވަރުވުމުން އެކަންޏެވެ.
ލ. އަތޮޅު ސްކޫލަށް އޮތީވެސް ހަމަދާއި މާމެންދޫ މެޗުގެ ނަތީޖާއަށް ބަރޯސާވާން ޖެހިފައެވެ. މާމެންދޫ ކައިރިން ހަމަދު މޮޅުވެގެން ނޫނީ އެޓީމަށް ފަހު މެޗަށްދާ އިރު، އުންމީދު ކުޑައެވެ. މިހާރު ހަމަދު ސްކޫލަށް ވަނީ ސެމީ ޔަގީންވެފައެވެ.
މިއަދުގެ މެޗުގެ 23 ވަނަ މިނެޓުގައި ލ. އަތޮޅު ސްކޫލުން ލީޑު ނެގީ ކޯނަރެއްގައި އިބްރާހީމް އާޔަން އަހުމަދު ޖެހި ގޯލުންނެވެ. އެ ގޯލާއެކު ލީޑު ނަގައި ލ. އަތޮޅު ސްކޫލުން ރަނގަޅަށް ކުޅުނު ނަމަވެސް، ހާފު ނިމެން ދަނިކޮށް، ފަހު މިނެޓުގައި ކަހަލަ ގޮތަކަށް މާވަށު ސްކޫލުން ނަތީޖާ ހަމަހަމަކުރިއެވެ. އެޓީމުގެ ފުރަތަމަ ނުރައްކާތެރި އެޓޭކްގައި ގޯލު ޖެހީ އަލީ ޝާމް މުހައްމަދު ޝާއިރެވެ.
ދެވަނަ ހާފު ފެށިގެން މާ ގިނައިރެއް ނުވެ މާވަށުން ލީޑު ނެގިއެވެ. އެ ގޯލުވެސް ޖެހީ އަލީ ޝާމެވެ. ޝާމަށް މެޗުގައި ހެޓްރިކް ހަދަން ރަނުގެ ފުރުސަތެއް ލިބި ބޭކާރުވިއެވެ. މެޗުގެ ދެވަނަ ހާފުގައި ލިބުނު ޕެނަލްޓީ އޭނާ ފޮނުވާލި ނަމަވެސް ލ. އަތޮޅު ސްކޫލްގެ ގޯލްކީޕަރު އެ ބޯޅަ މަތަކުރިއެވެ.
މެޗުގައި ލ. އަތޮޅު ސްކޫލުން ޖެހި ދެވަނަ ގޯލަކީ ނިމެންދަނިކޮށް ޖެހި ގޯލެކެވެ. އެ ގޯލު ޖެހީ މުހައްމަދު ރައުލްގެ ހުރަސް، މާވަށު ޑިފެންޑަރު އަހުމަދު މޫމިން ފައިގައި ޖެހި ބައިކޮޅަށެވެ.
ލ. އަތޮޅު ކައުންސިލްގެ މިއަހަރުގެ ލާމަސީލު ލާމު އިންޓަ ސްކޫލް ފުޓުބޯޅަ މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކީ ޝީޝާ ޕްރައިވެޓް ލިމިޓެޑެވެ. މީޑިއާ ޕާޓްނަރަކީ "ވަން ސްޕޯޓްސް"އެވެ.