އަހަރެއް ތެރޭ ފަސް ކުއްޖަކަށް ބޯންމެރޯ ހެދޭނެ އިންތިޒާމު ހަމަޖައްސައި، ތެލެސީމިއާއަށް ހާއްސަ ހޮސްޕިޓަލެއް ގާއިމުކުރުމަށް ސަރުކާރުން ނިންމައިފިއެވެ.
ރައީސް އޮފީހުގައި މިއަދު ވަނީ ކެބިނެޓް ބައްދަލުވުމެއް ބާއްވަވައިފައެވެ. އެ ބައްދަލުވުމުގައި ނިންމި ކަންކަމުގެ މައުލޫމާތު ހިއްސާކުރުމަށް ރައީސް އޮފީހުގައި މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް އޮފީހުގެ އަންޑާ ސެކްރެޓެރީ ފޯ ޕަބްލިކް ޕޮލިސީ މުހައްމަދު ފިރުޒަލް ވިދާޅުވީ މިއަދު މަޝްވަރާކޮށްފައިވަނީ ތެލެސީމިއާ ޕޭޝަންޓުންނަށް މިހާރު ދެވޭ ހިދުމަތްތައް ހަރުދަނާކޮށް، ފުޅާކުރުމުގެ އިތުރަށް ހިލޭ ބޯންމެރޯ ޓްރާންސްޕްލާންޓޭޝަނެއް ނުވަތަ ހިލޭ ބޯންމެރޯ ޓްރާންސްޕްލާޓް ހެދޭނެ ގޮތް މަގުފަހިކޮށްދިނުމަށް ކަމަށެވެ.
ފިރުޒުލް ވިދާޅުވީ "ކުރިއަށްއޮތް އަހަރުގެ ތެރޭގައި ފަސް ކުއްޖަކަށް ބޯންމެރޯ ޓްރާންސްޕްލާންޓު ހެދުމަށް ނިންމާފައިވާ" ކަމަށެވެ.
އެ ހިދުމަތް ފޯރުކޮށްދޭނީ ދައުލަތުގެ ހަރަދުގައި ކަމަށާއި ކުރިއަށްއޮތް މަދު ހަފުތާއެއްގެ ތެރޭގައި އެއް ކުއްޖަކު ބޯންމެރޯ ހެދުމަށް ރާއްޖެއިން ބޭރަށް ފޮނުވާނެ ކަމަށް ފިރުޒުލް ވިދާޅުވިއެވެ. މިހާރު ވެސް އެ ހިދުމަތް ހޯދުމަށް ވެއިޓިން ލިސްޓުގައި ގިނަ ކުދިންތަކެއް އެބަތިބި ކަމަށް ފިރުޒުލް ވިދާޅުވިއެވެ. ކެބިނެޓުން ނިންމާފައިވަނީ އެ ހުރިހާ ކުދިންނަށް އަންނަ އަހަރުގެ ތެރޭގައި ބޯންމެރޯ ހެދޭނެ މަގުފަހިކޮށްދިނުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.
އެއަށްފަހު ސިސްޓަމެޓިކްކޮށް ބޯންމެރޯ ހެދުމަށް މެޑިކަލީ ކޮލިފައިވާ ކޮންމެ ކުއްޖަކަށް އެކަން ކުރެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށް ފިރުޒުލް ވިދާޅުވިއެވެ.
"މިކަން ހައްލުކުރުމަށްޓަކައި އެންމެ މައިގަނޑު ކަމެއްގެ ގޮތުން މިއަދުގެ ވަޒީރުންގެ މަޖިލީހުން ނިންމާފައިވަނީ ތެލެސީމިއާ ފަރުވާއަށް، ތެލެސީމިއާ ބައްޔަށް ބޭނުންވާ ފުރިހަމަ ފަރުވާ ފޯރުކޮށްދެވޭނެ ވަށާޖެހޭނެ ހިދުމަތްތައް ފޯރުކޮށްދެވޭނެ ހޮސްޕިޓަލެއް، ހާއްސަ ހޮސްޕިޓަލެއް ގާއިމުކުރުމަށް،" ފިރުޒުލް ވިދާޅުވިއެވެ.
އެ ހޮސްޕިޓަލުން ބޯންމެރޯ ހެދުމުގެ ކުރިން ފޯރުކޮށްދޭ ހިދުމަތްތައް ލިބެން ހުންނާނެ ކަމަށާއި ބޯންމެރޯއަށް ފަހު ބޭނުންވާ ހިދުމަތްތައް ވެސް ލިބެން ހުންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ހިދުމަތް ހޯދުމަށް ރަށްރަށުން އަންނަ މީހުންނަށް އެ ހޮސްޕިޓަލުގެ ތެރެއިން އެކޮމޮޑޭޝަން ހަމަޖެހެން ހުންނާނެ ކަމަށް ފިރުޒުލް ވިދާޅުވިއެވެ.
ދައުލަތުގެ ބަޖެޓުގެ ތެރެއިން މިހާރު ވެސް ތެލެސީމިއާ ޕޭޝަންޓުންނަށް ބޭނުންވާ ބޭހާއި އެހެނިހެން ބައެއް ތަކެތި ކަވަރުކޮށްދޭ ކަމަށެވެ. ނަމަވެސް އެކަންކަން ތަރުތީބުވެފައިވާ ގޮތުގެ ސަބަބުން ތެލެސީމިއާގެ ފަރުވާ ލިބިގަތުމަށް ދަތިތަކެއް ހުރިކަމަށް ފިރުޒުލް ވިދާޅުވިއެވެ.
"މިއަދު އެ ފަރުވާއާ ގުޅޭ ކަންތައްތައް އަދި ހަމަ އެހެންމެ ފަރުވާއަށް ޑައިގްނޯސިސް ކުރެވިގެން ފޯރުކޮށްދެވޭ ބޭސްފަރުވާ ފޯރުކޮށްދެވެނީ މޯލްޑިވްސް ބްލަޑް ސާވިސްގެ ހިދުމަތްތަކުގެ ތެރެއިން ކަމަށްވާތީވެ އެ ފަރާތްތައް އެ ހިދުމަތް ހޯދުމަށް އޮތް ހަމައެކަނި މަގަކީ މޯލްޑިވްސް ބްލަޑް ސާވިސް ކަމަށް ވީތީވެ ހޯދުމުގެ ބައެއް ކަހަލަ ދަތިތަކެއް ހުރޭ،" ފިރުޒުލް ވިދާޅުވިއެވެ.
އެ ދަތިތަށް ދިމާވުމުގެ ސަބަބުން ބޭސް ސިޓީއަށް ބޭސް ލިބުމުގައި ދެތިން ދުވަހެއް ހޭދަވާ ކަމަށް ފިރުޒުލް ވިދާޅުވިއެވެ. އެހެންވެ ކެބިނެޓް މަޝްވަރާއަށްފަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ، ތެލެސީމިއާ ބައްޔަށް ފަރުވާކުރުމަށް ބޭނުންވާ ބޭސް އަދި އެހެނިހެން ތަކެތި ސްޓޭޓް ޓްރޭޑިން އޯގަނިޒޭޝަން (އެސްޓީއޯ) މެދުވެރިކޮށް، އާސަންދައިގެ ތެރެއިން ލިބޭނެ ގޮތަށް ބަދަލުކުރަން ކަމަށެވެ.
ފިރުޒުލް ވިދާޅުވީ އެކަން އެގޮތަށް ބަދަލުވުމުގެ ސަބަބުން އެހެން ބޭސްތައް ލިބިދޭ ފަދައިން ފަސޭހަކަމާއެކު ތެލެސީމިއާ ބޭސްތަކާއި ތެލެސީމިއާގެ ފަރުވާގެ ކަންކަމަށް ބޭނުންވާ އެހެނިހެން ތަކެތި ލިބެން ހުންނާނެ ކަމަށެވެ.
"ބޭސް ސިޓީ ހިފައިގެން އެސްޓީއޯގެ ނުވަތަ އެހެންވެސް ފާމަސީއަކަށް އެ ބޭސް ސިޓީ ގެންގޮސްދިނުމުން އިރާދަކުރެއްވިއްޔާ އެ ބޭސް ސިޓީ މާލޭގަ ވެސް އަދި ހަމައެހެންމެ ރަށްރަށުގައި ވެސް ބޭސް ސިޓީއަށް ބޭނުންވާ ބޭހާ އެހެނިހެން ކޮންސިއުމަބަލްސް ފަހިވެގެން ލިބޭ ގޮތަށް ހަމަޖެހިގެންދާނެ،" ފިރުޒުލް ވިދާޅުވިއެވެ.
ތެލެސީމިއާ ވާރުތަވޭތޯ ބެލުމަށް ބައެއް މީހުން ހަދަންޖެހޭ ޑީއެންއޭ ޓެސްޓުގެ ހިދުމަތް ފޯރުކޮށްދެނީ ހަމައެކަނި އަމިއްލަ ފަރާތްތަކުން ކަމަށް އޭނާ ވިދާޅުވިއެވެ. އެ ޓެސްޓު އާސަންދައިގެ ތެރެއިން ކަވަރުނުކުރާ ކަމަށާއި އެކަމުގެ ޓެސްޓު ހެދުމަށް ބައެއް މީހުން ފަސްޖެހޭ ކަމަށް ފިރުޒުލް ވިދާޅުވިއެވެ. އެކަން ހައްލުކުރުމުގެ ގޮތުން އެ ޓެސްޓަކީ އާސަންދައިގެ ދަށުން ހެދޭ ޓެސްޓަކަށް ބަދަލުކުރުމަށް ނިންމާފައިވާ ކަމަށް ފިރުޒުލް ވިދާޅުވިއެވެ.
އަދި ތެލެސީމިއާ ޕޭޝަންޓުން ހަދަންޖެހޭ ޓީޓޫ ސްޓާ ޓެސްޓު މިހާރު ހެދެން ހުންނަނީ ޕްރައިވެޓް ހެލްތު ކެއާ ނިޒާމުގެ ތެރެއިން ކަމަށާއި އެ ޓެސްޓުގެ ހަރަދު އާސަންދައިން ކަވަރުކުރި ނަމަވެސް، އެ ޓެސްޓު ހެދުމުގައި ދަތިތަކެއް ދިމާވާކަމަށް ފިރުޒުލް ވިދާޅުވިއެވެ. އެ ދަތިތަކުގެ ސަބަބުން ބައެއް ފަރާތްތަކުން އެ ޓެސްޓު ނުހެދުމުގެ ސަބަބުން އިތުރު މައްސަލަތަކެއް ދިމާވާކަމަށް ފިރުޒުލް ވިދާޅުވިއެވެ.
އެ މައްސަލަ ހައްލުކުރުމުގެ ގޮތުން ޓީޓޫ ސްޓާ ޓެސްޓު ހެދުމަށް އާސަންދައިގެ ތެރެއިން އިތުރު އިޖުރާއަތެއް ފުރިހަމަކުރަން ނުޖެހޭ ގޮތަށް ހަދައިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.