އިބްރާހިމް ޒަކީ
އަންނަ އަހަރު އިންތިހާބު ކުރާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ފެށުން، މަޖިލީހުގެ ތިންވަނަ ދައުރުގެ މެދުތެރެއަށް ދިމާވާތީ، ރައްޔިތުންގެ މަޖިލީހުގެ ދައުރުތައް އެތުރިފައިވާގޮތް ބަަދަލު ކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
ކޮންމެ އަހަރަށް ތިން ދައުރު ކަނޑައަޅައިގެން މަޖިލީހުުގެ ޖަލްސާތައް ކުރިއަށްގެންދާ އިރު، މަޖިލިސް ގަވާއިދުގައި މިހާރު އޮންނަ ގޮތުން މަޖިލީހުގެ ފުރަތަމަ ދައުރު ހިނގާނީ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އޭޕްރީލް މަހުގެ ނިޔަލަށެވެ. ދެވަނަ ދައުރު ހިނގާނީ މެއި މަހުގެ 16 ވަނަ ދުވަހުން ފެށިގެން ޖޫން މަހުގެ ނިޔަލަށް އަދި ތިންވަނަ ދައުރު ހިނގާނީ އޮގަސްޓް މަހުގެ 16 ވަނަ ދުވަހުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށެވެ.
މިގޮތަށް މަޖިލިސް ޖަލްސާތައް ކުރިއަށްގެންދަން މަޖިލިސް ގަވާއިދަށް ބަދަލު ގެނައީ، ދިރާސީ އާ އަހަރުގެ ކިޔެވުން ފެށުން 2021 ވަނަ އަހަރު ބަދަލުކުރުމާ ގުޅިގެން މަޖިލިސް ޗުއްޓީ، ސްކޫލްތަލުގެ ޗުއްޓީއާ އެއްގޮތް ކުރުމުގެ ގޮތުންނެވެ.
ނަމަވެސް މިހާރު މިއޮތް 19 ރައްޔިތުންގެ މަޖިލީހުގެ ފަސް އަހަރުގެ އުމުރު މެއި 27 އަށް ހަމަވާނެއެވެ. އެއީ އަންނަ އަހަރުގެ ދެވަނަ ދައުރުގެ ޖަލްސާތަކުގެ މެދުތެރެއެވެ. އެހެންކަމުން ދެން އިންތިހާބު ކުރާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އުމުރު ފެށޭނީވެސް ދައުރުގެ މެދު ތެރެއިންނެވެ.
އެކަމާ ގުޅިގެން އާ މަޖިލިސް ފަށަން ބޭނުންވާ އިންތިޒާމުތައް ހަމަޖެއްސުމަށް ބޭނުންވާ ވަގުތު ނުލިބުމުގެ އިތުރުން، މަޖިލީހުގައި ނުނިމިހުރި ބިލުތައް ބާތިލުވުމާއި، އެކަމުގެ ސަބަބުން ދިމާވާ އިތުރު އުނދަގޫތައް ފާހަގަކޮށް މަޖިލިސް އިދާރާއިން ވަނީ އާއްމު ކޮމިޓީއަށް ހުށަހަޅައިފައެެވެ.
އެ ކަންތަކަށް ބެލުމަށްފަހު އާއްމު ކޮމިޓީން ބަދަލު ގެނަސް މަޖިލިސް ގަވާއިދަށް ގެނައުމަށް މަޖިލިސް ތަޅުމަށް ފޮނުވާފައިވާ އިސްލާހުތަކުގައި ވަނީ، މަޖިލީހުގެ ފުރަތަމަ ދައުރު ހިންގާނީ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން މެއި މަހުގެ 15 ވަނަ ދުވަހުގެެ ނިޔަލަށް ކަމަށާއި ދެވަނަ ދައުރު ހިނގާނީ ޖޫން މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އޯގަސްޓް މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ކަމަށާއި އަދި ތިންވަނަ ދައުރު ހިނގާނީ އޮކްޓޫބަރު މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ނުވެމްބަރު މަހުގެ ނިޔަލަށް ކަމަށް ކަނޑައަޅައިފައެވެ.
އާއްމު ކޮމިޓީން ހުށަހެޅިގޮތަށް މަޖިލިސް ގަވާއިދު ބަދަލު ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއިން ވަނީ ފާސްކޮށްފައެވެ.