ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު

"މޯލްޑިވްސް ފައިނޭންސް ފޯރަމް 2019" މިނިސްޓަރު އަމީރު ޝަރަފުވެރިކޮށްދެއްވައިފި

"މޯލްޑިވްސް ފައިނޭންސް ފޯރަމް 2019" މިނިސްޓަރު އިބްރާހިމް އަމީރު ޝަރަފުވެރިކޮށްދެއްވައިއެވެ.

ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުން އިންތިޒާމްކޮށްގެން ޕެރަޑައިސް އައިލެންޑް ރިސޯޓްގައި މިއަދު ކުރިއަށް ގެންދާ މި ފޯރަމްގައި ވިޔަފާރި އާއި މާލީ ކަންތައްތަކުގައި ހަރަކާތްތެރިވާ ފަރާތްތަކުންވަނީ ބައިވެރިވެފައެވެ. ފޯރަމްގެ ޝިއާރަކީ "އެންގޭޖިންގ ޕްރައިވެޓް ސެކްޓަރ ފޯރ ސޯޝަލް އެންޑް އިކޮނޮމިކް ޑިވެލޮޕްމަންޓް" އެވެ.

މި އަހަރުގެ ފޯރަމްގައި ފައިނޭންސްގެ ދާއިރާގައި ތަޖުރިބާކާރު ފަރާތްތަކުން ބައިވެރިވެ ޕްރެޒެންޓޭޝަން ހުށައަޅައިދިނުމަށް ވަނީ ހަމަޖައްސައިފައެވެ. އެގޮތުން ރެޖިސްޓްރާ އޮފް ކޮންޕެނީ މަރިޔަމް ވިޝާމްއާއި އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޒީނާދުއާއި އިކޮނޮމިކް މިނިސްޓްރީގެ އައިޑީބީ ޕްރޮޖެކްޓް މެނޭޖަރު ލަމްޔާ އިބްރާހިމް ހިމެނޭ ކަމަށް ޕެންޝަން އޮފީހުން ބުނެއެވެ.

މީގެއިތުރުން ޒުވާން ތިން ވިޔަފާރިވެރިއެއް އެމީހުންގެ ވިޔަފާރި ކުރިއަރައި ދިޔަގޮތްވެސް މި ފޯރަމްގެ ތެރެއިން ބައިވެރިންނަށް ހިއްސާކުރާނެ ކަމަށް ޕެންޝަން އޮފީހުން ބުނެއެވެ.

"މޯލްޑިވްސް ފައިނޭންސް ފޯރަމް"ގެ ނަމުގައި ޕެންޝަން އޮފީހުން އެންމެ ފުރަތަމަ ފޯރަމެއް ބާއްވާފައިވަނީ 2012 ވަނަ އަހަރުގައެވެ. އެގޮތުން މިދިޔަ އަހަރު ބޭއްވި ފޯރަމްގައި ސަރުކާރުގެ އޮފީސްތަކާއި އަމިއްލަ ކުންފުނިތަކުން ޖުމްލަ 83 މަންދޫބުން ބައިވެރިވެފައިވެއެވެ.