ލ. އަތޮޅުގެ ސްކޫލްތަކުގެ މެދުގައި ކުޅެވޭ ޝީޝާ ލާމަސީލު ލާމު އިންޓަ ސްކޫލް ފުޓުބޯޅަ މުބާރާތުގައި ރޭ ކުޅުނު މެޗުގައި ލ. މާވަށު ސްކޫލް ބަލިކޮށް، ލ. ގަމު ހަމަދު ސްކޫލުން ސެމީ ފައިނަލް ފުރަތަމަ ޖާގަ ކަށަވަރު ކޮށްފިއެވެ.
ލ. ގަމު ޒޯން ސްޓޭޑިއަމްގައި ރޭ ކުޅުނު ފޯރިގަދަ މެޗުގައި ހަމަދު ސްކޫލުން ފަހަތުން އަރައި މާވަށު ސްކޫލް ބަލިކުރީ 3-1 ގެ ނަތީޖާއަކުންނެވެ. ހަމަދުން މުބާރާތުގައި ފުރަތަމަ ކުޅުނު މެޗުގައި އެންމެފަހުގެ ޗެމްޕިއަން ލ. އަތޮޅު ސްކޫލް ބަލިކޮށްފައިވާ އިރު، ރޭ މޮޅުވެ، ގްރޫޕް އޭގެ އެއްވަނައިގައި އޮތީ ދެމެޗުން ހަ ޕޮއިންޓާއެކުގައެވެ.
ދެވަނައިގައި މިވަގުތު އޮތް މާމެންދޫ ސްކޫލާއި ތިންވަނައިގައި އޮތް މާވަށު ސްކޫލަށްވެސް ޕޮއިންޓެއް ލިބިފައި އޮތް އިރު، އެ ގްރޫޕްގެ ފުލުގައި އޮތީ ލ. އަތޮޅު ސްކޫލެވެ. އަތޮޅު ސްކޫލާއި މާމެންދުއަށް އަދި ބާކީ ދެމެޗު އޮތް އިރު، ސެމީއަށް ދާން މާވަށަށް މިހާރު އޮތީ ވަރަށް ހަނި ފުރުސަތެކެވެ.
މާވަށާއި ހަމަދު ސްކޫލްގެ ސަޕޯޓަރުން ރޭ ޒޯން ސްޓޭޑިއަމް ފުރާލާފައި އޮތް އިރު، މެޗުގެ ފުރަތަމަ ކަށިގަނޑުން ފެށިގެން ގޮސް، މެޗު ނިމެންދެން ސަޕޯޓަރުންގެ އަޑު ކެނޑިގެން ނުދެއެވެ. ފުރަތަމަ ހާފުގައިވެސް ރަނގަޅު ހަމަލާތަކެއް ފެނިގެން ގޮސްފައިވާ އިރު، މެޗުގެ ގޯލުތައް ފެނިގެން ދިޔައީ ދެވަނަ ހާފުގައެވެ.
ދެވަނަ ހާފު ފެށިގެން މާ ގިނައިރެއް ނުވެ މާވަށު ސްކޫލުން ވަނީ ލީޑު ނަގައިފައެވެ. އޭރިއާ ބޭރުން، ދުރުން ފޮނުވާލި ބޯޅަ ގޯލުގެ މަތީ ކަނަށް އަމާޒުކޮށްލައިގެން އެ ގޯލު ޖެހީ ހުސައިން ނިޝާލެވެ.
އެހިސާބުން ހަމަދު ސްކޫލްގެ ޓީމުން ބަދަލުތަކެއް ގެނެސް، މެޗަށް އަނބުރާވަނުމަށް ކުރި މަސައްކަތުގައި އެއްވަރުކުރީ 47 ވަނަ މިނެޓުގައެވެ. އެ ގޯލު ޖެހީ މުހައްމަދު ރިފްދާން އަލީ އެވެ. ގޯލަށް ފުރުސަތު ތަނަވަސްކޮށްދިނީ ބަދަލަކަށް ނުކުތް، އިބްރާހީމް ޒުލާލެވެ.
އެ ގޯލާއެކު ހަމަދު ސްކޫލުން ރަނގަޅު ޓެމްޕޯއެއްގައި މެޗު ކޮންޓްރޯލް ކުރަމުން ގޮސް، 64 ވަނަ މިނެޓުގައި ނަތީޖާ އަނބުރާލިއެވެ. އެ ގޯލުގައިވެސް ބަދަލަކަށް ނުކުތް، ރައުޝާން މުހައްމަދުގެ ދައުރު ފާހަގަކޮށްލެވުނެވެ. އޭނާ އަރިމަތިން އަރައި ނަގައިދިން ހުރަސް ގޯލަށް ވައްދާލީ ރިފްދާނެވެ. ރޭގެ މެޗުގައި ރިފްދާން ދެ ގޯލު ޖެހި އިރު، އޭނާ ވަނީ މިހާތަނަށް މުބާރާތުގައި ހަތަރު ގޯލު ޖަހައިފައެވެ.
ހަމަދު ސްކޫލުން މެޗުގައި ތިންވަނަ ގޯލެއް ޖަހައި ތިން ޕޮއިންޓް ޔަގީންކުރީ މެޗު ނިމެން ދަނިކޮށް، އިބްރާހީމް ނަސީހު ޖެހި ގޯލުންނެވެ. ނަސީހު، ދުރުން ގޯލުގެ ކަނަށް ވައްޓާލި ބޯޅަ، ގޯލު ތެރެއަށް ވަނީ ކޯނަރުގައި ޕޯސްޓް ނަގައިގެން ހުރި މާވަށު ޑިފެންޑަރު ބޮލުގައި ޖެހިފައެވެ.
ލ. އަތޮޅު ކައުންސިލްގެ މިއަހަރުގެ ލާމަސީލު ލާމު އިންޓަ ސްކޫލް ފުޓުބޯޅަ މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކީ ޝީޝާ ޕްރައިވެޓް ލިމިޓެޑެވެ. މީޑިއާ ޕާޓްނަރަކީ "ވަން ސްޕޯޓްސް"އެވެ.
16:15 ލ. އަތޮޅު ތައުލީމީ މަރުކަޒު - އިހައްދޫ ސްކޫލް
20:30 ދަނބިދޫ ސްކޫލް - ކަލައިދޫ ސްކޫލް