ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސިޔާސަތަކީ ކޮންމެ މަސްދޯންޏެއްގައި ވެސް ރެސްކިޔު ޑައިވިން ސެޓްފިކެޓް ލިބިފައިވާ ފަޅުވެރިޔަކު ބެހެއްޓުން ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
މީރުމާގައި މިރޭ ބޭއްވި މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަދައްކަވަމުން ޝިޔާމް ވިދާޅުވީ މަސްވެރިކަމުގައި އެން ހޯދުމަށް ފުޅި އަޅައިގެން ޑައިވިން ކުރުމުގެ ސަބަބުން ނުރައްކާތެރި ހާދިސާތަކެއް ހިނގަމުންދާ ކަމަށެވެ. އެގޮތުން ޑީކޮމްޕްރެޝަންގެ ހާދިސާތައް ގިނަ ކަމަށާއި އެއީ ހޭލުންތެރިކަން ކުޑަވުމުގެ ސަބަބުން ދިމާވާ ކަންކަން ކަމަށް ޝިޔާމް ވިދާޅުވިއެވެ. އަދި ޑައިވްކުރުމުގައި އަމަލުކުރަން ޖެހޭ އުސޫލު އެނގި ހުރެ، ފަރުވާކުޑަކުރުމުގެ ސަބަބުން ވެސް ޑީކޮމްޕްރެޝަން ފަދަ ހިތާމެވެރި ހާދިސާތައް ހިނގާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"މި ލިބޭ އަނިޔާ ނުވަތަ ގެއްލުން ކުޑަކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ ވަރަށް ބޮޑު ވިސްނުންފުޅެއް އެބައޮތް. ދިވެހިރާއްޖޭގެ މަސްވެރި މި ފުލީޓުގައި ކޮންމެ ދޯންޏެއްގެ މަދުވެގެން ރެސްކިޔު ޑައިވިން ސެޓްފިކެޓް އޮތް ފަޅުވެރިޔަކު ހުރުން ލާޒިމުކުރާ ސިޔާސަތެއް،" ޝިޔާމް ވިދާޅުވިއެވެ.
ޝިޔާމް ވިދާޅުވީ ރެސްކިޔު ޑައިވަރެއްގެ ސެޓްފިކެޓް ލިބުމުގެ ކުރިން އޯޕަން ވޯޓާ، އެޑްވާންސް ޑައިވިން، ސްޕެޝަލިޓީ ޑައިވިން އަދި މެޑިކް ފަސްޓް އެއިޑް ޑައިވިން ސެޓްފިކެޓް ހޯދަން ޖެހޭ ކަމަށެވެ. އެއަށްފަހު އަންނަނީ ރެސްކިޔު ޑައިވިން ކަމަށް ޝިޔާމް ވިދާޅުވިއެވެ. މަސްވެރިންނަކީ ވަރަށް ބޮޑު ނުރައްކަލެއްގެ ތެރޭގައި މަސައްކަތްކުރާ ބައެއް ކަމަށާއި މަސްވެރިން މަސައްކަތް ކުރަނީ ހޮސްޕިޓަލްތަކާ ދުރުގައި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ނަމަވެސް ރެސްކިޔު ޑައިވަރެއް ދޯނީގައި ހުރެއްޖެ ކަމަށްވާނަމަ އެމަޖެންސީތަކަށް ފަސްޓު ރެސްޕޮންޑް ކުރެވިގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މުސްތަގުބަލުގައި މަސްދޯނިތަކުގައި އޮކްސިޖަން ސިލިންޑާ ހުންނަ މަންޒަރު ފެނިވަޑައިގަންނަވާ ކަމަށާއި ރެސްކިޔު ޑައިވަރުން ތަމްރީނު ކުރަނީ އޮކްސިޖަން އެޑްމިނިސްޓްރޭޝަން ދަސްކޮށްދީގެން ކަމަށް ޝިޔާމް ވިދާޅުވިއެވެ.
މިއަދު ބޭއްވި މަސްވެރިންގެ ގުންޒަރު ހޫނުވެގެން ދިޔަ ކަމަށާއި އެއީ އާންމު ގޮތެއްގައި އެފަދަ ގުންޒަރުތަކުގައި މަސްވެރިންގެ އުދާސްތައް ހުންނަ ގޮތް ކަމަށް ޝިޔާމް ވިދާޅުވިއެވެ. އެ ގުންޒަރަކީ ވަރަށް ފައިދާކުރަނިވި ގުންޒަރެއް ކަމަށާއި މަސްވެރިންނަށް ދިމާވެފައިވާ ދަތިތައް ވަރަށް ބޮޑަށް އެނގިގެންދިޔަ ކަމަށް ޝިޔާމް ވިދާޅުވިއެވެ.