ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ މުވައްޒަފުންނަށް ނުދީ ހުރި މުސާރަ ދޭން ޝަރުތުކޮށް، ދުނިޔޭގެ ފުޓުބޯޅަ ފެޑެރޭޝަން (ފީފާ)އިން، އެފްއޭއެމްއަށް އެއް ލައްކަ ޑޮލަރު ދީފިއެވެ.
ރާއްޖޭގެ ފުޓުބޯޅަ އިދާރާ އެފްއޭއެމް، ފައިސާގެ މައްސަލަތަކެއްގެ ތެރޭގައި ތާށިވެ، އެ އިދާރާގެ ވެރިންގެ މައްޗަށް ދަނީ ޖިނާއީ ތަހުގީގެއްވެސް ހިންގަމުންނެވެ. ދާދިފަހުން ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން ވިދާޅުވީ އެފްއޭއެމްގެ ވެރިންގެ މައްޗަށް މަނީ ލޯންޑަރިން ފަދަ މައްސަލަތަކަށް ތުހުމަތުކޮށް، ތަހުގީގު ހިންގަމުން އަންނަ ކަމަށާއި، ހެކި ލިބުނުހާ އަވަހަކަށް ދައުވާކުރަން ފޮނުވާނެ ކަމަށެވެ. އެ މައްސަލައިގެ ޕްރައިމް ސަސްޕެކްޓަރީ އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ކަމަށްވެސް ޕީޖީން ވަނީ ބުނެފައެވެ.
އެފްއޭއެމްގެ ފައިސާގެ ހާލަތު ގޯސްވެ، މުއައްޒަފުންނަށް މުސާރަ ނުދީ އޮތުމުގެ ޝަކުވާވެސް އޮތީ ފުނި ޖެހިފައެވެ. ބައެއް މުއައްޒަފުންނަށް މުސާރަ ނުދޭތާ ހަ މަހަށްވުރެ ގިނަ ދުވަސްވެފައިވާ އިރު، އިދާރީ ހުންގުމަށް މިހާރު މުއައްޒަފުން ނުނިކުމެއެވެ. އެ މުވައްޒަފުންނަށް ދޭން ޖެހޭ މުސާރަ ނުދީ އޮތް މައްސަލަ ބޮޑުވެ، މިހާރު ގިނަ މުއައްޒަފުން ވަނީ އެފްއޭއެމް ދޫކޮށް ގޮސްފައިވެސް މެއެވެ.
އެ މައްސަލަގަނޑުގެ ތެރޭގައި އެފްއޭއެމް އޮތުމުން، ފީފާއިން ވަނީ އާއްމުކޮށް އެ އިދާރާއިން އެފްއޭއެމްއަށް ދޭ ޕޭމަންޓްތައްވެސް މަޑުޖައްސާލައިފައެވެ. އެ ޕޭމަންޓްތައް މަޑުޖައްސާލައިފައި އޮތުމަށްފަހު، މިފަހަރު ޖަމާކޮށްފައި ވަނީ އެއް ލައްކަ ޑޮލަރެވެ. އެއީ މުވައްޒަފުންގެ މުސާރަ ދޭން ޝަރުތުކޮށް ޖަމާކުރި ފައިސާއެކެވެ.
އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ މުހައްމަދު ޖައުޝަން ޝަރީފް "ވަން ސްޕޯޓްސް" އަށް ވިދާޅުވީ މުވައްޒަފުންނަށް މުސާރަ ދޭން އިރުޝާދު ދީ ފައިސާ ޖަމާކޮށްފައިވާ ކަމަށެވެ.
"އެއް ލައްކަ ޑޮލަރު އެފްއޭއެމްއަށް ފީފާއިން ވަނީ ދީފައި. އެއީ މުވައްޒަފުންނަށް ނުދެވި ހުރި މުސާރަތައް ދޭން. މިއީ ފީފާއިން އާއްމުކޮށް ޖަމާކުރާ ފައިސާގެ ބައެއް. އެ ފައިސާ ހުރީ އެކިއެކި ކަންކަމާ ހުރެ ޑިލޭ ވެފައި،" ޖައުޝަން ވިދާޅުވިއެވެ.
އެފްއޭމްއިން އެކިއެކި ގޮތްގޮތުން މުވައްޒަފުންނަށް ދޭން ޖެހޭ ސީދާ ފައިސާގެ އަދަދެއް ޔަގީނެއް ނޫނެވެ. އެ މުވައްޒަފުންގެ އިތުރުން ބިދޭސީ ކޯޗުންނަށް ދޭން ޖެހޭ މުސާރައިގެ މައްސަލަތައްވެސް އެފްއޭއެމްއަށް އަދިވެސް އެބައޮތެވެ.