ރައީސުލްޖުމްހޫރީޔާ އިބްރާހިމް މުހައްމަދު ސޯލިހަށް، އިންޑިއާގެ މަޝްހޫރު ދެ ކްރިކެޓް ޓީމުކަމުގައިވާ ޗެންނާއީ ސުޕަ ކިންގްސް އާއި، ރޯޔަލް ޗެލެންޖާސް ބެންގަލޯގެ ކެޕްޓަނުން ހާއްސަ ހަދިޔާއެއް އަރުވައިފިއެވެ.
ޗެންނާއީ ސުޕަ ކިންގްސްގެ ކެޕްޓަން މަހިންދްރަ ސިންގް ދޯނީ އާއި ރޯޔަލް ޗެލެންޖާސް ބެންގަލޯގެ ކެޕްޓަން ވިރާޓު ވަނީ އެދެ ކުޅުންތެރިން ސޮއިކުރުމަށްފަހު ކްރިކެޓް ބެޓަކާއި ޖާޒީއެއް ރައީސުލް ޖުމްހޫރިއްޔާއަަށް ހަދިޔާކޮށްފައެވެ.
މިހަދީޔާ ރައީސަށް އަރުވާފައިވަނީ ރޭ ޗެންނާއީ ސުޕަ ކިންގްސް އާއި ރޯޔަން ޗެލެންޖާސް ބެންގަލޯ ކުޅުނު ކްރިކެޓް ފެއްޓުމުގެ ކުރިންނެވެ. ރައީސްވަނީ ރޭ ކުޅުނު ކުރިކެޓް މެޗް ބައްލަވާ ލައްވައިފައެވެ.
ބެންގަލޫރު އެމް ޗިންނަސްވާމީ ސްޓޭޑިއަމު ގައި ކުރިއަށް ދިޔަ މި މެޗު އެއް ލަނޑުގެ ތަފާތަކުން ކާމިޔާބު ކުރީ ރޯޔަލް ޗެލެންޖާސް ޓީމެވެ.
ރައީސް އިންޑިޔާއަށް ކުރެއްވި މި ދަތުރުފުޅުގައި ވަނީ ބެންގަލޫރުގައި ދިރިއުޅޭ ދިވެހިންނާ އިއްޔެ ހަވީރު ބައްދަލުކުރައްވައިފައެވެ. އެއަށްފަހު ރާއްޖޭގެ ކްރިކެޓް ކުރިއެރުވުމަށްޓަކައި އިންޑިއާގެ ކްރިކެޓް ބޯޑާ އެކު ބެންގަލޫރު ގައި ފުޅާ ދާއިރާއެއްގައި ވަނީ މަޝްވަރާ ކުރައްވާފައެވެ.
އިންޑިޔާ ދަތުރު ފުޅަށްފަހު ރައީސް ވަނީ މިއަދު މާލެ ވަޑައިގަންނަވައިފައެވެ.