ޚަބަރު

ޝިމާ އަންދާލާފައިވާކަމަށް ބުނެ ވާހަކަ ދެކެވިފައިވޭ: ފުލުހުން

ލ. ކައްދޫއިން އެ އަތޮޅު މާމެންދޫއަށް ދަތުރު ކުރަމުން ދިޔަ ޑިންގީއެއް ބަންޑުން ޖަހާލައިގެން ގެއްލުނުކަމަށްބުނާ 19 އަހަރުގެ އައިމިނަތު ޝިމާ ނާފިޒު، ގއ. އަތޮޅުގެ ރަށެއްގައި އަންދާލާފައިވާކަމަށް ބުނެ ވާހަކަދެކެވިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މައުލޫމާތު ދެއްވަމުން އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ފައިރޫޒް ވިދާޅުވީ ގއ.ގެ ރަށެއްގައި ޝިމާ އަންދާލާފައިވާކަމަށް ބުނެ ވާހަކަ ދެކެވިގެން ދިޔަކަމަށެވެ. ނަމަވެސް މިކަމާ ގުޅިގެން އިތުރު ތަފްސީލެއް ފުލުހުން ނުދެއްވައެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި ޝިމާ ހޯދުމަށްޓައި ފުލުހުން ކޮށްފައިވާ މަސައްކަތްތަކުގެ ސްޓެޓިސްޓިކްސް ރިޕޯޓެއް ވަނީ ދައްކާލާފައެވެ.

އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ފައިރޫޒް ވިދާޅުވީ، ޝިމާ ގެއްލުނު މައްސަލާގައި 46 މީހުންނާ ސުވާލުކޮށް ބަޔާން ނަގާފައިވާ ކަމަށާއި، ޝިމާ ހޯދުމައްޓަކައި ވައިގެމަގުން ދިހަ މޭލު ވަށައިގެން ހޯދާފައިވާ ކަމަށާއި، ފަސް ޑައިވް ކޮށްފައިވާ ކަމުގައެވެ. މީގެ އިތުރުން ޖުމްލަ 1900 އަކަ ކިލޯ މީޓަރުގެ ސަރަހައްދެއް ބެލިފައިވާ ކަމަށާއި، 17 ރަށެއްބަލާ ޗެކްކޮށްފައިވާކަމަށެވެ. އަދި ސީސީޓީވީ ނުވަ ފުޓޭޖެއް ބަލާފައިވާ ކަމަށްވެދް ވިދާޅުވިއެވެ.

އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ފައިރޫޒް ވިދާޅުވީ މިހާތަނަށް ބެލި ބެލުމުން ޝިމާ އިތުރު ތަނަކަށް ގެންގޮސް ނޭއްގާނީ ކަމެއްކޮށް، ނުވަތަ އަނިޔާއެއް ދީފައިވާ ކަމަކަށް ބެލެވިފައި ނެތް ކަމަށެވެ. ނަމަވެސް ކަނޑުމަތީގައި ދިމާވި ހާދިސާގައި ޝައްކު ކުރެވޭ ކަންތައްތަކެއް ހުރިކަމުގައި އޭނާ ވިދާޅުވިއެވެ.