ރާއްޖޭގެ ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް)ގައި އިންވެސްޓް ކުރެވޭނެ އެންމެ ކުޑަ މިންވަރަކީ 100 މިލިއަން އެމެރިކާ ޑޮލަރު ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކަނޑައަޅުއްވައިފިއެވެ.
އެ މަނިކުފާނު އެގޮތައް ކަނޑައެޅުއްވީ މިއަދު ނެރުއްވި ގަރާރެއްގައެވެ. ކޮންމެ އަހަރެއްގައިވެސް އެ އަހަރެއްގައި އެސްއީޒެޑްގައި އިންވެސްޓް ކުރެވޭނެ މިންވަރު ކަނޑައަޅައި އިއުލާން ކުރަންޖެހެއެވެ.
ރައީސްގެ ގަރާރުގައިވާ ގޮތުގައި އެސްއީޒެޑްގައި ގާއިމުކުރެވޭނީ ސްޓްރެޓީޖިކް އިންވެސްޓްމަންޓްތަކުގެ ތެރެއިން އިންވެސްޓްމަންޓެއް ހިމެނޭ ގޮތުން ގާއިމުކުރުމަށް ހުށަހަޅާ ޖުމުލަ 100 މިލިއަން އެމެރިކާ ޑޮލަރަށްވުރެ ކުޑަ ނޫން އަދަދެއްގެ އިންވެސްޓްމަންޓެކެވެ.
ރައީސް މުއިއްޒުގެ ގަރާރުގައި ވިދާޅުވެފައިވާ ގޮތުގައި މާލީ ދާއިރާ ފިޔަވައި، އެހެން ދާއިރާތަކުގެ ހުށަހެޅުންތައް ދިރާސާ ކުރުމުގައި އިންވެސްޓްމަންޓްގެ އަގު ކަމުގައި ބަލާނީ، ޑިވެލޮޕަރު ގާއިމުކުރުމަށް ހުށަހަޅާ މުޅި އިންވެސްޓްމަންޓް ގާއިމުކުރުމަށް އެ ފަރާތުން ހަރަދުކުރުމަށް ހުށަހަޅާ މިނިމަމް ފިކްސްޑް އިންވެސްޓްމަންޓްގެ އަދަދެކެވެ.
މާލީ ދާއިރާއިން ހުށަހަޅާ ހުށަހެޅުންތައް ދިރާސާ ކުރުމުގައި އިންވެސްޓްމަންޓުގެ އަގު ކަމުގައި ބަލާނީ ޑިވެލޮޕަރު އެތަނެއް ގާއިމުކުރަން ހަރަދުކުރާ ފިކްސްޑް އިންވެސްޓްމަންޓްގެ އިތުރުން މާލީ ހިދުމަތް ފަށައިގަތުމަށް ރާއްޖެއަށް ގެނައުމަށް ޑިވެލޮޕަރު ކޮމިޓް ކުރާ ކެޕިޓަލް އިންވެސްޓްމަންޓަށް ކަމަށާއި ޑިވެލޮޕަރު ހުށަހަޅާ ޖުމުލަ އިންވެސްޓްމަންޓްގެ ތެރޭގައި ހިމެނޭ ސްޓްރެޓީޖިކް އިންވެސްޓްމަންޓުގެ ބައިތަކަށް ހަރަދުކުރާ ޖުމުލަ އިންވެސްޓްމަންޓްގެ މިންވަރަށްވުރެ ސްޓްރެޓީޖިކް ބައިތަކުގެ ބޭރުން އެ އިންވެސްޓްމަންޓުގައި ހިމެނޭ އެހެނިހެން ވިޔަފާރިތަކަށް ކުރާ އިންވެސްޓްމަންޓް ބޮޑުވެގެން ނުވާނެ ކަމަށްވެސް ގަރާޜުގައި ވިދާޅުވެފައިވެއެވެ.