ޔޫއެފާ ޗެމްޕިއަންސް ލީގުގައި ރޭ މެންޗެސްޓާ ޔުނައިޓެޑުން ކުޅުނު މެޗުގައި ބަޔާން މިއުނިކް އަތުން ބަލިވެ، އެޓީމަށް ކުރިއަށްދާން ފުރުސަތު ބަންދުވެއްޖެއެވެ.
ރޭ ޔުނައިޓެޑް އަމިއްލަ ދަނޑުގައި ބަލިވީ 1-0 ގެ ނަތީޖާއަކުންނެވެ. އެ ނަތީޖާއާއެކު ޔުނައިޓެޑަށް ގްރޫޕް އޭ ނިންމާލަން ޖެހުނީ ފުލުގައެވެ. އެއީ ކުޅުނު ހަ މެޗުން ހަތަރު ޕޮއިންޓާއެކުގައެވެ. ބަޔާނުން އެއްވަނައިގައި ހަ މެޗުން 16 ޕޮއިންޓާއެކު ނިންމާލި އިރު، ރޭ ގަލަޓަސަރާއީ ބަލިކޮށް، ގަދަ 16 އަށް ދެން އެ ގްރޫޕުން ދިޔައީ ކޯޕަންހޭގަންއެވެ.
ގަލަޓަސަރާއީއަށް ޔޫރޮޕާ ލީގުގެ ޖާގައެއް ހޯދީ ތިންވަނައިގައި ހަ މެޗުން ފަސް ޕޮއިންޓާއެކު އޮވެގެންނެވެ.
ރޭގެ މެޗުގެ ފުރަތަމަ ހާފުގައި ޔުނައިޓެޑަށް އުނދަގޫތަކެއް ކުރިމަތިވިއެވެ. ހާއްސަކޮށް، އެޓީމަށް އަނިޔާގެ މައްސަލަތަކެއް ކުރިމަތިވުންވީ ބޮޑު ކަންބޮޑުވުމަކަށެވެ. ހެރީ މެގުއާއާއި ލުކް ޝޫއަށް އަނިޔާވެ، ފުރަތަމަ ހާފުގައި ބަދަލުކުރަން ޖެހިފައިވާ އިރު، އެ ހާފު ފެނިގެންދިޔައީ ހަމަލާތައް މަދުކޮށެވެ.
ދެވަނަ ހާފުގެ ކުރީކޮޅުގައިވެސް ބަޔާނުން ބޯޅަ ކޮންޓްރޯލްކޮށް ކުޅުނު އިރު، އެޓީމުންވެސް ހަމަލާތައް އުފެއްދީ މަދުންނެވެ. އަނެއްކޮޅުން ބަޔާންގެ ގޯލްކީޕަރު މެނުއަލް ނޯޔާ، މުޅި މެޗުގައިވެސް ހުރީ ހުސްކޮށެވެ. މެޗު ނިމެން 20 ވަރަކަށް މިނެޓަށްވެފައި ވަނިކޮށް، ބަޔާނުން ވަނީ ލީޑު ނަގައިފައެވެ. ހެރީ ކޭން ދުއްވާލި ބޯޅައަށް ކުރިއަށް ޖެހި، ކިންގްސްލީ ކޯމަން ބޯޅަ ގޯލަށް ވައްދާލި ފަސޭހަކަމާއެކުގައެވެ.
ރެއާލްއިން ރޭ ރަށުން ބޭރުގައި ޔޫނިއަން ބާލިން ބަލިކުރީ 2-3 ގެ ނަތީޖާއަކުންނެވެ. ރެއާލްއިން ގްރޫޕް ސީ ނިންމާލީ ސައްތައިން ސައްތަ ރެކޯޑަކާއެކުގައެވެ. ހަ މެޗުން 18 ޕޮއިންޓް ރެއާލަށް ލިބިފައިވާ އިރު، ނަޕޯލީ ދެވަނައިގައި ނިންމާލީ ހަ މެޗުން 10 ޕޮއިންޓާއެކުގައެވެ. ސްޕޯޓިން ބްރާގާ ޔޫރޮޕާ ޖާގަ ހޯދި އިރު، އެ ގްރޫޕްގެ ފުލަށް ދިޔައީ ޔޫނިއަން ބާލިންނެވެ.
މެޗުގައި ފުރަތަމަ ލީޑު ނެގީ ޔޫނިއަން ބާލިންއިންނެވެ. ކެވިން ވޮލެންޑްގެ ގޯލުން އެޓީމު ލީޑު ނެގި އިރު، މެޗުގެ ފުރަތަމަ ކޮޅުގައި ރެއާލްއަށް ލިބުނު ޕެނަލްޓީ ލޫކާ މޮޑްރިޗް އަތުން ވަނީ ނާކާމިޔާބުވެފައެވެ.
ރޭގެ މެޗުން މޮޅުވެ، ޔޫނިއަން ބާލިންނަށް ޔޫރޮޕާގެ ޖާގަ ހޯދެން އޮތް އިރު، އެޓީމުން ވަނީ އެކަމަށް ބުރަކޮށް މަސައްކަތް ކޮށްފައެވެ. ފުރަތަމަ ލީޑު ނަގައި ކުރިއަށް ދަނިކޮށް، އެޓީމު ފުރަތަމަ މާޔޫސްވީ ދެވަނަ ހާފުގައި ޖޮސެލޫ ފުލުފުލުގައި ޖެހި ދެ ގޯލުންނެވެ. އޭގެ ފަހުންވެސް ޔޫނިއަން ބާލިންއިން ނަތީޖާ އެއްވަރުކުރިއެވެ. އެލެކްސް ކްރަލް ޖެހި ގޯލުން ނަތީޖާ އެއްވަރުކޮށް ޔޫނިއަން ބާލިން އުންމީދެއް ހޯދި ނަމަވެސް، ރެއާލްއިން ވަނީ މެޗުގެ ފަހު ވަގުތު މޮޅުވެފައެވެ.
ރެއާލްގެ ފަހު ގޯލު ޖެހީ ޑެނީ ސެބަލޯސްއެވެ. އެ ގޯލަށް ފުރުސަތު ތަނަވަސްކޮށްދިނީ ޖޫޑް ބެލިންހަމްއެވެ.