މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ އެހީގައި ހުޅުމާލެ، ހުރަވީ ސްކޫލުގައި ތަރައްގީކުރި ވޮކޭޝަނަލް ހަބް "ހުނަރު ވެހި" އިއްޔެ ހުޅުވައިފިއެވެ.
ހުރަވީ ސްކޫލުގައި އެކަމަށްޓަކައި ބޭއްވި ރަސްމިއްޔާތެއްގައި، ހުނަރު ވެހި ހުޅުއްވައިދެއްވީ އެޑިއުކޭޝަން މިނިސްޓަރު އިސްމާއީލް ޝަފީއު އާއި އެމްއޭސީއެލްގެ ސީއީއޯ އިބްރާހިމް ޝަރީފް މުހައްމަދެވެ.
އެމްއޭސީއެލުން ބުނީ އެ މަޝްރޫއަކީ ރާއްޖޭގެ ތައުލީމީ ނިޒާމު ކުރިއެރުވުމަށާއި، އުފެއްދުންތެރި އަދި ބިނާކުރަނިވި ތަމްރީނުތައް ދަރިވަރުންނަށް އުނގަންނައިދިނުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން ކުރިއަށްގެންދާ މަޝްރޫއެއް ކަމަށާއި އެ ތަމްރީނުތަކުން ކިޔަވާކުދިންނަށް ބޭނުންވާ ވާޑާންކުރުމުގެ ސަމާނާއި، ކަރަންޓާއި ވައިރިން އަދި ވެލްޑިން ކުރުމަށް ބޭނުންވާ ސާމާނުގެ އިތުރުން ދަރިވަރުންނަށް ފަހަން ދަސްކޮށްދިނުމަށް ބޭނުންވާ ސާމާނުތައް އެ ކުންފުނިން ހަދިޔާކޮށްފައިވާނެ ކަމަށެވެ.
އޭގެ އިތުރުން ވެސް އެތަން ތަރައްގީކޮށްފައިވާ އިމާރާތް މަރާމާތުކުރުމުގެ މަސައްކަތައް ބޭނުންވާ ތަކެއްޗާއި އެހީތެރިކަން އެމްއޭސީއެލުން ފޯރުކޮށްދީފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.
އެ ޕްރޮގްރާމް ހުޅުވުމަށް ބޭއްވި ހަފުލާގައި ވާހަކަދައްކަވަމުން އެމްއޭސީއެލްގެ ސީއީއޯ ޝަރީފް ވިދާޅުވީ، އެމްއޭސީއެލްއަކީ ރާއްޖޭގެ ނިސްބަތުން ބޮޑު ކުންފުންޏެއް ކަމަށްވުމާއެކު، ކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުން މުހިންމު ގިނަ މަސައްކަތްތަކެއް ރާވާފައިވާ ކަމަށާއި އަދި ސްކޫލު ނިންމާ ދަރިވަރުންނަށް އަމާޒުކޮށްގެން ވަރަށް އަވަހަށް އިންޓާންޝިޕް ޕްރޮގްރާމެއް ފަށާނެ ކަމަށެވެ.
އޭގެ އިތުރުން ހުނަރު ވެހި ފަދަ ދެމެހެއްޓެނިވި ތައުލީމީ ނިޒާމެއްގެ ތެރެއިން، ވަޒީފާގެ މާހައުލަށް ބޭނުންވާ ހުނަރުވެރި ދަރިވަރުން އުފެދިގެން ދިއުމަކީ ކުރައްވާ އުންމީދެއް ކަމަށް ޝަރީފް ވިދާޅުވިއެވެ.
އިއްޔެގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރު އިސްމާއީލް ޝަފީއު ވިދާޅުވީ، ހުރަވީ ސުކޫލުން މިއަދު ގާއިމުކުރި ފަދަ ހުނަރު ދަސްކޮށްދޭ ޕްރޮގްރާމްތަކެއް ރާއްޖޭގެ އެހެން ސްކޫލުތަކުގައި ވެސް ފެށިގެންދާނެ ކަމަށާއި ސަރުކާރުގެ އަމާޒަކީ، ސާނަވީ ތައުލީމު އުނގެނޭ ހުރިހާ ދަރިވަރުންނަށްވެސް އެފަދަ ޕްރޮގްރާމްތަކުން ފައިދާކުރުން ކަމަށެވެ.
އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ހުރަވީ ސްކޫލުގެ ޕްރިންސިޕަލް އަބްދުﷲ ރަޝީދު ވިދާޅުވީ، އެ ސްކޫލުގެ އަމާޒަކީ ސްކޫލުގެ ދަރިވަރުންނަކީ ތައުލީމީ ގޮތުންނާއި މަސައްކަތްތެރިކަމާއި ހުނަރުވެރިކަމުގެ ގޮތުންވެސް ފާހަގަކޮށްލެވޭ ދަރިވަރުންނަށް ހެދުން ކަމަށާއި އަދި މަސައްކަތްތެރި ކުދިން އުފެއްދުމަށް ސަރުކާރާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ދޭ އަހައްމިއްޔަތުކަން އިތުރު ކަމަށެވެ.
އެ ޕްރޮގްރާމްގެ އިތުރުންވެސް، ކިޔަވާކުދިންނަށް އެކި ހުނަރު ދަސްކޮށްދިނުމަށް ގާއިމުކުރި އެ ސްކޫލުގެ "ދަސްވެށި" އަދި ލެއިޝާ ރޫމެއްގެ ގޮތަށް ގާއިމުކުރި "މަރިޔާދު" ވެސް ވަނީ އިއްޔެ ހުޅުވައިފައެވެ. ދަސްވެށި ހުޅުއްވައިދެއްވީ އެމްއޭސީއެލްގެ ސީއީއޯ ޝަރީފް އަދި މަރިޔާދު ހުޅުއްވައިދެއްވީ ހަޔާ އެޑިއުކޭޝަން މިނިސްޓަރު މަރިޔަމް މާރިޔާއެވެ.