އަލީ ޔާމިން
މިދިޔަ ސެޕްޓެމްބަރު މަހު ބޭއްވި ރިޔާސީ އިންތިހާބުގައި ޕީއެންސީގެ ޓިކެޓުގައި ވާދަކުރެއްވި މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒަށް ކެމްޕެއިންގެ ގޮތުގައި ލިބިވަޑައިގެންނެވި ފައިސާ އާއި ތަކެތީގެ އަގު 21.3 މިލިއަން ރުފިޔާއަށް އަރާ ކަމަށާއި ހަރަދުކުރައްވާފައި ވަނީ ގާނޫނުގައިވާ އަދަދުގެ ތެރޭގައި ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.
އީސީން ބުނެފައިވާ ގޮތުގައި ކެންޑިޑޭޓަކަށް އެންމެ ގިނައިން ހަރަދުކުރެވޭނީ 564,790,000 އެވެ. އެއީ، ބޮލަކަށް އެންމެ ގިނަވެހެން 5،000 ރުފިޔާގެ މަގުންނެވެ.
އިލެކްޝަން ކޮމިޝަން (އީސީ) އިން އާއްމުކޮށްފައިވާ ކެންޑިޑޭޓުންގެ މާލީ ބަޔާންތަކުގައިވާ ގޮތުން ރިޔާސީ އިންތިހާބަށް ރައީސް މުއިއްޒަށް ވަނީ ފައިސާގެ ގޮތުގައި 2،115،000 ރުފިޔާ ލިބިވަޑައިގެންފައެވެ. އަދި ތަކެތީގެ ގޮތުގައި 19،229،367 ރުފިޔާ ލިބިވަޑައިގެންފައިވެއެވެ.
ރައީސް މުއިއްޒުގެ މާލީ ބަޔާނުން އެނގޭ ގޮތުގައި، ކެމްޕެއިނަށް ރައީސް މުއިއްޒު ހަރަދުކުރައްވާފައިވަނީ 1،999،450 ރުފިޔާއެވެ. ކެމްޕެއިން ނިމުނުއިރު 115،550 ރުފިޔާ ބާކީ އެބަ ހުއްޓެވެ.
މީގެ އިތުރުން ކެމްޕެއިން ނިމުނުއިރު ނުދައްކައި ހުރި ބިލްތަކަށްވެސް 10،2980.40 ރުފިޔާ އަރައެވެ.
މާލީ ބަޔާނުން އެނގޭ ގޮތުގައި ރައީސް މުއިއްޒުގެ ކެމްޕެއިނަށް އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ ޕީޕީއެމުންނެވެ.