ޝަހީދާ އަބްދުﷲ ސައީދު
އާސާރީ ބިނާއެއްގެ ގޮތުގައި ސަރުކާރުން ބަލަހައްޓަމުން އަންނަ މާލޭ ހުކުރު މިސްކިތުގެ އާބާތުރަ ފިލުވުމާ ގުޅޭގޮތުން ލަފާ ދިނުމަށް ރާއްޖެ ވަޑައިގެންނެވި އިންޑިއާގެ ވަފުދުގެ ބޭފުޅުންނާ ހެރިޓޭޖު މިނިސްޓަރު ޔުމްނާ މައުމޫން ބައްދަލުކުރައްވައިފިއެވެ.
ހެރިޓޭޖު މިނިސްޓްރީން މިއަދު ބުނީ މިސްކިތުގެ އާބާތުރަ ފިލުވުމާ ގުޅޭގޮތުން ލަފާދެނީ އިންޑިއާގެ ތަޖުރިބާކާރު ބޭފުޅުން ކަމަށެވެ.
ސަރުކާރުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހުރި އާސާރީ ތަންތަން ހިމާޔަތް ކުރުމަށް ގިނަ މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ.
މިނިސްޓަރު ޔުމްނާ މީގެ ކުރިން ވިދާޅުވެފައިވަނީ އާސާރީ ތަންތަން ބެލެހެއްޓުމަކީ ކޮންމެ މީހެއްގެ ވެސް ޒިންމާއެއް ކަމަށާއި އެފަދަ ތަންތަން ބެލެހެއްޓޭނީ ތަނުގެ މުހިންމުކަން އަންގައިދެވިގެން ކަމަށެވެ. އެގޮތުން މީހުން ހޭލުންތެރިކުރަން ޖެހޭ ކަމަށް ވެސް ޔުމްނާ ވިދާޅުވިއެވެ.
މާލޭ ހުކުރު މިސްކިތަކީ ޔުނެސްކޯގެ، ދުނިޔޭގެ ތަރިކައިގެ ވަގުތީ ލިސްޓުގައި ހިމެނިފައިވާ ދިވެހިންގެ އަގުހުރި ސަގާފީ ތަރިކައެކެވެ.
މާލޭގެ ހުކުރު މިސްކިތް ފުރަތަމަ ފަހަރަށް އާބާތުރަ ފިލުވީ ޝިހާބުއްދީން ރަދުންގެ ރަސްކަމުގައި މީލާދީން 1338 ގައެވެ. އަދި އޭގެ ފަހުން މިސްކިތުގެ ބިންގާ ނަގައި، އަލުން އެމިސްކިތް ހުރި ތާނގައި ހިރިގަލުން މިސްކިތް ބިނާކުރެއްވީ އިސްކަންދަރު ރަސްގެފާނެވެ.
ހުކުރު މިސްކިތް އިސްކަންދަރު ރަސްގެފާނުގެ ރަސްކަމުގައި އަލުން ބިނާކުރައްވަން ފެއްޓެވީ މީލާދީން 21 ޖޫން 1656 ގައެވެ. ބިނާކުރައްވައި ނިމުނީ އެރަދުންގެ ރަސްކަމުގެ 10 ވަނަ އަހަރުއެވެ.