ޚަބަރު

އެއް އަހަރު ތެރޭ އައިޖީއެމްއެޗުން އައިވީއެފް ހިދުމަތް ދޭން ފަށަނީ

އައިޝަތު އަފްޝަން

ކުރިއަށް އޮތް އެއް އަހަރުތެރޭ އައިޖީއެމްއެޗުން އައިވީއެފްގެ ހިދުމަތް ދޭން ފެށުމަށް ސަރުކާރުން މަސައްކަތް ކުރާ ކަމަށް ރައީސް އޮފީހުގެ ޕަބްލިކް ޕޮލިސީ އަންޑާ ސެކްރެޓަރީ މުހައްމަދު ފިރުޒުލް ހަލީލް ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފިރުޒުލް ވިދާޅުވީ މިއަދުން ފެށިގެން އައިވީއެފްގެ ހިދުމަތް އާސަންދައިގެ ދަށުން ލިބޭ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.

"ކުރިން އާސަންދައިގެ އުސޫލުގައިވާ ގޮތުން ދަރިމައިވުމާ ގުޅޭ ފަރުވާތަކަކީ އާސަންދައިގެ ދަށުން ކަވާ ނުކުރާ ފަރުވާތަކެއްގެ ގޮތުގައި ހިމެނިފައި މި އޮންނަނީ. އެހެން ނަމަވެސް މިއަދުން ފެށިގެން ދަރިމައިވުމުގެ ހިދުމަތްތަކާ ގުޅޭ ފަރުވާތައް އާސަންދައިން ކަވާ ކުރަން ފަށާނެ. އެއީ އެއާ ގުޅޭ އެކި އެކި ޑައިގްނޯސިސްތަކާއި އެ ޑައިގްނޯސިސްތަކަށް ދޭ ޕްރިސްކްރިޕްޝަންތަކަށް ދޭ ބޭސް ލިބުމުގެ މަގު މިއަދުން ފެށިގެން ތަނަވަސްވެގެން ދާނެ،" ފިރުޒުލް ވިދާޅުވިއެވެ.

މިހާރު ރާއްޖޭގައި އެ ހިދުމަތް ލިބެނީ ޕްރައިވެޓް ހޮސްޕިޓަލުތަކުން ކަމަށް ފާހަގަކޮށް، ރާއްޖޭން ބޭރަށް ނުގޮސް އެ ހިދުމަތް ލިބޭނެ އިންތިޒާމު ހަމަޖައްސަން މަސައްކަތް ކުރޭތޯ ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ފިރުޒުލް ވިދާޅުވީ އެ ގާބިލުކަން އައިޖީއެމްއެޗްގައި ގާއިމުކުރުމަށް ނިންމުންތަކެއް ނިންމާފައިވާ ކަމަށާއި އަމާޒަކީ ކުރިއަށް އޮތް އެއް އަހަރު ތެރޭގައި އައިޖީއެމްއެޗުން އެ ހިދުމަތް ދެވުން ކަމަށެވެ.

އާސަންދައިން ކަވާ ކުރަން ނިންމި ދަރިމައިވުމާ ގުޅޭ ފަރުވާތަކުގެ ތެރޭގައި ޕީސީއޯއެސް އަދި އެންޑޯމެޓްރިއޯސިސްގެ ފަރުވާތައްވެސް ހިމެނެއެވެ. އެ ހިދުމަތް އާސަންދައިގެ ދަށުން ދިނުމަށް ނިންމީ މި މަހުގެ 10ގައި ބޭއްވި ވަޒީރުންގެ މަޖިލީހުގައި ކަމަށް ފިރުޒުލް މީގެ ކުރިން ވިދާޅުވެފައިވެއެވެ.