ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް އެފްގައި ރޭ ނިއުކާސަލްއިން އޭސީ މިލަން އަތުން ބަލިވި އިރު، ޑޯޓުމަންޑާ އެއްވަރުވެ، ޕީއެސްޖީން ހަނި ދޭތެރެއަކުން ގަދަ 16 ޔަގީން ކޮށްފިއެވެ.
ރޭ ނިއުކާސަލްއިން އަމިއްލަ ދަނޑުގައި އޭސީ މިލާނާ ދެކޮޅަށް ނުކުތް އިރު، ދެޓީމަށްވެސް ގަދަ 16 ގެ ފުރުސަތު އޮތް އޮތެވެ. އެ މެހެން ނަމަވެސް، ދެޓީމަށްވެސް ފުރުސަތު އޮތީ އެ ގްރޫޕްގައި ޕީއެސްޖީއާއި ޑޯޓުމަންޑާ ކުޅުނު މެޗުގެ ނަތީޖާއަށް ބަރޯސާ ވެގެންނެވެ.
ރޭ މިލާނުން 2-1 އިން ނިއުކާސަލް ބަލިކުރުމާއެކު، ނިއުކާސަލަށް ޔޫރޮޕާގެ ޖާގަވެސް ނުލިބުނެވެ. މިލާން ޔޫރޮޕާއަށް ދިޔަ އިރު، ޑޯޓުމަންޑް ޕީއެސްޖީއާ 1-1 އިން ރޭ އެއްވަރުކޮށ،ް އެޓީމުން ނިންމާލީ އެއްވަނައިގައެވެ. އެއީ ހަ މެޗުން 11 ޕޮއިންޓާއެކުގައެވެ. ޕީއެސްޖީން ހަ މެޗުން އަށް ޕޮއިންޓް ހޯދާފައިވާ އިރު، ތިންވަނައިގައި މިލާންވެސް އޮތީ ހަ މެޗުން އަށް ޕޮއިންޓާ އެކުގައެވެ. ދެޓީމުގެ ފަރަގަކީ ފައިދާ ހަތަރު ގޯލުގެ ތަފާތެވެ.
ނިއުކާސަލްއިން ރޭ އަމިއްލަ ދަނޑުގައި ކުޅުނު މެޗުގައި އެޓީމުން ވަނީ 33 ވަނަ މިނެޓުގައި ލީޑު ނަގައިފައެވެ. އެ ގޯލު ޖެހީ ޖޮއެލިންޓަންއެވެ. އެ ގޯލާއެކު ނިއުކާސަލްއިން އުންމީދެއް ހޯދައި ދެވަނަ ހާފަށް ނުކުތް ނަމަވެސް، މެޗުގެ އޮއިވަރު ދެވަނަ ހާފުގައި ބަދަލުވިއެވެ.
މެޗުގެ 59 ވަނަ މިނެޓުގައި ކުރިން ޗެލްސީއަށް ކުޅުނު ކްރިސްޓިއަން ޕުލިސިކް އެއްވަރުކުރި އިރު، މެޗުގެ ފަހު ބައި ފެނިގެން ދިޔައީ ފޯރިގަދަކޮށެވެ. ނިއުކާސަލްއިން ބޮޑަށް ނުރައްކާކުރި އިރު، މިލާންގެ ގޯލްކީޕަރު ތަފާތު ދެއްކިއެވެ. ބްރޫނޯ ގިމަރޭޝްގެ ހަމަލާ މަތަކޮށް ދަނޑިއަށް އަމާޒުކޮށްލި އިރު، އަނެއްކޮޅުން ރަފޭލް ލެއާއޯ ޖެހި ބޯޅަވެސް އަމާޒުވީ ދަނޑީ ތިރިއަށެވެ.
ނިއުކާސަލްއިން ކުރަމުންދިޔަ އުންމީދު މުޅިން ފުނޑުފުނޑުވީ ހަ މިނެޓަށްވެފައި ވަނިކޮށް، ސެމިއުލް ޗުކުއޭޒީ ޖެހި ގޯލުންނެވެ.
ރޭ ޑޯޓުމަންޑް ދަނޑުގައި ޕީއެސްޖީއަށް ޕޮއިންޓެއް ލިބުނީވެސް ކިރިޔާއެވެ. މެޗުގެ ބޮޑު ބައެއްގައި ޑޯޓުމަންޑުން މޮޅެއް ކުޅުނު އިރު، ފުރަތަމަ ހާފުގައި މާކޯ ރޫސްއާއި ކަރީމް އަޑެޔޭމީގެ ނުރައްކާތެރި ހަމަލާތައް ފެނުނެވެ.
ދެވަނަ ހާފަށް ނުކުމެ މާ ގިނައިރެއް ނުވެ، އަޑެޔޭމީ ވަނީ ޑޯޓުމަންޑަށް ލީޑު ނަގައިދީ، ޕީއެސްޖީ މާޔޫސް ކޮށްލައިފައެވެ. އެ މާޔޫސްކަން މާ ގިނައިރަކަށް ދެމިގެން ނުދިޔައެވެ. ކިލިއަން އެމްބާޕޭގެ ހުރަހުން، އުމުރުން 17 އަހަރުގެ ޒައޭ-އެމެރީ ޖެހި ގޯލުން ޕީއެސްޖީ ނަތީޖާ ހަމަހަމަކުރީ ޑޯޓުމަންޑްގެ ގޯލަށް ހަތަރު މިނެޓް ފަހުންނެވެ.