ޕޮލިސް ބޯޑުގެ ލަފައަކަށް ވަކިކުރި އޮފިސަރުންނަށް އަލުން ވަޒީފާ ދިނުން މަޑުޖައްސާލަން ހައި ކޯޓުން ނެރެފައިވާ ވަގުތީ އަމުރު މުރާޖައާ ކުރަންޖެހޭ ސަބަބެއް ނެތް ކަމަށް ހައި ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.
ޕޮލިސް ބޯޑުން 2021 ވަނަ އަހަރުގެ ތެރޭގައި ދިން ލަފައަކާ ގުޅިގެން ވަޒީފާއިން ވަކިކޮށްފައިވަނީ އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު މުހައްމަދު، ޗީފް ސުޕްރިޓެންޑެންޓް އަބްދުﷲ ޝަރީފު، ސުޕްރިޓެންޑެންޓް އިސްމާއިލް ޝަމީމު، ސުޕްރިޓެންޑެންޓް މުހައްމަދު ދާއޫދު އަދި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ޖަމްޝީދެވެ. ޕޮލިސް ބޯޑުގެ އެ ނިންމުން އެ އޮފިސަރުންގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅުމުން މައްސަލަ ނިންމާފައިވަނީ ދައުލަތާ ދެކޮޅަށް، ވަކިކުރި ފުލުހުންނަށް އަލުން ވަޒީފާ ދިނުމަށެވެ.
އެހެންވެ ދައުލަތުން ވަނީ ސިވިލް ކޯޓުގެ އެ ނިންމުން ހައި ކޯޓުގައި އިސްތިއުނާފުކޮށްފައެވެ. ދައުލަތުން އެ މައްސަލަ އިސްތިއުނާފުކުރުމުގެ ކުރިން ހައި ކޯޓުން ވަނީ ސިވިލް ކޯޓުގެ ނިންމުމަށް އަމަލުކުރުން ފަސްކުރުމުގެ އަމުރެއް ނެރެފައެވެ. ހައި ކޯޓުގެ އެ އަމުރު މުރާޖައާ ކޮށްދިނުމަށް މިދިޔަ މަހުގެ 15 ވަނަ ދުވަހު، މުހައްމަދު ޖަމްޝީދު އަދި އަހުމަދު މުހައްމަދު (ޓޫފޯ) ވަނީ ހައި ކޯޓަށް ހުށަހަޅައިފައެވެ.
ހައި ކޯޓުން މިއަދު އެ މައްސަލައިގައި ކުރި އަމުރުގެ ރައުޔުގައި ރިޔާސަތުގައި އިންނެވި ފަނޑިޔާރު ހަސަން ޝަފީއު ވިދާޅުވީ ހައި ކޯޓުގެ އެ އަމުރު މުރާޖައާ ކޮށްދިނުމަށް މައްސަލަ ހުށަހެޅި ދެ ފަރާތުން އެދިފައިވަނީ އެމީހުން ދިރިއުޅުމަށް ކާންބޯން ކުރާ މަސައްކަތް ހުއްޓާލަން ޖެހިފައިވާ ކަމަށް ބުނާ ބުނުން ކަމަށެވެ.
"ނަމަވެސް މިއީ މި ކޯޓުން ހުކުމް ތަންފީޒުކުރުން ފަސްކުރުމަށް ނެރުނު އަމުރުގެ ސަބަބުން ފިލައިދިޔަކަން ދައްކުވައިދޭ ކަމެއް ނޫންކަން ފާހަގަކުރެވެއެވެ. އަދި މިއީ އެ އަމުރު ނެރުނުއިރު އޮތް ހާލަތު ބަދަލުވެފައިވާކަން ދައްކުވައިދޭ ކަމެއް ނޫންކަން ވެސް ފާހަގަކުރަމެވެ..،" ފަނޑިޔާރު ޝަފީއު ވިދާޅުވިއެވެ.
ފަނޑިޔާރު ޝަފީއު ވިދާޅުވީ މައްސަލަ ހުށަހެޅި ދެ ފަރާތުން ބުނެފައިވަނީ މައުލޫއީ މައްސަލައިގެ ޝަރީއަތުގެ އަޑުއެހުމެއް ބޭއްވިފައި ނުވާ ކަމަށެވެ. ފަނޑިޔާރު ޝަފީއު އެކަމާ ގުޅިގެން ވެސް ވިދާޅުވީ އެއީ އަމުރު ތަންފީޒުކުރުން ފަސްކުރުމަށް ނެރުނު އަމަރު ފިލައިދިޔަ ސަބަބެއް ނޫން ކަމަށާއި އަމުރު ނެރުނުއިރު އޮތް ހާލަތު ބަދަލުވެފައިވާކަން ދައްކުވައިދޭ ކަމެއް ނޫން ކަމަށެވެ.
ތިންވަނަ ސަބަބެއްގެ ގޮތުގައި މައްސަލަ ހުށަހެޅި ފަރާތުން ފާހަގަކޮށްފައިވަނީ "ދިވެހި ފުލުހުންގެ ހިދުމަތުން އަދި ޕޮލިސް ބޯޑުންވެސް ސިވިލް ކޯޓުގެ ނަންބަރު /2021C-Cv3439/ ގަޒިއްޔާ އިސްތިއުނާފު ކުރުމަށް އެޓާނީ ޖެނެރަލްގެ އޮފީހަށް އެދުމަށް ނިންމާފައިނުވާ ކަމަށް މައުލޫމާތު ލިބިފައިވާކަމަށް ބުނާ ބުނުމާއި އަދި އެ މައްސަލަ އިސްތިއުނާފުކުރެވިފައިވާ ނަމަ، ޕޮލިސް ބޯޑުން އެ މައްސަލަ އަނބުރާ ގެނައުމަށް 2023 ނޮވެމްބަރު 25 ވަނަ ދުވަހު އެ ބޯޑުގެ އަގުލަބިއްޔަތުން ނިންމާފައިވާކަމަށް ބުނާ ބުނުމެވެ..،" ފަނޑިޔާރު ޝަފީއު ވިދާޅުވިއެވެ.
ނަމަވެސް ހައި ކޯޓުގައި އޮތް މައްސަލަ އިސްތިއުނާފުކުރެވިފައިވަނީ ޕޮލިސް ބޯޑާ މަޝްވަރާކުރެވި، އެ ފަރާތުން ފާހަގަކުރި ކަންކަމާއެކުގައި ކަމަށް ދައުލަތުން ވިދާޅުވެ، ޕޮލިސް ބޯޑުން އެކަންކަން ބަޔާންކޮށް ފޮނުވި ސިޓީއަށް ހަވާލާދީ އެކަން ދައުލަތުން ފާހަގަކޮށްފައިވާކަން އެނގެން އެބަހުރި ކަމަށް ފަނޑިޔާރު ޝަފީއު ވިދާޅުވިއެވެ.
ޕޮލިސް ބޯޑުން މައްސަލަ އަނބުރާ ގެންދިއުމަށް މިދިޔަ މަހުގެ 25 ވަނަ ދުވަހު އަގުލަބިއްޔަތުން ނިންމާފައިވާކަމަށް، މައްސަލަ ހުށަހެޅި ފަރާތުން ބުނާއިރު އެކަމާ ދައުލަތުން އިންކާރުނުކުރާ ކަމަށް ފަނޑިޔާރު ޝަފީއު ވިދާޅުވިއެވެ. ޕޮލިސް ބޯޑުން އަނބުރާ ގެންދިއުމަށް ނިންމި މައްސަލައަކީ ހައި ކޯޓަށް އޮތް މައްސަލައަކަށްވާ އިރު، އެ މައްސަލަ އަނބުރާ ގެންދިއުމަށް ހައި ކޯޓަށް ހުށަހަޅާފައިނުވާ ކަމަށް ފަނޑިޔާރު ޝަފީއު ވިދާޅުވިއެވެ.
"އެ ކަމަކީ މި ކޯޓުން ހުކުމް ތަންފީޒުކުރުން ފަސްކުރުމަށް ނެރުނު އަމުރުގެ ސަބަބުން ފިލައިދިޔަކަން ދައްކުވައިދޭ ކަމެއް ނޫންކަން ފާހަގަކުރެވެއެވެ. އެ އަމުރު ނެރުނުއިރު އޮތް ހާލަތު ބަދަލުވެފައިވާކަން ދައްކުވައިދޭ ކަމެއް ނޫންކަންވެސް ފާހަގަކުރެވެއެވެ،" މިފަހަރުވެސް ފަނޑިޔާރު ޝަފީއު ވިދާޅުވިއެވެ.
މައްސަލަ ހުށަހެޅި ދެ ފަރާތުން އިތުރު ކަމެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ އެ ފަރާތްތަކާ މެދު ތަފާތު ގޮތަކަށް އަމަލުކޮށްފައިވާ ކަމަށް ބުނާ ބުނުން ކަމަށެވެ.
"އެހެން ފަރާތްތަކާމެދު ކަން ހިނގައިދިޔަ ގޮތާއި މި ދެފަރާތާ މެދު ކަން ހިނގައިދިޔަ ގޮތުގައި ވާގިއީގޮތުން ތަފާތުކަމެއް ހުރިކަން ހުދު އަމުރު މުރާޖާއާކޮށްދޭން އެދުނު ފަރާތުގެ ބަހުން ވެސް އެނގެއެވެ..،" ފަނޑިޔާރު ވިދާޅުވިއެވެ.
ނަމަވެސް އެއީ ހައި ކޯޓުން ހުކުމް ތަންފީޒުކުރަން ފަސްކުރުމަށް ނެރުނު އަމުރުގެ ސަބަބުން އަދި އެއިރު އޮތް ހާލަތު ބަދަލުވެފައިވާކަން ދައްކުވައިދޭ ސަބަބެއް ނޫން ކަމަށް ފަނޑިޔާރު ވިދާޅުވިއެވެ.
ފަނޑިޔާރު ޝަފީއުގެ އެ ރައުޔަށް، ފަނޑިޔާރު ހުސެއިން ޝަހީދު އަދި ފަނޑިޔާރު މުހައްމަދު ސަލީމް ތާއީދުކުރައްވާފައިވާތީ އިއްތިފާގުން ކުރެއްވި އަމުރުގައި ފަނޑިޔާރު ޝަފީއު ވިދާޅުވީ ޝަރީއަތުގެ އަޑުއެހުމުގައި ދެ ފަރާތުން ފާހަގަކުރި ކަންކަމަށް ރިއާޔަތްކޮށް، އެ އަމުރު މުރާޖާއާކުރަންޖެހޭ ފަދަ ސަބަބެއް ނުވަތަ ހާލަތެއް މެދުވެރިވެފައިވާކަން މި ހިނދަށް އޮތްކަން، އަމުރު މުރާޖާއާކުރަން އެދުނު ފަރާތަށް ޝަރީއަތަށް ގަބޫލުކުރެވޭނެ ހަމައަކުން ބަޔާންކޮށްދެވިފައި ނެތަތީީ، އެ އަމުރު މުރާޖާއާކުރާނެ ތަނެއް ނެތްކަމަށް ނިންމައިފިން ކަމަށެވެ.