ޚަބަރު

އިންސާނީ ހައްގުތައް ނެގެހެއްޓުމުގެ ގައުމީ ނިޒާމު ހަރުދަނާކުރުމަށް ރާއްޖެ އޮތީ ތައްޔާރަށް: ނައިބު ރައީސް

އިންސާނީ ހައްގުތައް ނެގެހެއްޓުމުގެ ގައުމީ ނިޒާމު ހަރުދަނާކުރުމަށް ރާއްޖެ އޮތީ ތައްޔާރަށް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސައިން މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.

އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ހައިކޮމިޝަނަރު ވޮލްކާ ޓާކްއާ މިއަދު ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން ނައިބު ރައީސް ވަނީ ބައިނަލްއަގުވާމީ މުއާހަދާތަކަށް އަމަލުކުރުމުގައި އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ މަޖިލީހާއި އަދި އެ މަޖިލީހާ ގުޅިފައިވާ ނިޒާމުތަކަށް އެއްބާރުލުން ދީގެން ރާއްޖެއިން ބިނާކުރަނިވި މަސައްކަތްތަކެއް ކުރާނެކަމުގެ ޔަގީންކަން ދެއްވިއެވެ.

ނައިބު ރައީސް ވިދާޅުވީ އިންސާނީ ހައްގުތައް ނެގެހެއްޓުމުގެ ގައުމީ ނިޒާމު ހަރުދަނާކުރުމަށް ސަރުކާރުގެ އެންމެހާ އިދާރާތަކާއި ރަސްމީ އޮފީސްތައް ހިމެނޭހެން މަސައްކަތްކުރުމަށް ދިވެހިރާއްޖެއިން ތައްޔާރަށް އޮތް ކަމަށެވެ.

‎އެ ބައްދަލުކުރެއްވުމުގައި ނައިބު ރައީސާއި އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ހައިކޮމިޝަނަރު ވަނީ ދެފަރާތުގެ ދެމެދުގައި ގުޅުން ބަދަހިކުރުމާ ބެހޭގޮތުން މަޝްވަރާކުރައްވައި، ސުލްހަ މަސަލަސްކަން ދެމެހެއްޓުމަށާއި، ދިރިއުޅުމުގެ ފެންވަރު މަތިކުރުމާއި، އިންސާނީ ހައްގުތައް ކުރިއެރުވުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވައިފައެވެ. ހާއްސަ ގޮތެއްގައި، ފަލަސްތީނުގެ ރައްޔިތުންގެ އިންސާނީ ހައްގުތައް ހިމާޔަތްކުރުމާއި ގާޒާއަށް މިހާރުން މިހާރަށް ބޭނުން ޖެހިފައިވާ އިންސާނީ އެހީތެރިކަން ފޯރުކޮށްދެވޭކަން ޔަގީންކުރުމުގެ މުހިންމު މައުޟޫއަށް ނައިބު ރައީސް އަލިއަޅުއްވާލައްވާފައިވެއެވެ.

ސްވިޒަލެންޑްގެ ޖެނީވާއަށް ނައިބު ރައީސް ވަޑައިގެންފައިވަނީ އިންސާނީ ހައްގުތައް ރައްކާތެރިކުރުމާ ބެހޭ ބައިނަލްއަގުވާމީ މުއާހަދާ "ޔުނިވާސަލް ޑިކްލަރޭޝަން އޮފް ހިއުމަން ރައިޓްސް" އަށް 75 އަހަރު ފުރުމުގެ މުނާސަބަތު ފާހަގަކުރުމަށްޓަކައި ބާއްވާ މަތީ ފަންތީގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށެވެ. އެ ހަރަކާތްތައް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ އިއްޔެ އިން ފެށިގެން ދެ ދުވަހުގެ މުއްދަތަކަށެވެ.