ޚަބަރު

އައްޑޫއަށް ފެން ނުލިބޭތާ ދެ ދުވަސް

އައިޝަތު އަފްޝަން

އައްޑޫ ސިޓީއަށް އަދިވެސް ފެން ނުލިބޭ ކަމަށް އެ ސިޓީގެ މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.

އައްޑޫ ސިޓީގެ އާރުއޯ ޕްލާންޓުގެ ވީއެފްޑީ ޑްރައިވަށް ދިމާވި މައްސަލައަކާ ގުޅިގެން އައްޑޫގެ ސިޓީގެ ގުޅިފައިވާ ރަށްތަކަށް ފެނުގެ ހިދުމަތް ކެނޑުނީ މިދިޔަ ބުރާސްފަތި ދުވަހުގެ މެންދުރުފަހުގެ ވަގުތެއްގައެވެ. އެ މައްސަލަ ހައްލު ކުރުމަށް މާލެއިން އާރްއޯ ޕްލާންޓުގެ ވީއެފްޑީ ޑްރައިވެއް އިއްޔެ އެއާފްރައިޓް ކޮށްފައިވާ އިރު، އެ ޑްރައިވް އިއްޔެ ވަނީ އިންސްޓޯލް ކޮށްފައެވެ.

އެ ޑްރައިވް ގުޅާތާ އެއް ގަޑިއިރުގެ ތެރޭގައި ފެން ފޯރުކޮށްދެވޭނެ ކަމަށް ފެނަކައިން ބުނެފައިވާ ނަމަވެސް، އަދިވެސް ފެނުގެ ހިދުމަތް ނުލިބެއެވެ.

އައްޑޫގެ މޭޔަރު އަލީ ނިޒާރު މިއަދު "ވަން" އަށް ވިދާޅުވީ އެކަން ހައްލުކުރުމުގެ މަސައްކަތް އަދިވެސް ކުރިއަށްދާ ކަމަށެވެ. ނަމަވެސް އެކަމުގެ އިތުރު ތަފްސީލެއް ނުދެއްވައެވެ.

އެކަމާ ގުޅިގެން ފެނަކައާ ގުޅުމުން ފޯނަށް ޖަވާބު ނުދޭތީ އެ ކުންފުނީގެ ބަހެއް ލިބިފައެއް ނުވެއެވެ.